04 ފެބުރުއަރީ 2018 - 20:48

ޗައިނާ އާއި އިނގިރޭސި ވިލާތުގެ މީހުން ރާއްޖެ އަށް ދަތުރު ކުރުމުގައި ސަމާލުވުމަށް އަންގައި އެ ދެެ ގައުމުން ޓްރެވަލް އެޑްވައިޒަރީއެއް މިއަދު ނެރެފި އެވެ.
ޖަލުގައި ތިއްބެވި ސިޔާސީ ބޭފުޅުން ދޫކޮށްލުމަށް ސުޕްރީމް ކޯޓުން މިދިޔަ ބުރާސްފަތި ދުވަހު ނެރުނު އަމުރު ތަންފީޒު ކުރުން ލަސްވުމާ ގުޅިގެން ރާއްޖޭގެ ސިޔާސީ މަސްރަހު އަނެއްކާ ވެސް ހަލަބޮލިވެފައިވާތީ އެ ގައުމުތަކުން ނެރުނު އެޑްވައިޒަރީގައި ބުނެފައިވަނީ މި ދުވަސްކޮޅު ރާއްޖެ އަށް ދަތުރުކުރުމުގައި ސަމާލުވެ، ރާއްޖޭގައި ތިބި އެ ގައުމުތަކުގެ ތިބި މީހުން ރައްކާތެރިވެ ތިބުމަށެވެ.
ރާއްޖެއާ ގާތް ގުޅުމެއް އޮންނަ އަދި އެންމެ ގިނަ ޓޫރިސްޓުން އަންނަ ޗައިނާ އިން ނެރުނު އެޑްވައިޒަރީގައި ބުނެފައިވަނީ ރާއްޖޭގައި ހުރި ޗައިނާ އެމްބަސީ އާއި އެ ގައުމުގެ މީހުން ރާއްޖޭގެ ހާލަތު ކައިރިން ބަލައި، ސަމާލުވުމަށެވެ. އަދި މި ދުވަސްވަރު މާލޭގައި މުޒާހަރާ ކުރަމުން ދާއިރު އެ ފަދަ އެއްވުންތަކަށް ނުދިޔުމަށް ވެސް އިލްތިމާސްކޮށްފައި ވެ އެވެ.
ޗައިނާ އިން އެޑްވައިޒަރީ ނެރެފައިވަނީ އަންނަ ހުކުރު ދުވަހުގެ ނިޔަލަށެވެ.
އިނގިރޭސި ވިލާތުން ނެރުނު ޓްރެވަލް އެޑްވައިޒަރީގައި އެދިފައިވަނީ ކުރިމަގުގައި އަދިވެސް މުޒާހަރާ ކުރާނެ ކަމަށް ބެލެވޭ ކަމަށާއި އެހެންވެ، އެކަމަށް ހާއްސަ ސަމާލުކަން ދިނުމަށެވެ. އަދި ބައެއް މުޒާހަރާތައް ހޫނުވެ މީހުން ވެސް ހައްޔަރުކުރަމުންދާ ކަމަށާއި އެހެންވެ، އެ ފަދަ އެއްވުންތަކާ ކައިރި ނުވުމަށް ވެސް އިނގިރޭސި ވިލާތުގެ ޓްރެވަލް އެޑްވައިޒަރީގައި އެދިފައިވެ އެވެ.
ޖަލުގައި ތިއްބެވި ސިޔާސީ ލީޑަރުންނާއި ސިޔާސީ އެހެން ބޭފުޅުން ދޫކޮށްލުމަށް ސުޕްރީމް ކޯޓުން ނެރުނު އަމުރަށް ތަބާ ނުވާނެ ކަމަށް ސަރުކާރުން ވަނީ އަންގައިފަ އެވެ. އަދި އެއާ ގުޅިގެން މާލޭގައި ކޮންމެ ރެއަކު އިދިކޮޅު ފަރާތްތަކުން މުޒާހަރާ ކުރަމުން އަންނަ އިރު، އެ އަމުރާ އެއްގޮތަށް އަމަލު ކުރުމަށް ބޭރުގެ ގައުމުތަކުން އަންނަނީ ގޮވާލަމުންނެވެ.