04 ފެބުރުއަރީ 2018 - 11:05

ރާއްޖޭގެ އުއްމީދީ ދުވުންތެރިޔާ މުހައްމަދު ނާއިލް 400 މީޓަރު ދުވުމުގެ ޖޫނިއާ ގައުމީ ރެކޯޑް އާކޮށްފި އެވެ.
ނާއިލް އެ ރެކޯޑް އާކުރީ އޭނާ ތަމްރީން ހަދަމުން އަންނަ ބޮޓްސްވާނާގެ ފްރެންސިސް ޓައުންގައި މިދިޔަ މަހުގެ 27 ވަނަ ދުވަހު ބޭއްވި ބޮޓްސްވާނާ އެތުލެޓިކްސް އެސޯސިއޭޝަން ސީރީސްގައި 48:25 ސިކުންތުން ރޭސް ނިންމައިގެންނެވެ. ކުރީގެ ރެކޯޑް ނާއިލް އަތުގައި އޮތީ 2016 ވަނަ އަހަރު ބޮޓްސްވާނާ ނޭޝަނަލް ޗެމްޕިއަންޝިޕްގައި ވާދަކޮށް 48.53 ސިކުންތުން ދުވެގެންނެވެ.
މިދިޔަ އަހަރުގެ އޭޝިއަން ޔޫތު އެތުލެޓިކްސް ޗެމްޕިއަންޝިޕުގެ 400 މީޓަރު ދުވުމުން ސެމީ ފައިނަލުން ފުރުސަތު ހޯދި ނާއިލް ވަނީ 2016 ވަނަ އަހަރުގެ ސައުތު އޭޝިއަން ގޭމްސްގެ 400 މީޓަރު ދުވުމުގެ ފައިނަލުގައި ވާދަކޮށްފަ އެވެ.
އޭނާ ހާއްސަވަމުން އަންނަނީ 400 މީޓަރު ދުވުމުގެ އިވެންޓަށެވެ. ބޮޓްސްވާނާގެ އެންމެ ފާހަގަކޮށްލެވޭ އެކަޑަމީގައި ތަމްރީން ވަމުން އަންނައިރު ބޮޓްސްވާނާ އަކީ މިޑްލް ޑިސްޓެންސް އިވެންޓަށް އެތުލީޓުން ތަމްރީން ކުރުމުގައި ދުނިޔޭގެ އެންމެ މަޝްހޫރު ގައުމެވެ.
ނާއިލާ އެކު ބޮޓްސްވާނާގައި ތަމްރީން ހަދަމުން އަންނަ ރާއްޖޭގެ އިބްރާހިމް އަޝްފާން އަލީ އާއި އަލީ ޝާމް ވެސް އެ މުބާރާތުގައި ވާދަކުރި އެވެ. އެގޮތުން 100 މީޓަރު ދުވުމުގެ ދެ ވަނަ ހީޓުގައި ވާދަކޮށް އަޝްފާން ވަނީ 11:40 ސިކުންތުން ދުވެ އެއް ވަނަ ހޯދައިފަ އެވެ. އޭނާ 200 މީޓަރު ދުވުމުގެ އެއް ވަނަ ހީޓުގައި ވާދަކޮށް 22.69 ސިކުންތުން ދުވިއިރު ދިޔައީ ތިން ވަނަ އަށެވެ.
ޝާމް ދުވީ 400 މީޓަރު ދުވުމުގަ އެވެ. އޭނާ ހީޓުގެ ހަތަރު ވަނަ އަށް ދިޔައިރު ރޭސް ނިންމީ 50:66 ސިކުންތުންނެވެ.