04 ފެބުރުއަރީ 2018 - 09:37

މެޑްރިޑް (ފެބްރުއަރީ 4) - ރެއާްލް މެޑްރިޑަށް މެޗުތަކުގައި ރަނގަޅަށް ކުޅެވުނު ނަމަވެސް ނަތީޖާ ނުނެރެވުން އާދަޔަކަށްވެފައިވާ ކަމަށް އެ ޓީމުގެ ކޯޗު ޒިނެދިން ޒިދާން ބުނެފި އެވެ.
ސްޕެނިޝް ލީގުގައި ރޭ ރަށުންބޭރުގައި ރެއާލް ކުޅުނު މެޗުން އެ ޓީމު މޮޅުވާން ދަނިކޮށް ލީގުގެ 17 ވަނައިގައި އޮތް ލެވާންޓޭ އިން ދެ ވަނަ ގޯލެއް ޖަހައި 2-2 އިން ނަތީޖާ ހަަމަހަމަކުރީ މެޗުގެ ފަހު މިނިޓްގަ އެވެ.
މި ނަތީޖާއާ އެކު ރެއާލް ލީގުގެ ހަތަރު ވަނައިގައި އޮތީ އެއް ވަނައިގައި އޮތް ބާސެލޯނާ އަށް ވުރެން 18 ޕޮއިންޓް ފަހަތުގަ އެވެ. ރެއާލަށް 21 މެޗުން ލިބިފައިވަނީ 39 ޕޮއިންޓެވެ. ބާސެލޯނާ މިރޭ އެސްޕަންޔޯލާ ދެކޮޅަށް ކުޅޭއިރު އެ މެޗުން މޮޅުވެއްޖެނަމަ ރެއާލާ ދެމެދު އޮތް ޕޮއިންޓުގެ ފަރަގު 21 ޕޮއިންޓަށް ބޮޑުކުރެވޭނެ އެވެ.
ރޭގެ މެޗު ފަށައިގެން 11 ވަނަ މިނިޓްގައި ސާޖިއޯ ރާމޯސް ރެއާލަށް ލީޑުނަގައިދީފައިވަނިކޮށް ލެވާންޓޭ އަށް އެއްވަރުކޮށްދިނީ 42 ވަނަ މިނިޓްގައި އެމަނުއެލް ބޯޓެން އެވެ. ރެއާލަށް ދެ ވަނަ ފަހަރަށް ލީޑުނަގައިދިނީ މެޗުގެ 82 ވަނަ މިނިޓްގައި އިސްކޯ އެވެ. އެހެން ނަމަވެސް ރެއާލަށް ދެ ވަނަ ފަހަރު ވެސް ލީޑު ހިފަހައްޓައިނުލެވުމުގެ ނަތީޖާ އަކީ މެޗުގެ 89 ވަަނަ މިނިޓްގައި އިޓަލީގެ ފޯވާޑް ޖިއަމްޕައޮލޯ ޕަޒީނީ ލެވާންޓޭ އަށް އެއްވަރުކޮށްދިނުމެވެ.
"މިއީ ރެއާލަށް ވަރަށް ދަށް އަހަރެއް. އަހަރެމެންނަށް ޖެހިޖެހިގެން ހަ މެޗުގައި ރަނގަޅު ނަތީޖާއެއް ނުނެރެވޭ. ދެން ކޮންމެ މެޗެއް ކަހަލަ ގޮތަކަށް މި ތަކުރާރުވަނީ އެއް މަންޒަރެއް. ރަނގަޅަށް ކުޅެފައި ނަތީޖާ ނުނެރެވުން. މިކަން ވެސް މިހާރު އޮތީ އާދަޔަަކަށް ވެފައި. ހައްލެއް ހޯދުމަކީ އަހަރެންގެ ޒިންމާއެއް،" ޒިދާން ބުންޏެވެ.
އޭނާ ބުނީ ހައްލެއް ހޯދަން ޖެނުއަރީ ޓްރާންސްފާ މާކެޓްގައި ކުޅުންތެރިއަކު ނުގެނައުމަކީ މައްސަލައެއްގެ ގޮތުގައި ނުދެކޭ ކަމަށެވެ.
ރެއާލުގެ ނަތީޖާ ދަށްވުމުން އެ ކްލަބުގައި ޒިދާންގެ މުސްތަގުބަލާ މެދު ވަނީ ސުވާލު އުފެދިފަ އެވެ. ދާދި ފަހުން ޒިދާން ބުނީ އޭނާގެ މުސްތަގުބަލާ ގުޅޭގޮތުން އެއްޗެއް ބުނަން އެނގޭނީ ޗެމްޕިއަންސް ލީގުގެ ދެ ވަނަ ބުރުގައި ޕީއެސްޖީއާ ދެކޮޅަށް ކުޅޭ މެޗަށް ފަހު ކަމަށެވެ.