04 ފެބުރުއަރީ 2018 - 22:30

ރައްޔިތުންގެ މަޖިލީހުން އިންތިހާބު ކުރާ ސުޕްރީމް ކޯޓުގެ ފަސް ފަނޑިޔާރަށް ރައީސުލްޖުމްހޫރިއްޔާ ވަކި ނުކުރެވޭނެ ކަމަށް ވިދާޅުވެ، ކެލާ ދާއިރާގެ މެމްބަރު އަލީ އާރިފް ފަނޑިޔާރުންނަށް ފާޑު ވިދާޅުވެއްޖެ އެވެ.

ޕީޕީއެމްގެ "ރުމާލު 2" ޖަގަހައިގައި މިރޭ ބޭއްވި ޖަލްސާގައި އަލީ އާރިފް ވިދާޅުވީ ރައީސަކު މަގާމުން ވަކި ކުރެވޭނީ މަޖިލީހަށް ހުށަހަޅައިގެން ފާސްކުރާ ގަރާރަކުން ކަމަށެވެ. ގާނޫނުއަސާސީ ހުއްދަ ކުރާ އުސޫލުތަކެއް ހުރިއިރު، ގާނޫނުއަސާސީއާ ހިލާފަށް ރައީސެއް ބޭރު ނުކުރެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
އާރިފް ވިދާޅުވި ގޮތުގައި ދައުލަތާއި ސިފައިންގެ އެންމެ މަތީ ވެރިއަކީ ރައީސުލްޖުމްހޫރިއްޔާ އެވެ.
ގާނޫނުއަސާސީން ކަނޑައަޅާފައިވާ ކަންކަން ތަންފީޒު ކުރުމަށް ދައުލަތުގެ މުއައްސަސާތަކަށް ބާރު އެޅުމުގެ އެންމެހާ ޒިންމާތައް ރައީސުލްޖުމްހޫރިއްޔާއާ ހަވާލުކޮށްފައިވާ ކަމަށް ގާނޫނުއަސާސީގެ ބައެއް މާއްދާތަކުން މިސާލު ނަންގަވައި ޕީޕީއެމްގެ ސްޕޯކްސްޕާސަން އާރިފް ވިދާޅުވި އެވެ.
"ދައުލަތުގެ ވެރިންނަކީ އެއީކީ ނޫން، (ސުޕްރީމް ކޯޓުގެ ފަނޑިޔާރުން) ދައުލަތުގެ ވެރިޔާއަކީ ރައްޔިތުން އިންތިހާބުކުރި ރައީސް. އެ ބޭފުޅާގެ މައްޗަށް ފާޑު ފާޑަށް ބަސް ވިދާޅުނުވާތި،" ފޯރި އާއި ޖޯޝުގައި ހުންނެވި އާރިފް ވިދާޅުވި އެވެ.
ވޭތުވެދިޔަ ހަތަރު އަހަރު ތަރައްގީގެ ގިނަ މަސައްކަތްތަކެއް ރައީސް ކޮށްދެއްވި ކަމަށާއި ރައީސްގެ ކުށަކީ ރައްޔިތުންނަށް އެކަންކަން ކޮށްދިނީމަތޯ އާރިފް ސުވާލުކުރެއްވި އެވެ.
ރައީސް އަބްދުﷲ ޔާމީން މަގާމުން އަޒުލުކުރަން ސުޕްރީމް ކޯޓުން ނެރޭ އަމުރަކަށް ތަބާނުވާން ސަލާމަތީ ބާރުތަކަށް ލަފާ ދެއްވާފައިވާ ކަމަށް އެޓާނީ ޖެނެރަލް މުހައްމަދު އަނިލް ވަނީ ވިދާޅުވެފަ އެވެ. އަދި އަމުރަށް ތަބާނުވާނެ ކަމަށް އޭޖީ ވިދާޅުވުމުން އިދިކޮޅު ފަރާތްތަކުން ދަނީ ވަރަށް ބޮޑަށް ފާޑު ކިޔަމުންނެވެ.
ކެނދިކުޅުދޫ ދާއިރާގެ އެމްޑީއޭގެ މެމްބަރު އަލީ މައުރޫފް ވިދާޅުވީ ރައީސް ޔާމީން ގާނޫނާ ހިލާފަށް ކުރި އެއްވެސް ކަމެއް މި ހަތަރު އަހަރު ދުވަހުގެ ތެރޭގައި ނޯންނާނެ ކަމަށެވެ. އަދި މާޒީގައި ދިޔަ ވެރިންނަށް ނުކުރެވުނު އެތައް 100 ކަމެއް ރައީސް ޔާމީން ކުރައްވާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
ޕީޕީއެމް/އެމްޑީއޭ ކޯލިޝަން ރޫޅިގެން ނުދާނެ ކަމަށާއި މިހާރު އުފެދިފައިވާ މައްސަލަތައް ހައްލުކުރުމުގެ ގަޓު ރައީސްގެ އެބަހުރި ކަމަށް ވެސް މައުރޫފް ވިދާޅުވި އެވެ. އަދި ރައީސް ޔާމީން އިސްލާމީ ހުދޫދުން ބޭރުވެފައިނުވާ ކަމަށް ވެސް މައުރޫފް ވިދާޅުވި އެވެ.