05 ފެބުރުއަރީ 2018 - 06:36

ޖޯން އަބްރަހަމްގެ "ޕަރްމަނޫ: ދަ ސްޓޯރީ އޮފް ޕޯކްރާން" ރިލިޒްކުރުން ފަސްކޮށްފި އެވެ. ކުރިން މި ފިލްމު ރިލީޒްކުރަން ހަމަޖެހިފައި އޮތީ މާޗް ދެ ވަނަ ދުވަހު ނަމަވެސް މިހާރު ރިލީޒްކުރަން ހަަމަޖެހިފައިވަނީ އޭޕްރީލް ހަ ވަނަ ދުވަހު އެވެ.
މި ފިލްމު ފަސްކޮށްލީ މާޗް ދެ ވަނަ ދުވަހަކީ އަނުޝްކާ ޝަރުމާގެ "ޕަރީ" ރިލީޒްކުރާ ދުވަސް ކަމަށް ވާތީ އެވެ. މި ދެ ފިލްމަކީ ކްރިއަރްޖް އެންޓަޓައިންމަންޓުން ކޯ-ޕްރޮޑިއުސްކުރާ ފިލްމުތައް ކަމަށް ވާތީ އެއް ދުވަހެއްގައި އެ ކުންފުނީގެ ދެ ފިލްމެއް ރިލީޒްނުކުރަން ނިންމުމުން އެ ކުންފުންޏަށް ގެއްލުން ވާނެކަން ޔަގީން ވާތީ އެވެ.
ޖޯންގެ "ޕަރްމާނޫ" ފަސްކުރި މިއީ ފުރަތަމަ ފަހަރެއް ނޫނެވެ. އެންމެ ފުރަތަމަ އިއުލާން ކޮށްފައިވާ ގޮތުން ފިލްމު ރިލީޒްކުރަން ހަމަޖެހިފައި އޮތީ މިދިޔަ އަހަރުގެ ޑިސެމްބަރު 8 ވަނަ ދުވަހު އެވެ. ނަމަވެސް ސަންޖޭ ލީލާ ބާންސާލީގެ "ޕަދްމާވަތު" އާ ކުރިމަތިލާން ޖެހިދާނެތީ ފެބްރުއަރީ އަށް ފަސްކުރީ އެވެ.
އޭގެ ފަހުން މާޗް 2 ގައި ފިލްމު ރިލީޒްކުރާ ގޮތަށް ހަމަޖެހުނެވެ. ނަމަވެސް މިހާރު މިވަނީ އެ ތާރީޚު ވެސް ބަދަލުވެފަ އެވެ.
ހިންދީ ފިލްމުތައް ރިލީޒްކުރާ ޝެޑިއުލަށް ބަދަލުކުރަން ޖެހުނީ "ޕަދްމާވަތު"ގެ ސަބަބުންނެވެ. އެ ފިލްމު ރިލީޒްކުރާ ދުވަސް ބަދަލުކުރަން ޖެހި އަދި އެކަމުގެ ސަބަބުން އެހެން ބައެއް ފިލްމުތައް ފަސްކުރަން މަޖުބޫރު ވީ އެވެ.
ބޮލީވުޑް ފިލްމު އުފައްދާ ފަރާތްތަކުން ބަލަނީ ބޮޑު ބަޖެޓް ފިލްމެއް ނުވަތަ މަޝްހޫރު ފިލްމެއް ރިލީޒްކުރާ ދުވަހަކާ ދިމާކޮށް އިތުރު ފިލްމެއް ރިލިޒްނުކޮށް ވޭތޯ އެވެ. ސަބަބަކީ އޭގެ ގެއްލުން ހުރިހާ ފިލްމަކަށް ވެސް ލިބޭތީ އެވެ.