05 ފެބުރުއަރީ 2018 - 06:36

ޝާހްރުކް ޚާންގެ "ޒީރޯ" ޕްރޮމޯޓްކުރުމުގެ މަސައްކަތް ތަފާތު ގޮތަކަށް ފަށައިފި އެވެ. މި ފިލްމުގެ ވާހަކަތައް އަބަދުވެސް ދެކެވޭ ފަދަ ގޮތަކަށް ފިލްމު އިޝްތިހާރު ކުރަން ފިލްމުގެ ޕްރޮޑިއުސަރު އަދި އެކްޓަރު ޝާހްރުކް ވަނީ ގަސްތުކޮށްފަ އެވެ. ފިލްމުގެ އިޝްތިހާރުކުރުން މިހާރުވެސް ފަށާފައިވާއިރު އަންނަ ޑިސެމްބަރު 21 ވަނަ ދުވަހު ފިލްމު ރިލީޒްކުރުމާ ހަމައަށް ތަފާތު ގޮތްގޮތަށް އަބަދުވެސް ފިިލްމުގެ އިޝްތިހާރު ކުރުމުގެ ކަންތައްތައް ކުރިޔަށް ގެންދާނެ އެވެ.
އެގޮތުން މިހާރުން ފެށިގެން ފިލްމު ރިލީޒްކުރުމާ ދެމެދު މި ހިނގާ މުއްދަތުގައި ދޭތެރެ ދޭތެރެއިން ކުރު ޕްރޮމޯޝަންތައް ނެރުން ހިމެނެ އެވެ.
"ޝާހްރުކް ބޭނުންވަނީ މިއީ ފާހަގަކުރާ ޚާއްސަ މުނާސަބަތަކަށް ހަދަން. އެހެންވެ އިންޑިއާގައި ފާހަގަކުރާ ކޮންމެ ފެސްޓިވަލަކާ ގުޅުވައިގެން ފިލްމު ޕްރޮމޯޓްކުރުމުގެ މަސައްކަތްތަކެއް ކުރިޔަށް ދާނެ،" މި ފިލްމުގެ ޓީމުގައި ހިމެނޭ މީހަކު ބުންޏެވެ.
"ޒީރޯ"ގެ އިޝްތިހާރު ކުރުން ފެށުނީ އާ އަހަރު ފެށުމާ އެކުގަ އެވެ. ޖެނުއަރީ 1 ގައި ޝާހްރުކް ވަނީ އޭނާގެ ކެރެކްޓާ ތައާރަފްކުރުމަށް އެއް މިނިޓްގެ ވީޑީއޯއެއް ރިލީޒްކޮށްފަ އެވެ. މި ވީޑިއޯގައި ފެންނަނީ އެހެން މީހުންނަށް ވުރެ މާ ކުރު މީހަކު ޝަޝީ ކަޕޫރުގެ މުސްކުޅި ލަވައަކަށް ނަށަނިކޮށެވެ.
ފެބްރުއަރީގައި އަންނަނީ އިންޑިއާގެ ހޯލީ ނުވަތަ ފެނާއި ކުލައިގެ އީދެވެ. އެހެންވެ ހޯލީގައި އަނުޝްކާ ޝަރުމާ އާއި ކެޓުރީނާ ކައިފްގެ ކެރެކްޓާ ފެންނަ ޕޯސްޓަރެއް ހާމަކުރާނެ ކަމަށް ވަނީ ބެލެވިފަ އެވެ.
އީދުގައި ފިލްމު ޕްރޮމޯޓްކުރަން ހަމަޖެހިފައި ވަނީ ސަލްމާން ޚާނާ އެކުގަ އެވެ. ސަލްމާންގެ "ރޭސް 3" ރިލީޒްވުމާ ދިމާކޮށް އެ ފިލްމާ އެކު "ޒީރޯ"ގެ އާ އިޝްތިހާރެއް ދައްކާނެ އެވެ. މި އިޝްތިހާރުން ފިލްމުގެ ވާހަކަ ކޮންމެވެސް ވަަރަކަށް މީހުންނަށް އެނގޭވަރު ވާނެ އެވެ.
ދިވާލީގައި ފިލްމު ޕްރޮމޯޓްކުރާނީ އާމިރު ޚާނާ އެކުގަ އެވެ. އެގޮތުން އާމިރުގެ "ތަގްސް އޮފް ހިންދުސްތާން" އާ އެކު ވެސް "ޒީރޯ"ގެ އިޝްތިހާރުކުރުންތަކެއް ކުރިޔަށް ދާނެ އެވެ.
"ޒީރޯ"ގައި ޝާހްރުކް ކުޅެނީ ކުރު މީހެއް (ޑުވޯފެއް)ގެ ރޯލެވެ. ޝާހްރުކް މި ކެރެކްޓާގެ ތަފްސީލު ދީފައި ވެ އެވެ. އޭނާ ބުނީ ނުކުޅެދުންތެރިކަމެއް ހުންނަ މީހުންނަކީ ދިރިއުޅުމުގައި ވަރަށް ގިނަ މައްސަލަތަކާ ކުރިމަތިލާން ޖެހޭ ބައެކެވެ. މިފަދަ މީހުންނާ ދޭތެރޭ ވެސް ކަންތައް ކުރަން ޖެހޭނީ އާދައިގެ އިންސާނުންނެކޭ ތަފާތެއް ނުކޮށް ކަމަށާއި އެމީހުންނަށް ހަމްދަރުދީ ވުމުގެ ބަދަލުގައި އެމީހުންގެ ދިރިއުޅުމުގައި ވެސް އުފާވެރި ކަންތައްތަކާއި ހިތާމަވެރި ކަންތައްތައް ދިމާވާނެކަން އެނގި އެމީހުންނާ ދޭތެރޭ ތަފާތުކޮށް ނުދެކުމުގެ މުހއިްމުކަން އޭނާ ފާހަގަކުރި އެވެ.
"އެފަދަ މީހުންގެ މުހިއްމުކަން ދުނިޔެއަށް ހާމަކުރަން އަހަރެމެން ބޭނުމީ. އެމީހުންނަށް ތަފާތު ނުކުރަން މީހުންނަށް ވިސްނައިދޭން،" ޝާހްރުކް ބުންޏެވެ.