04 ފެބުރުއަރީ 2018 - 17:01

ށ. ފުނަދު އާއި ގދ. މާވަރުލު ޑޮމެސްޓިކް އެއާޕޯޓްގެ ރަންވޭ އާއި ޓެކްސީވޭ އަދި އޭޕްރަން ހަދައިދޭނެ ބަޔަކު ހޯދަން ފިނޭންސް މިނިސްޓްރީން އިއުލާންކޮށްފި އެވެ.
އެ މިނިސްޓްރީން މިއަދު ކުރި އިއުލާނުގައި ބުނެފައި ވަނީ އެ ދެ އެއާޕޯޓުގެ މަސައްކަތްތަކުގައި ބައިވެރިވާ ކުންފުނިތަކުން ޕްރޮޖެކްޓްގެ ބިޑް ސެކިއުރިޓީ އާއި ޕާފޯމަންސް ސެކިއުރިޓީގެ ގޮތުގައި ކޮންޓްރެކްޓް އަގުގެ ފަސް ޕަސެންޓް ހުށަހަޅަން ޖެހޭނެ ކަމަށެވެ. އަދި އެޑްވާންސް ޕޭމަންޓްގެ ގޮތުގައި ކޮންޓްރެކްޓް އަގުގެ ދިހަ ޕަސެންޓް ލިބޭނެ ކަމަށް ވެސް ފިނޭންސް މިނިސްޓްރީން ބުންޏެވެ.
އެ މިނިސްޓްރީން ބުނީ އެ ޕްރޮޖެކްޓުތަކުގެ ޕްރީ ބިޑް ބައްދަލުވުމެއް އަންނަ ބުރާސްފަތި ދުވަހު 11 ޖަހާއިރު އޮންނާނެ ކަމަށެވެ. އަދި އެ ޕްރޮޖެކްޓަށް ހުށަހަޅާ ބިޑް ހުޅުވުން މި މަހުގެ 15 ދުވަހު އޮންނާނެ ކަމަށް ވެސް ފިނޭންސް އިން ބުންޏެވެ.
ފުނަދޫ އެއާޕޯޓްގެ ރަންވޭ އާއި ޓެކްސީވޭ އަދި އޭޕްރަން ހަދާނެ ބަޔަކު ހޯދަން އިއުލާން ކުރި އިރު އެއާޕޯޓު ހަދާ ސަރަހައްދުގެ ބިން ހިއްކުމުގެ މަސައްކަތް އެމްޓީސީސީން އަންނަނީ ކުރަމުންނެވެ.
އެމްޓީސީސީން މިދިޔަ މަހުގެ ކުރީކޮޅު ފުނަދޫގައި އެއާޕޯޓް އަޅަން އެ ރަށުގެ އުތުރުކޮޅުގެ ހުޅަނގު ފަރާތުން 21 ހެކްޓަރުގެ ބިން ހިއްކަން ވަނީ ފަށައިފަ އެވެ. އަދި ކުރިން މޫވިން އިންޓަނޭޝަނަލްއާ ހަވާލުކޮށްގެން ހަދަމުން އައި މާވާރުލު އެއާޕޯޓުގެ މަސައްކަތް ސަރުކާރުން ވަނީ ހުއްޓުވައި، އެ މަސައްކަތުގެ އެއްބަސްވުން ބާތިލުކޮށްފަ އެވެ.