04 ފެބުރުއަރީ 2018 - 16:34

ނިއު ދިއްލީ (ފެބްރުއަރީ 4) - ސްރީ ލަންކާގައި ހިންގާ ޗައިނާގެ ޕްލޭނާ މެދު ކަންބޮޑުވާ ކަމަށް އިންޑިއާގެ ޑިފެންސް މިނިސްޓަރު ނިރްމަލާ ސިތާރަން ވިދާޅުވެއްޖެ އެވެ.
އިންޑިއާ އިން މި ކަންބޮޑުވުން ފާޅުކޮށްފައި ވަނީ ދެކުނުގެ ހަމްބަންޓޯޓާ ބަނދަރުގެ އޮޕަރޭޝަނަލް ކޮންޓްރޯލް ޗައިނާ ސަރުކާރު ކުންފުންޏަކަށް މިދިޔަ މަހު ދިނުމާ ގުޅިގެންނެވެ. އިންޑިއާގެ ޑިފެންސް މިނިސްޓަރު ވަނީ ސްރީ ލަންކާގެ މުހިންމު ބަނދަރެއް ޗައިނާއާ ހަވާލު ކުރުމުން އެކަމުގައި ހުރި ސަލާމަތީ ކަންތައްތަކާ މެދު ކަންބޮޑުވާ ކަމަށް ވިދާޅުވެފަ އެވެ. އަދި ޗައިނާ އިން ހަމްބަންޓޯޓާގައި ހިންގާނީ ހަމައެކަނި ބަނދަރުގެ ހަރަކާތްތައްތޯ އެކަމަނާ ވަނީ ސުވާލު އުފައްދައިފަ އެވެ.
ނިރްމަލާ ވިދާޅުވީ ސްރީ ލަންކާގެ މުހިންމު ބަނދަރެއް 99 އަހަރަށް ޗައިނާ އަށް ދިނީ ލޯނު ނުދެއްކުމުން ކަމަށެވެ. އަދި ހަމްބަންޓޯޓާގައި ޗައިނާގެ ބޭސްއެއް ހަދައިފި ނަމަ އެއީ ސަލާމަތީ ގޮތުން ބިރެއް ކަމަށެވެ.
ހަމްބަންޓޯޓާ ބަނދަރާއި އެއާޕޯޓް ފަދަ މަޝްރޫއުތައް ސްރީ ލަންކާގެ ކުރީގެ ސަރުކާރުން ހިންގީ ޗައިނާ އިން ބޮޑެތި ލޯނުތައް ނަގައިގެންނެވެ.