04 ފެބުރުއަރީ 2018 - 14:14

ރާއްޖެ ޓީވީ ވަގުތުން ބަންދުކުރަން ގޮވާލައި، ވެރިކަން ކުރާ ޕީޕީއެމުން މިއަދު ދިން އިންޒާރަކީ މިނިވަން ނޫސްވެރިކަން ނައްތާލުމަށް ރާއްޖޭގެ ހުރިހާ ނޫސްވެރިންނަށް ދިން އިންޒާރެއް ކަމަށް ރާއްޖެ ޓީވީން ބުނެފި އެވެ.
ދައުލަތުގެ މީޑިއާ، ޕީއެސްއެމް އާއި ޗެނަލް 13 އަށް އެކަނި ދައުވަތު ދީގެން ބޭއްވި ޕްރެސް ކޮންފަރެންސްގައި ޕީޕީއެމްގެ ނައިބު ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ، ގައުމުގެ ހަމަނުޖެހުން ނަގާލަން ރާއްޖެ ޓީވީ އަށް ފުރުސަތު ދީގެން ނުވާނެ ކަމަށެވެ. އެ ސްޓޭޝަނުން މިހާރު ކުރަމުން އަންނަނީ ފިތުނަފަސާދަ އުފެއްދުމުގެ މަސައްކަތް ކަމަށާއި އެކަން ހުއްޓުވަން އެތަން ވަގުތުން ބަންދުކުރަން ޖެހޭ ކަމަށެވެ.
ދައުލަތުގެ ވަޒީރުންނާއި ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުން ބައިވެރިވެވަޑައިގެންނެވި ޕްރެސް ކޮންފަރެންސްގައި ޕީޕީއެމުން ދިން އިންޒާރު ކުށްވެރިކޮށް ރާއްޖެ ޓީވީން ނެރުނު ނޫސް ބަޔާނުގައި ބުނީ ގާނޫނުއަސާސީ އާއި ރާއްޖެ ބައިވެރިވެފައިވާ މުއާހަދާތަކުން ކަށަވަރުކޮށްދީފައިވާ ހިޔާލުފާޅުކުރުމުގެ މިނިވަންކަމަށް ހުރަސްއަޅަން، އެ ސްޓޭޝަން ބަންދުކުރަން ގޮވާލުމަކީ ދަށު ދަރަޖައިގެ އަދި ޑިމޮކްރަސީއާ ބީރައްޓެހި އަމަލެއް ކަމަށެވެ. އެ ސްޓޭޝަނުން ކުރަމުން އަންނަނީ ގައުމުގައި ހިނގަމުންދާ ކަންކަން އެންމެ ތާޒާކަމާ އެކު ގެނެސްދިނުމުގެ މަސައްކަތް ކަމަށް ބަޔާނުގައިވެ އެވެ.
އެ މަސައްކަތުގައި ހުރިހާ ފަރާތެއްގެ ބަސް ގެނެސްދެމުން އަންނަ ކަމަށް ވެސް ރާއްޖެ ޓީވީން ބުންޏެވެ.
"ކަން މިހެން އޮތް ނަމަވެސް، ސަރުކާރާ އިދިކޮޅު ފަރާތްތަކުގެ ބަސް ގެނެސްދިނުމަކީ ގައުމުގައި ފިތުނަ ފަސާދަ އުފެއްދުން ކަމަށް ބުނެ، އަދިި ވަކިން ހާއްސަކޮށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ބޭނުންވާހާ އެއްޗެއް ވިދާޅުވުމަށް ފުރުސަތު އޮތުމަކީ ގައުމުގައި ހަމަޖެހުން ނަގާލަން ކަމަށް ބުނެ، މި ސްޓޭޝަން ބަންދުކުރުމަށް ގޮވާލުމަކީ ގަބޫލުކުރެވޭނެ ސަބަބެއް ނޫނެވެ،" ރާއްޖެ ޓީވީގެ ބަޔާނުގައިވެ އެވެ.
މިނިވަން މީޑިއާ އަކީ ދައުލަތުގެ މައްޗަށް ފާރަވެރިވުމުގެ ޒިންމާ އޮތް ބަޔަކަށްވާއިރު، ރާއްޖެ ޓީވީ ބަންދުކުރަން އުޅެނީ، އެ ސްޓޭޝަނުން ބުނިގޮތުގައި، ގާނޫނާއި ގަވާއިދާ ޚިލާފަށް ކަންކަން ކުރަން މަގުފަހިކުރާށެވެ.
މިނިވަން ނޫސްވެރިކަމަށް ހުރަސްއަޅަން ޕީޕީއެމުން ކުރާ މަސައްކަތް ހުއްޓާލަން ރާއްޖެ ޓީވީން ވަނީ އެ ބަޔާނުގައި ގޮވާލައިފަ އެވެ. އަދި ދިވެހި ސަރުކާރާއި މުއައްސަސާތަކުގެ ނަމުގައި އެފަދަ ކަންކަން ކުރަން ވަކި ބަޔަކަށް ފުރުސަތު ނުދޭން މުއައްސަސާތަކާއި ބައިނަލްއަގުވާމީ މުޖުތަމައަށް ވެސް އެ ސްޓޭޝަނުން ގޮވާލާފައިވެ އެވެ.