04 ފެބުރުއަރީ 2018 - 11:23

ދިމިޝްގު (ފެބްރުއަރީ 4) - ސީރިއާގައި ހަނގުރާމަވެރިންގެ ބާރުގެ ދަށުގައިވާ ސަރަހައްދަކުން ދަތުރުކުރި ރަޝިޔާގެ ހަނގުރާމަ މަތީ މަތިންދާ ބޯޓެއް ވައްޓާލުމަށް ފަހު ބޯޓުގެ ޕައިލެޓް ބޭރަށް ނުކުތް ވަގުތު ހަމަލާދީ މަރާލައިފި އެވެ.

ހުޅަނގު އުތުރުގެ އިދްލީބުގައި ހަރަކާތްތެރި ވަނީ ހަނގުރާމަވެރި ޖަމާއަތެއް ކަމަށްވާ ހަޔާތު ތަހްރީރް އަލް ޝާމް އެވެ. އަލް ގައިދާއާ ކުރިން ގުޅުން އޮތް ޖަމާއަތުން ވަނީ ބޯޓު ވައްޓާލި ކަމަށް އެއްބަސްވެފަ އެވެ. ރަޝިޔާގެ ޑިފެންސް މިނިސްޓްރީން ބުނީ ފައިޓާ ޖެޓް ވައްޓާލި ނަމަވެސް ޕައިލެޓް ސަލާމަތްވި ކަމަށެވެ. ނަމަވެސް ޕައިލެޓް މަރާލީ ހަނގުރާމަވެރިން ދިން ހަމަލާތަކުގައި ކަމަށް ވެސް ވަނީީ ބުނެފަ އެވެ. ޑިފެންސް މިނިސްޓްރީން ބުނީ ޕައިލެޓުގެ ހަށިގަނޑު ގެނެވޭތޯ މަސައްކަތް ކުރަމުންދާ ކަމަށެވެ.
އިދްލީބުގައި ހަރަކާތްތެރިވާ ހަނގުރާމަވެރިންނާ ދެކޮޅަށް ރަޝިޔާ ސިފައިންގެ މަދަދާ އެކު ސީރިއާ އިން ވައިގެ ހަމަލާތައް ފަށާފައި ވަނީ ޑިސެމްބަރު މަހު އެވެ.
ވައްޓާލި ސުކޮއި-25 ގެ ހަނގުރާމަތީ ބޯޓު ބޭނުން ކުރީ އިދްލީބުގައި ހަނގުރާމަވެރިންނާ ދެކޮޅަށް އެއްގަމުން ދޭ ހަމަލާތަކަށް އެހީތެރިކަން ފޯރުކޮށް ދިނުމަށެވެ. މިއީ ސެޕްޓެމްބަރު 2015 ގެ ފަހުން ރަޝިޔާގެ ހަނގުރާމަ މަތީ ޖެޓެއް ސީރިއާގައި ހަރަކާތްތެރިވާ ހަނގުރާމަ ވެރިން ވައްޓާލި ފުރަތަމަ ފަހަރެވެ.