04 ފެބުރުއަރީ 2018 - 13:07

ރައީސް އަބްދުﷲ ޔާމީން ގާނޫނުއަސާސީއާ މިހާރު ހިލާފުވެވަޑައިގެންފައިވާ ކަމަށާއި އެހެންކަމުން ވެރިކަމުގައި އެމަނިކުފާނު ދެމިހުންނެވުމުގެ ޝަރުތު އުނިވެފައިވާ ކަމަށް ބައެއް ވަކީލުން މިއަދު ވިދާޅުވެއްޖެ އެވެ.

ޖުމްހޫރީ ޕާޓީގެ މައި ޖަގަހަ، މ. ކުނޫޒުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވަކީލް މަހްފޫޒް ސައީދު ވިދާޅުވީ ސުޕްރީމް ކޯޓުން މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ނެރުނު އަމުރާ ގުޅިގެން ސަރުކާރުގެ ކަމާ ބެހޭ ފަރާތްތަކުން އިތުރަށް ފުރިހަމަކުރަން ޖެހޭ އިޖުރާއަތެއް ނެތް ކަމަށެވެ. އަދި އަމުރު ނެރުނުތާ 72 ގަޑިއިރު ވެގެން ދިޔައިރު ވެސް އަމުރު ތަންފީޒު ކުރަން ސަރުކާރުން މަސައްކަތް ނުކުރާ ކަމަށް އޭނާ ވިދާޅުވި އެވެ.
މަހްފޫޒު ވިދާޅުވި ގޮތުގައި ފުލުހުންގެ ތެރޭގައި ތިއްބެވި އިސް ވެރިން އަމުރު ތަންފީޒުކުރަން މަސައްކަތް ކުރެއްވުމުން ރައީސް ޔާމީން އެކަމަށް ހުރަސް އެޅުއްވި އެވެ. އަދި އަމުރު ތަންފީޒު ކުރަން މަސައްކަތް ކުރެއްވި ފުލުހުންގެ ވެރިން މަގާމުން ވަކިކުރައްވާފައިވާ ކަމަށް އޭނާ ތުހުމަތުކުރެއްވި އެވެ.
އޭނާ ވިދާޅުވީ އިއްޔެ ހަވީރު ރައީސް ޔާމީން ދެއްކެވި ވާހަކަފުޅުތަކުގެ ސަބަބުން ސުޕްރީމް ކޯޓުގެ އަމުރު ތަންފީޒު ކުރުމުގެ ނިޔަތެއް ނެތްކަން ހާމަވާ ކަމަށެވެ.
ތަންފީޒު ކުރަން ޖެހޭނީ ބޭނުންވާ ގޮތަށް ނެރޭ އަމުރުތައް އެކަަނި ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.
ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ ވަކީލް މޫސާ ސިރާޖު ވިދާޅުވީ ގާނޫނާ ހިލާފު އަމުރުތަކަށް ތަބާނުވުމުގެ ހައްގު ކޮންމެ މީހަކަށް ވެސް ލިބިގެންވާ ކަމަށެވެ. އެހެންވެ ސަލާމަތީ ބާރުތަކަށް ސިރާޖު ގޮވާލެއްވީ ސަރުކާރުން ކުރާ ޣައިރު ގާނޫނީ އަމުރަށް ތަބާނުވުމަށެވެ.
ރައީސް ޔާމީން އަޒުލްކުރުމުގެ އަމުރެއް ސުޕްރީމް ކޯޓުން ނެރެން އުޅޭ ކަމަށް އެޓާނީ ޖެނެރަލް މުހައްމަދު އަނިލް ވަނީ ވިދާޅުވެފަ އެވެ. އެކަމަކު އޭނާ ވިދާޅުވީ އެފަދަ ބާރެއް ސުޕްރީމް ކޯޓަށް ލިބިގެން ނުވާ ކަމަށާއި އެހެންކަމުން ރައީސް ޔާމީން އަޒުލްކުރުމުގެ އަމުރަށް ތަބާނުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.