04 ފެބުރުއަރީ 2018 - 19:48

ޖުޑީޝަލް އެޑްމިނިސްޓްރޭޓަރު ހަސަން ސައީދު ހުސައިން ހައްޔަރުކުރުމަށް ކްރިމިނަލް ކޯޓުން އިއްޔެ ނެރުނު އަމުރު ސުޕްރީމް ކޯޓުން މިއަދު ބާތިލް ކޮށްފި އެވެ.
އޭނާ ހައްޔަރު ކުރުމަށް ނެރުނު އަމުރު ސުޕްރީމް ކޯޓުން މި ބާތިލު ކުރީ، ފުލުހުންނަށް ހުށަހެޅި ރިޝްވަތުގެ މައްސަލައެއްގެ ތަހުގީގަށް ކޯޓު އަމުރެއްގެ ދަށުން ހަސަން ސައީދު ހައްޔަރުކުރަން ހޯދަމުންދާ ކަމަށް ބުނެ މިއަދު ހެނދުނު ފުލުހުން ނޫސް ބަޔާނެއް ނެރެފައިވަނިކޮށެވެ.
ކްރިމިނަލް ކޯޓުގެ އަމުރު ބާތިލުކޮށް ސުޕްރީމް ކޯޓުން މިއަދު ނެރުނު އަމުރުގައި ބުނެފައިވަނީ، ފުލުސް އޮފީހުގެ ބަޔާނުގައިވާ ކަންކަން ބެލުމުން، ރާއްޖޭގެ އަދުލް އިންސާފު ގާއިމްކުރުމުގެ އެންމެ އިސް އިދާރީ މުވައްޒަފު ހައްޔަރު ކުރުމުގެ އަމުރު ތަންފީޒު ކުރަމުން ދަނީ ހަމަޖެހިފައިވާ ގާނޫނީ އިޖްރާއަތާ ޚިލާފަށް ކަމަށެވެ. އަދި އެކަން ކުރަނީ އަދުލް އިންސާފުގެ ބޭނުން ނަހަމަ ގޮތުގައި ބޭނުން ކުރުމަށް މަގުފަހިވާ ގޮތަށް ކަމަށް އެނގެން އޮންނާތީ އެ އަމުރު ބާތިލް ކުރީ ކަމަށް ސުޕްރީމް ކޯޓުގެ އަމުރުގައި ބުނެފައިވެ އެވެ.
އަދި ކްރިމިނަލް ކޯޓުގެ އެ އަމުރާ ގުޅިގެން އެއްވެސް ފިޔަވަޅެއް ނޭޅުމަށާއި އެ އަމުރާ ގުޅޭ މައްސަލަ ކްރިމިނަލް ކޯޓަށް ހުށަހެޅީއްސުރެ، އެ މައްސަލައާ ގުޅިގެން އަޅާފައިވާ ފިޔަވަޅުތައް އެނގޭ ގޮތަށް މައްސަލައިގެ ފަައިލް މި ރޭ ހަތެއް ޖެހުމުގެ ކުރިން ސުޕްރީމް ކޯޓަށް ފޮނުވަން އެ ކޯޓުން ވަނީ ކްރިމިނަލް ކޯޓަށް އަމުރު ކޮށްފަ އެވެ.
ހަސަން ސައީދު ހޯދަމުން ދަނީ، ފުލުހުން މިއަދު ހެނދުނު ބުނި ގޮތުގައި، މާލޭގައި އިމާރާތް ކޮށްފައިވާ ކޮމާޝަލް ހައުސިން އެޕާޓްމެންޓް ޕްރޮޖެކްޓެއްގެ ދަށުން އިމާރާތް ކޮށްފައިވާ ފްލެޓްތަކުން ފްލެޓެއް ގަތުމަށް ދާދި ފަހުން ކޮށްފައިވާ މުއާމަލާތެއްގައި ހިމެނޭ ގޮތަށް ރިޝްވަތުގެ މުއާމަލާތްތަކެއްގައި ބައިވެރިވެފައިވާ ކަމުގެ ކިތާބީ ހެކި ލިބިފައިވާތީ އެވެ.