03 ފެބުރުއަރީ 2018 - 23:48

ސުޕްރީމް ކޯޓުގެ އަމުރު ތަންފީޒު ކުރުމަށް ޓަކައި ޕްރޮސެކިއުޓާ ޖެނެރަލް ހުށަހަޅާ ކަންތައްތައް ސުޕްރީމް ކޯޓަށް މިއަދު ހުށަހަޅާފައިވާ ކަމަށް އެ އޮފީހުން ބުނެފި އެވެ.
އެކަމަކު ހުށަހަޅާފައި ވަނީ ކޮންކޮން ކަންތައްތަކެއް ކަމެއް އެ އޮފީހުން ނެރުނު ބަޔާނަކު ނެތެވެ. ސަރުކާރުން ބުނެފައި ވަނީ ބުރާސްފަތި ދުވަހުގެ ރޭ ސުޕްރީމް ކޯޓުން ނެރެފައިވާ އަމުރު ތަންފީޒު ކުރުމުގައި އޭޖީ އާއި ޕީޖީގެ ދައުރު ބޮޑު ކަމަށާއި އެހެންވެ އެ މަސައްކަތް އެ ދެބޭފުޅުން ކުރައްވަމުން ގެންދަވާ ކަމަށެވެ.
ޓީވީއެމްއާ ވާހަކަ ދައްކަވަމުން އެޓާނީ ޖެނެރަލް މުހައްމަދު އަނިލް ވިދާޅުވީ ޕީޖީގެ ހުށަހެޅުންތައް ސުޕްރީމް ކޯޓަށް ފޮނުވީ "އިލެކްޓްރޯނިކް" ޒަރީއާ އިން ކަމަށެވެ. އެގޮތަށް ކަންތައް ކުރީ ސުޕްރީމް ކޯޓަށް ހުށަހަޅަން އުޅެގެން އެކަން ކާމިޔާބުނުވުމުން ކަމަށް ވެސް ވިދާޅުވި އެވެ.
އިލެކްޓްރޯނިކް ކޮށޭ އެ ވިދާޅުވީ ސަރުކާރުގެ ލިއެކިއުންތައް އިލެކްޓްރޯނިކް ވިއުގަ މެދުވެރިކޮށް ފޮނުވޭ ނިޒާމަށެވެ.
އޭނާ ވިދާޅުވީ ޕީޖީގެ ލިއެކިއުންތައް ހުށަހަޅަން ސުޕްރީމް ކޯޓުގެ އެކި ބޭފުޅުންނާ ގުޅަން ޕީޖީން މަސައްކަތްކުރެއްވި ކަމަށެވެ. ނަމަވެސް އެކަން ކާމިޔާބުނުވީ ކަމަށް ވިދާޅުވި އެވެ.
"ސުޕްރީމް ކޯޓުގެ އަމުރު ވީހާ ވެސް އަވަހަކަށް ތަންފީޒު ކުރުމަށް، ދައުލަތުގެ ކަމާ ބެހޭ މުއައްސަސާތަކުން މިކުރާ މަސައްކަތުގައި ސުޕްރީމް ކޯޓުން މިކަމަށް އިރުޝާދު ދެއްވުން ކުޑަކޮށް ލަސްވަމުންދާތީ، ރައްޔިތުންގެ ކިބައިން އެދެން ކެތްތެރިކަމާ އެކު ތިއްބެވުމަށް،" އަނިލް ވިދާޅުވި އެވެ.
ސުޕްރީމް ކޯޓުގެ އަމުރުގައި މައިގަނޑު ތިން ކަމެއް ހިމެނެ އެވެ. އޭގެ ތެރޭގައި ހިމެނޭ އެއް ކަމަކީ ރައީސް މުހަންމަދު ނަޝީދު ވެސް ހިމެނިވަޑައިގަންނަވާ ގޮތަށް ސިޔާސީ އިތުރު އަށް ބޭފުޅަކު މިނިވަން ކުރުމެވެ. މީގެ އިތުރުން ގޮނޑި ގެއްލުނު ކަމަށް އިލެކްޝަންސް ކޮމިޝަނުން ނިންމާފައިވާ 12 މެމްބަރުންގެ ގޮނޑި ނުގެއްލޭ ކަމަށް ވެސް ވަނީ ނިންމާފަ އެވެ.
ސަރުކާރުން ބުނަނީ އަމުރު ތަންފީޒު ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. ނަމަވެސް އަމުރު ނެރުނުތާ ދެ ދުވަސް ވީ އިރު ވެސް އެއިން އެއްވެސް ކަމެއް ތަންފީޒުކޮށްފައި ނުވާތީ އިދިކޮޅު ފަރާތްތަކުން ވަނީ ރުޅިގަދަ ވެފަ އެވެ.