ގައުމީ ޓީމުގެ ކެޕްޓަން ބަޓިސް ވޮލީ ކުޅުން ހުއްޓާލައިފި
ގައުމީ ޓީމުގެ ކެޕްޓަން ބަޓިސް ވޮލީ ކުޅުން ހުއްޓާލައިފި

ގައުމީ ވޮލީބޯޅަ ޓީމުގެ ކެޕްޓަން އަދި ތަޖުރިބާކާރު ސެޓަރު އިޝާން މުހައްމަދު (ބަޓިސް)، 14 އަަހަރަށް ފަހު ވޮލީބޯޅަ ކުޅުން ހުއްޓާލައިފި އެވެ.

ގައުމީ ޓީމުގެ ކެޕްޓަން ބަޓިސް ވޮލީ ކުޅުން ހުއްޓާލައިފި
ގައުމީ ޓީމުގެ ކެޕްޓަން ބަޓިސް ވޮލީ ކުޅުން ހުއްޓާލައިފި

ޒުވާން އުމުރުގައި ވޮލީބޯޅައިގެ ތެރެއަށް ވަން ބަޓިސް ވަނީ ގިނަ ކާމިޔާބީތަކެއް ހޯދައިފަ އެވެ. އޭނާ އަކީ ރާއްޖޭގައި އުފެދުނު އެންމެ މޮޅު އެއް ސެޓަރެވެ.

ގައުމީ ޓީމަށް 2004 އިން ފެށިގެން މިދިޔަ އަހަރާ ހަމައަށް ދުކެނޑުމެއް ނެތި ކުޅުނުއިރު ބަޓިސް އަކީ 2011 ވަނަ އަހަރުން ފެށިގެން ގައުމީ ޓީމުގެ ކެޕްޓަން ވެސް މެ އެވެ. އޭނާގެ ކެޕްޓަން ކަމުގެ ދަށުން ގައުމީ ޓީމު އެންމެ ފަހުން ނުކުތީ މިދިޔަ މާޗް މަހު މާލޭގައި އޮތް ސެންޓްރަލް ޒޯން ވޮލީބޯޅަ މުބާރާތަށެވެ.

އަންނަ އޭޕްރީލް މަހު ބަންގްލަދޭޝްގައި އޮންނަ ސެންޓްރަލް ޒޯން މުބާރާތަށް ގައުމީ ވޮލީބޯޅަ ޓީމު ފަރިތަކުރުން ފަށާފައިވާއިރު، ޓީމުގައި ބަޓިސް ނުހިމެނުނީ އޭނާ ރިޓަޔަކުރަން ނިންމާފައިވާތީ ކަމަށް ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) އިން ބަނީ ބުނެފަ އެވެ.

އުމުރުން 30 އަހަރުގެ ބަޓިސް "މިހާރު"އަށް ބުނީ މިދިޔަ އަހަރުގެ ވޮލީބޯޅަ ސީޒަނަށް ފަހު ވޮލީ ކުޅުން ހުއްޓާލަން ނިންމާފައިވާ ކަމަށެވެ.

"މިދިޔަ އަހަރަށް ފަހު ކުޅުން ހުއްޓާލަން ނިންމައިގެން ހުރީ. އެއީ މި ވަގުތު ދިރިއުޅުމުގައި ކަންތައް ހުރި ގޮތުން. ދެން އެހެން ކަމަކަށް ހުސްވެލަން ބޭނުންވާތީ ކުޅުން ހުއްޓާލީ. އެއްގޮތަކަށް ވެސް ގައުމީ ޓީމުން ޖާގަ ނުލިބިގެނެއް ނޫން،" ބަޓިސް ބުންޏެވެ.

ގައުމީ ޓީމުގައި ބަޓިސްގެ އެންމެ ބޮޑު ކާމިޔާބީ އަކީ 2013 ގައި ނޭޕާލްގައި އޮތް ސެންޓްރަލް ޒޯން މުބާރާތުގެ ފައިނަލްގައި ކުޅުމެވެ.

ރާއްޖޭގެ އެންމެ މޮޅު ވޮލީބޯޅަ ކުޅުންތެރިޔާގެ މަގާމު ވެސް ހޯދި ބަޓިސް އަކީ ޓީމު ލީޑުކުރުމުގައި ފަހަކަށް އައިސް ފެނުނު އެންމެ ރަނގަޅު އެއް ކުޅުންތެރިޔާ އެވެ. އެކަން ވޮލީބޯޅައިގެ ގިނަ ބަޔަކު ފާހަގަކުރެ އެވެ.

ކްލަބް ލެވެލްގައި ބަޓިސް އެންމެ ފަހުން ކުޅުނީ އޭނާ އުފަން އަތޮޅު ކަމަށްވާ ވ. އަތޮޅަށް ނިސްބަތްވާ ސީލައިފް ސްޕޯޓްސް ކްލަބަށެވެ. މިދިޔަ ސީޒަނުގައި ސީދާ ތިން ތަށްޓައް އަމާޒުކޮށްގެން ސީލައިފުން ނުކުތް ނަމަވެސް އެންމެ މުބާރާތެއް ވެސް ކާމިޔާބު ކުރެވޭ ގޮތެއް ނުވި އެވެ. ނަމަވެސް ބަޓިސް ވަނީ އޭނާގެ ކެރިއަރުގައި އެކި ކްލަބްތަކާ އެކު ގިނަ ކާމިޔާބީތަކެއް ހޯދައިފަ އެވެ.

ބަޓިސް ފަދަ ސެޓަރެއް ނުފެނި އެތައް އަހަރެއް ވޭތުވީ ފަހުން ހުސެއިން ވިޝާމް (ބުޅިކޭ) ވަނީ ގައުމީ ޓީމުން މި ފަހުން ކުޅުނު ގިނަ މުބާރާތްތަކުގައި ބަޓިސްގެ ބަދަލުގައި އަރައި ރަނގަޅު ކުޅުމެއް ދައްކައިފަ އެވެ. އަދި އޭނާ އަންނަނީ ކްލަބް ލެވެލްގައި ވެސް މޮޅު ކުޅުމެއް ދައްކަމުންނެވެ.