04 ފެބުރުއަރީ 2018 - 12:11

ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫންގެ މައްޗަށް ކުރާ ރިޝްވަތުގެ ދައުވާގެ މިއަދުގެ އަޑުއެހުމަށް އޭނާ ހާޒިރުކޮށްނުދީ، ޝަރީއަތުގެ އަޑުއެހުން ކެންސަލް ކޮށްފި އެވެ.
މަޖިލީހުގެ މެމްބަރަކަށް ރިޝްވަތު ހުށަހެޅި ކަމަށް ބުނެ ފާރިސަށް ކުރާ އެ ދައުވާގެ މިއަދު ހެނދުނު ބާއްވަން ހަމަޖެއްސި އަޑުއެހުން ކެންސަލް ކުރި ސަބަބެއް އަދި ސާފެއް ނުވެ އެވެ. އެކަމަކު އެ އަޑުއެހުން ބާއްވަން ހަމަޖެއްސި ގަޑި ޖެހުނު އިރު ވެސް ފާރިސް ކޯޓަށް ހާޒިރު ކޮށްފައެއް ނުވެ އެވެ.
ފާރިސްއަކީ ސުޕްރީމް ކޯޓުން މިދިޔަ ބުރާސްފަތި ދުވަހު ނެރުނު އަމުރުގައި ދޫކޮށްލަން އަންގާފައިވާ ނުވަ ބޭފުޅުންގެ ތެރޭގައި ހިމެނޭ ބޭފުޅެކެވެ. އެ އަމުރު ތަންފީޒު ކުރަމުންދާ ކަމަށް ސަރުކާރުން ބުންޏަސް، އެއްވެސް ބޭފުޅަކު މިހާތަނަށް ދޫކޮށްލާފައެއް ނުވެ އެވެ. ފާރިސްގެ ވަކީލުން ވަނީ ސުޕްރީމް ކޯޓުގެ އަމުރަށް ފަހު އޭނާ ބަންދުގައި ބެހެއްޓުމުގައި ބައިވެރިވާ ކޮންމެ މީހެއްގެ މައްޗަށް ވަކިވަކިން ދައުވާ ކުރާނެ ކަމަށެވެ.
ރިޝްވަތުގެ މައްސަލައިގައި ހަ މަހަށް ވުރެ ގިނަ ދުވަހު ފާރިސް ބަންދުގައި ބެހެއްޓުމަށް ފަހު ކްރިމިނަލް ކޯޓުން މިދިޔަ މަހު ވަނީ އޭނާ މިނިވަންކޮށްފަ އެވެ. އެކަމަކު އޭގެ 24 ގަޑިއިރު ފަހުން ފުލުހުން ފާރިސް ހައްޔަރުކުރީ ރިޝްވަތުގެ އެހެން ތުހުމަތެއްގައި، އިތުރު ކޯޓު އަމުރެއްގެ ދަށުންނެވެ.