04 ފެބުރުއަރީ 2018 - 13:00

ބީނޯސް އޭރީޒް (ފެބްރުއަރީ 4) – އިންޓަ މިލާނުގެ ފޯވާޑް މައުރޯ އިކާޑޯ އަންނަ ސީޒަނުގައި ހޯދުމަށް ރެއާލް މެޑްރިޑާ ވާދަކުރަން މެންޗެސްޓާ ޔުނައިޓެޑް އޮތީ ތައްޔާރަށް ކަމަށް އާޖެންޓީނާގެ މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.
ރިޕޯޓްތައް ބުނާ ގޮތުގައި ކަރިމް ބެންޒެމާގެ މަގާމް ފުރަން އެންމެ އެކަށީގެންވާ ފޯވާޑަކީ އިކާޑީ ކަމަށް މެޑްރިޑުން ދެކެ އެވެ. އަދި އޭނާ ގެންނަން މަޝްވަރާތައް ވެސް ފަށާފައިވާ ކަމަށްވެ އެވެ. އެކަމަކު އާޖެންޓީނާގެ ނޫސްތަކުން ބުނާ ގޮތުގައި އެ ގައުމުގެ ފޯވާޑަށް މެންޗެސްޓާ ޔުނައިޓެޑާއި އެ ޓީމުގެ ކޯޗު ޖޯސޭ މޮރީނިއޯ ވަނީ ކަޅި އަޅަން ފަށައިފަ އެވެ.
އުމުރުން 24 އަހަރުގެ އިންޓަގެ ކެޕްޓަން ވަނީ އެ ޓީމަށް 170 މެޗުން 96 ގޯލް ޖަހައިދީފަ އެވެ. ޒުވާން އުމުރެއްގައި އިންޓަގެ ކެޕްޓަންކަން ލިބުމާ އެކު އިކާޑީ އެ ކްލަބުގައި ދިގު މުއްދަތަކަށް މަޑުކުރާނެ ކަމަށް އޮތީ ބެލެވިފަ އެވެ. އެކަމަކު ފަހަކަށް އައިސް އިވޭ އަޑުތަކަށް ބަލާއިރު މި ސީޒަނަށް ފަހު އޭނާ ކްލަބް ދޫކޮށްލުމުގެ ފުރުސަތު އެބައޮތެވެ.
އިކާޑީ ގެންދަން ނަޕޯލީ އާއި އާސެނަލުން ވެސް ވަރަށް ބޮޑަށް މަސައްކަތްކުރި ކަމަށްވެ އެވެ. އަދި އެ ދެ ކްލަބާ އެކު އިކާޑީގެ އަންހެނުން އަދި އޭނާގެ އޭޖެންޓް ވަންޑާ ނާރާ މަޝްވަރާކުރި ކަމަށް ވެސް ވެ އެވެ.
އިންޓަގެ ސަޕޯޓަރުންނާ އިކާޑީއާ 2016 ވަނަ އަހަރު މައްސަލަތަކެއް ވެސް ޖެހުނެވެ. އެކަން ދިމާވީ އިކާޑީގެ ބަޔޯގްރަފީގައި އިންޓަގެ ސަޕޯޓަރުންނާ ބެހޭ ގޮތުން ލިޔެފައިވާ ލިޔުމެއްގެ ސަބަބުންނެވެ. އޭނާ ބުނެފައިވަނީ، އޭގެ ކުރީ އަހަރުގެ ފެބްރުއަރީ މަހު ސަސުއޮލޯ އަތުން ބަލިވި މެޗަށް ފަހު ސަޕޯޓަރުންނާ ކުރިމަތިލުމުން އެހެން ކުޅުންތެރިން އޭނާ އަށް ތާއީދުކުރި ކަމަށެވެ. އަދި އޭނާ ވަނީ އިންޓަ އަށް މަރުދޭ ސަޕޯޓަރުންގެ ގްރޫޕާ ކުރިމަތިލާން އާޖެންޓީނާ އިން ގޭންގެއް ގެނައުމަކީ އެއްވެސް ކަމެއް ނޫން ކަމަށް ބުނެފަ އެވެ.