04 ފެބުރުއަރީ 2018 - 19:25

ބާލިން (ފެބްރުއަރީ 4) - ނޯތު ކޮރެއާގެ ނިއުކްލިއާ ހަތިޔާރު ޕްރޮގްރާމަށް ޓެކްނޮލޮޖީ ހޯދާފައި ވަނީ ބާލިން އެމްބަސީ މެދުވެރިކޮށް ކަމަށް ޖަރުމަނުގެ ޖާސޫސީ އިދާރާގެ ވެރިޔާ ވިދާޅުވެއްޖެ އެވެ.
އެންޑީއާރު ޓީވީ އަށް ދެއްވި އިންޓަވިއުއެއްގައި ހެންސް-ޖޯޖް މާސެން ވިދާޅުވީ ޓެކްނޮލޮޖީ ހޯދަން ނޯތު ކޮރެއާ އިން ކުރި ގިނަ މަސައްކަތްތައް ނާކާމިޔާބުކޮށްލާފައިވާ ކަމަށެވެ. އެކަމަކު ހުރިހާ ކަމެއް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ. ނޯތު ކޮރެއާ އިން ހޯދަން އުޅުނީ ކޮން ބާވަތެއްގެ މިސައިލް ޓެކްނޮލޮޖީއެއް ކަމެއް މާސެން ވިދާޅެއް ނުވެ އެވެ. މާސެންގެ ވާހަކަތަކާ ގުޅިގެން ނޯތު ކޮރެއާ އިން އަދި ކޮމެންޓް ކޮށްފައެއް ނުވެ އެވެ.
ނޯތު ކޮރެއާ އިން ނިއުކްލިއާ މިސައިލް ޕްރޮގްރާމް ކުރިއަށް ގެންދަނީ އދ.ގެ ސަލާމަތީ މަޖްލީހުގެ ގަރާރުތަކާ ޚިލާފަށެވެ. އދ. އިން ހުކުރު ދުވަހު ނެރުނު ރިޕޯޓެއްގައި ބުނެފައި ވަނީ ސަލާމަތީ މަޖިލީހުގެ ގަރާރުތަކާ ޚިލާފަށް ނޯތު ކޮރެއާ އިން މުދާ އެކްސްޕޯޓްކޮށްގެން މިދިޔަ އަހަރު 200 މިލިއަން ޑޮލަރުގެ އާމްދަނީއެއް ހޯދާފައިވާ ކަމަށެވެ. އަނެއްކޮޅުން ނޯތު ކޮރެއާ އިން ސީރިއާ އާއި މިއަންމާ އަށް ހަތިޔާރު ފޯރުކޮށްދޭ ކަމަށް އދ. ގެ އެހެން ރިޕޯޓެއްގައި ބުނެފައިވެ އެވެ.