04 ފެބުރުއަރީ 2018 - 18:08

އިދިކޮޅު ފަރާތްތަކުން ރޭ މާލޭގައި ބޭއްވި އެއްވުމުގައި ހައްޔަރުކުރި، ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ފެކްޝަންގައި މަސައްކަތް ކުރައްވާ އާމިނަތު ނާދިރާގެ ބަންދުގެ މުއްދަތު އިތުރުކުރަން ގެންދިއުމުން ކްރިމިނަލް ކޯޓުން އޭނާ މިއަދު ދޫކޮށްލައިފި އެވެ.
ފުލުހުން، ނާދިރާ ހައްޔަރުކުރީ އަންހެން ފުލުހެއްގެ ގައިގައި ޖެހި ކަމަށް ބުނެ އެވެ. އެކަމަކު އޭނާއާ އެއްކޮށް މުޒާހަރާގައި ބައިވެރިވި މީހުން ވަނީ ފުލުހުންގެ ވާހަކަ ދޮގުކޮށްފަ އެވެ.
ނާދިރާ ހައްޔަރުކޮށް، އޭނާގެ ބަންދާ މެދު ގޮތެއް ނިންމަން ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމުން އެ ކޯޓުން ވަނީ ބަންދުގައި ބަހައްޓަން ނުފެންނަ ކަމަށް ނިންމައިފަ އެވެ.
ނާދިރާގެ ވަކީލު، ނާޒިމް އަބްދުއްސައްތާރު ވިދާޅުވީ އަންހެން ފުލުހަށް އަނިޔާއެއް ވެފައިވާ ކަން މުއްދަތުގެ މަޖިލީހުގައި ސާބިތުކޮށްދޭން ޖެހޭނެ ކަމަށެވެ. އެކަމަކު ފުލުހުންގެ ފަރާތުން އެފަދަ މައުލޫމާތެއް ކޯޓަށް ދީފައި ނުވާތީ ނާދިރާ ދޫކޮށްލީ ކަމަށް އޭނާ ވިދާޅުވި އެވެ.
ޖަލުގައި ތިއްބެވި ނުވަ ސިޔާސީ ބޭފުޅުން ދޫކޮށްލަން ސުޕްރީމް ކޯޓުން ނެރުނު އަމުރު ތަންފީޒު ކުރުމަށް އިދިކޮޅު ހަރަކާތުން ރޭ ބޭއްވި އެއްވުމުގައި ނާދިރާގެ އިތުރުން ވެސް ދެ މީހަކު ހައްޔަރުކުރި އެވެ. އެކަމަކު، އަނެއް ދެ މީހުން ކޯޓަށް ހާޒިރު ނުކޮށް، ފުލުހުން ވަނީ ފަހުން ދޫކޮށްލައިފަ އެވެ.
ނާދިރާއަކީ ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ތެރެއިން، ރައީސް މައުމޫންގެ ފަރާތުން ވަރަށް އިސްކޮށް މަސައްކަތް ކުރައްވާ ބޭފުޅެކެވެ.