04 ފެބުރުއަރީ 2018 - 06:35

ބުދަ ދުވަހާ ގުޅޭ
"ވަރިހަމަ ކިތަންމެ ނުލަފާ މީހަކަށް ވިޔަސް!" ހިތާހިތުން އަހަރެން ބުނެލީމެވެ. "އިނދެވެނިކޮށް މަށަށް ނިމުނީ."
ވަރުގެކޮޅަށް ނަލަހެދިގެން އަހަރެން ބަރާބަރު ގަޑިއަށް ނުކުތީމެވެ. ހަންނާން އިނީ އަހަރެންގެ އިންތިޒާރުގައެވެ. އަހަރެން ފެނުމުން ހަންނާން ހިތުގައި އަތްއެޅިއެވެ. އަދި އަނބުރައިގަނެގެން ވެއްޓޭ ކަހަލަ ހަރަކާތެއް ކޮށްލިއެވެ.
"ކިއުޓްނަސް ޓު ދަ މެކްސް!" ހަންނާން ސަމާސާކޮށްލިއެވެ.
ހަންނާން ކިތަންމެ އުފާވެފައި އިނަސް، އަހަރެން ސައިކަލުގައި އިށީނުމާއެކު ހަންނާން ތަންކޮޅެއް ކުރިޔަށް ޖެހިލިއެވެ. އޭނަގެ އުފަލާއި އަހަންނާ ގުޅުމެއް ނެތް ކަހަލައެވެ.އަހަރެން އަނެއްކާ ވެސް ކުރިޔަށް ޖެހިލީމެވެ.
"ތިހެން އުޅުނީމަޔޯ؟" ހަންނާން މަޑުމަޑުން ބުންޏެވެ."އަދި އަހަރުމެން މެރީ ވެސް ނުކުރަމެއްނު ދޯ! އުންމީދުކުރަން އަންޑަސްޓޭންޑް ވާނެކަމަށް."
އަހަރެން ކުޑަކޮށް ރަކިވިއެވެ. އަހަރެންގެ މޫނު ހަންނާނަށް ނުފެނުނުކަން ނަސީބެކޭ ހިތަށްއެރިއެވެ. އަހަރެން ފަހަތަށް ޖެހިލީމެވެ. ހިތަށް ވިސްނައިދިނީމެވެ. ހަންނާން އެ ބުނަނީ ދޮގެއް ނޫނެވެ. ކައިވެނި ކުރުމުން ނޫނީ ނުނެގޭ ފަރުދާއެއް، ދެ މީހުންގެ ދެމެދުގައި އޮންނަން ޖެހޭނެއެވެ. އެކަމަކު އަހަންނަށް އުނދަގޫވިއެވެ. އަހަންނަކީ ހިމޭނުން ނުހުރެވޭ މީހެކޭ ހަންނާން ހީކޮށްފާނެތީއެވެ.
"ހިތްހަމަނުޖެހުނީތަ؟" ހަންނާން އެހިއެވެ.
"އުހުނ!" އަހަރެން ހެދީ ދޮގެކެވެ.
ދަރުބާރުގެ ދޮށުގައި މީހުން ފުނިޖެހިފައި އޮތެވެ. ބަރުގޮނުއަޅަމުން މަގުހަދަމުން ގޮސް ހަންނާން ސައިކަލު ޕާކުކުރިއެވެ. އަހަރެން ފޭބީމެވެ. ހަންނާން ހިނގައިގަތީ އަހަންނަށް ބެލުމެއް ނެތިއެވެ. ހަންނާންގެ ފަހަތުން އަހަރެން ހިނގައިގަތީމެވެ. މާލަމަށް ވަންއިރު ސަލާންކުރާ މީހުންގެ ބޮޑު ކިޔޫއެއް އޮތެވެ. އަހަރުމެން ދުރުގައި މަޑުކޮށްލައިގެން ތިބީމެވެ. އެހެން ތިއްބައި އެ ތަނަށް ހަންނާންގެ މަންމަ އައެވެ. މަންމައަށް އަހަރެން ތައާރުފު ކޮށްދިނީ ހަންނާނެވެ. މަންމަ ވަރަށް އުފާވެފައި އަހަންނަށް ހޫނު މަރުހަބާއެއް ކިޔެވެ.
"ނަސީބެއްނު ހަންނާނަށް ވެސް ކަމުދާ ކުއްޖަކު ފެނުނުކަން،" އަހަރެންގެ ބުރިކަށީގައި ފިރުމައިލައިފައި ހަންނާންގެ މަންމަ ބުންޏެވެ. "ހޯދިއިރު މި ހޯދީ ހަމަ ރަންގަނޑެއް."
އަހަންނަކީ ރަންގަނޑެއްކަން ހަންނާންގެ މަންމައަށް އެނގޭނީ ކިހިނެއް ހެއްޔެވެ؟ އަހަންނާއި ހަންނާންގެ ލޯތްބަށް އެހާ ދުވަހެއް ނުވެއެވެ. އަނެއްކޮޅުން ހަންނާންގެ މަންމައަށް އަހަރެން ފެނުނުތާ މިނިޓެއް ވެސް ނުވެއެވެ. އަހަންނާއި ހަންނާންގެ ދެމެދުގައި ހުރި އުމުރުގެ ފަރަގު ހަންނާންގެ މަންމައަށް އެނގޭ ހެއްޔެވެ؟ ތާރީފު ކުރަނީ އެ ހުރިހައި ކަމެއް އެނގި ހުރެގެން ހެއްޔެވެ؟ ހަންނާންގެ ޢާއިލާގެ އެންމެން ކަހަލަ ގޮތަކަށް އެ ރޭ ދިމާވިއެވެ. އަހަންނާ އެކުގައި ވަގުތުކޮޅެއް ހޭދަކުރުމަށް ވުރެ ބޮޑަށް ހަންނާން ހީވަނީ އަހަރެން އިސްތިހާރުކުރަން އުޅޭހެންނެވެ.
އޭގެ ފަހުން ހަންނާނުގެ މަންމަ ދޭތެރެއަކުން އަހަންނަށް ގުޅައިލައެވެ. މީރު އެއްޗެހި ހަދައިފައި ކާން ވެސް ދަޢުވަތު ދެއެވެ. ކޮންމެ ދަޢުވަތެއް ވެސް އަހަރެން ގަބޫލުކުރަމެވެ. އެއްދުވަހަކު ވާހަކައެއްގެ ތެރެއިން ހަންނާންގެ އުމުރުގެ ވާހަކަ ދެކެވުނެވެ.
"އެކަމަކު މަގޭ ދަރިފުޅަށް މި ކަމުދިޔައީ އޭނައަށް ވުރެ މާ ދޮށީ މީހެއް،" ހަންނާންގެ މަންމަ އެ ވާހަކަ ބުނީ އެއީ އެއްވެސް މައްސަލައެއްހެން ހީނުވާ ކަހަލަ ރާގެއްގައެވެ. "އަސްލު މިހާރު މި އުޅޭ ޒަމާނީ ކުދިންނަށް ވުރެ ތި އުމުރުގެ ކުދިން މާ ކިޔަމަންތެރިވާނެ. މީހުންނަށް އިޙުތިރާމުކުރަން ވެސް މާ ރަނގަޅަށް އެނގޭނެ. ދެން އަވަހަށް އެކީއެކައްޗަކަށް މި ގެއަށް ބަދަލުވާން އުޅޭ."
ހަންނާންގެ ޢާއިލާއިން އަހަރެންގެ އުމުރުގެ މައްސަލަ އޮއްބައިލީ ހައިރާންވާހާ އަވަހަށެވެ. އަހަރެންގެ މަންމައާއި ބައްޕައަށް ހަންނާން ކަމުދިޔަލެއް ބޮޑުކަމުން އަހަރެން ނުވެސް ބުނަނީސް ކައިވެނިކުރާ ތާރީޚު ހާމަކުރިއެވެ. އެ ހިސާބުން، އަހަރެންގެ އެފްބީ ޕޭޖުގައި ވެސް އެ ވާހަކަ ޖެހީމެވެ. ޖެހިތާ މާ ގިނައިރެއް ނުވެ ޝަފްރާޒް ގުޅިއެވެ. އޭނައަކީ ބައްޕަގެ ކޮއްކޮއެއްގެ ދަރިއެކެވެ. ހަންނާނާ ދާދި އެއް އުމުރެއްގެ ކުއްޖެކެވެ.
"ހަނާއްތަ އަސްލު ވެސް ތި އުޅެނީ ހަންނާނާ މެރީކުރަން؟"ޝަފްރާޒް އެހިއެވެ. "ހީވޭތަ އޭނަ މެރީކުރާނެހެން؟"
"އަނެއްކާ ކިހިނެއްވީ؟" އަހަރެން އެހީމެވެ."ކީއްވެ އޭނަ ނީންނަންވީ؟"
".. އަސްލު ވަރަށް އުނދަގޫ މި ވާހަކަ ކިޔައިދޭން،" ޝަފްރާޒް ޖަވާބުގައި ބުންޏެވެ. "އޭނަގެ މަންމަ ވަރަށް އުޅޭނެ ހަންނާނު މެރީކުރުވަން. އެކަމަކު އަސްލު އެނގޭތަ؟ އަހަންނާ އެއް ކްލާހެއްގަ ހަންނާންއުޅުނީ. އޭނަގެ ހުންނާނެ މާ ވަރުގަދަ ބެސްޓު ފްރެންޑެއް. ފަރުހާދު ކިޔާނީ. އޭނަޔާ އެއްކޮށް އަބަދުވެސް އުޅޭނީ. އެނގިއްޖެ ދޯ މި ބުނާ އެއްޗެއް؟ އަހަންނަށް ބުނެވޭނީ މި ވަރަށް."
އަހަރެން އިނީ ދޭނެ ޖަވާބެއް ނޭނގިފައެވެ. އެކަމަކު، އަހަރެންގެ ހިތުގައި އުފެދިފައި ހުރި ސުވާލުތަކަށް މަޑުމަޑުން ޖަވާބުލިބެން ފެށިއެވެ.
"ހަންނާނުގެ މަމް ވަރަށް ބޭނުންވާނެ ހަންނާނު މީހަކާ އިންނަން،" ޝަފްރާޒް އިތުރަށް ކިޔައިދިނެވެ. "އަހަރެން ގާތުގަ ވެސް ބުނި މަންމަ ވަރަށް ބޭނުމޭ ހަންނާން މެރީކޮށްގެން ލައިފެއް ފަށަން. އެކަމަކު ހަމަ އެހެންނޭ އެ އުޅެނީ. ދެން ބުނެވޭނީ އެ ވަރަށްތާ ދޯ!މަންމަ ވިއްޔަ!އޭނަގެ ޕޭރަންޓުން ބޭނުންވޭ ކޮންމެ މީހަކާ ވިޔަސް ހަންނާން މެރީކުރުވަން. އެކަމަކު އެނގޭތަ؟ ފަރުހާދު އުޅެނީ މީހަކާ މެރީ ވެސް ކޮށްގެންނޭ މިހާރު. ކިޑެއް ވެސް ހުންނާނެ. އޭނަގެ ވައިފް އަބަދު އިންނާނީ ރޮއިރޮއި. އަހަރެން ބޭނުމެއް ނޫން ހަނާއްތަޔަށް އެހެން ވާކަށް."
ޝަފްރާޒް ކިޔައިދިނީ ތޯތޯ ވާހަކައެއް ނޫނެވެ. އެއީ، އަހަރެންނަށް ފެނިފައިވާ މަންޒަރުތަކާއި އޭގެ ޙަޤީޤަތް ގުޅުވައިލަދިން ބޮޅެވެ. ކިތަންމެ ބޭނުން ނޫނަސް، ޙަޤީޤަތް ޖެހޭނީ ގަބޫލުކުރާށެވެ. ތަރައްޤީގެ ބާރު ރޯޅިތަކާ އެކުގައި އޭގެ ހިރަފުސް ވެސް ފެތުރިއްޖެއެވެ. ބައެއް މީހުން އެ ހިރަފުހުން ކަޅިވެއްޖެއެވެ. މުޑުދާރު އޮފުދާރަށް ބަދަލުވެއްޖެއެވެ. ބިރުން ތުރުތުރުއަޅާ ވަރުގެ ފާފަތައް އާންމުވެއްޖެއެވެ. ހަންނާނަށް އަހަރެން ފާރަލީމެވެ. ޝަފްރާޒް ބުނީ ތެދެކެވެ. ހަންނާނަކީ އިންސާނީ އާންމު ހަމަތަކަށް ތަބާވާ މީހެއް ނޫނެވެ. އަހަންނަކަށް އެ ކަން ބަލައެއްނުގަނެވުނެވެ. ފަސްވަނައަށް އަހަރެން ފެށި ދަތުރުގެ މިސްރާބު ވެސް އެ ހިސާބުން ޖެހުނީ ބަދަލުކޮށްލާށެވެ.
ހަންނާންގެ ފޯނުތަކަށް ޖަވާބުދިނުމާއި އެ ގެޔަށް ދިޔުން އަހަރެން ހުއްޓައިލީމެވެ. އޭނަ ގެއަށް އަޔަސް އަހަރެން އުޅެންޖެހޭލެއް "އަވަދިނެތިކަމުން" ވަގުތު ނުދެވެން ފެށިއެވެ. ސަބަބު ހާމަކުރާކަށް އަހަންނަކަށް ނުކެރުނެވެ. އެއީ އަހަރެންގެ މިޒާޖެވެ. މީހަކު ފަޟީޙަތްކުރުމަކީ އަހަރެންގެ ޟަމީރު ގަބޫލުކުރާ ކަމެއް ނޫނެވެ. އަހަންނަށް އައި ކުއްލި ބަދަލު ވަރަށް އަވަހަށް ހަންނާނަށް ފާހަގަކުރެވުނެވެ. ސަބަބު އޮޅުންފިލުވަން ބޭނުންވިއެވެ.
"އަހަރުމެން ދެ މީހުން އެހާ ކޮންފޮޓެބަލް ނޫނިއްޔާ މެރީ ކުރުމުގެ ބޭނުމެއް ނެތެއްނު،" އަހަރެން ބުނީމެވެ."އަހަންނަށް ފެންނަނީ އަހަރުމެން ދެ މީހުން މި ހިސާބުން މި ޗެޕްޓަރ ކްލޯސް ކޮށްލަން."
ހަންނާންގެ މޫނުމަތިން މާޔޫސްކަމުގެ ކުލަވަރު އަހަންނަށް ފެނުނެވެ. އެއީ ލޯބިވާ މީހަކު ވަކިވާތީ ފެންނަންޖެހޭ ކަހަލަ ހިތާމައެއް ނޫނެވެ.
"ތި ވީ ގޮތް ވަރަށް ދެރަ އަސްލުގަ،" ހަންނާން ބުންޏެވެ."އަހަންނަކަށް ނޭނގޭ ކޮބައިކަމެއް އަހަރެންގެ މައްސަލައަކީ."
"މީ އަސްލުގަ އަހަރެންގެ މައްސަލައެއް ކަންނޭނގެ،" އާދައިގެމަތިން އަހަރެން އަމިއްލައަށް ޒިންމާ ބޮލުގައިއެޅީމެވެ."އެހެންވެގެންތާ މިހާ ދުވަސް ވާއިރު ވެސް އަހަރެންނަށް މީހަކާ ނީނދެވިފަ މި ހުންނަނީ. ވެދާނެ އަހަރެންގެ މައްސަލަތަކެއް ހުންނަނީ ކަމަށް."
ހަންނާނާ އިނދެގެން އަހަންނަށް ލިބޭނީ ކޮން އުފަލެއް ހެއްޔެވެ؟ އަހަރެންގެ އަތުގައި ހިފައިގެން އަހަންނަކީ ހަންނާނުގެ އަނބިމީހާއޭ ބުނެ މީހުންނަށް ދެއްކުން ފިޔަވައި އެހެން ކަމެއް ކުރަން ހަންނާނަށް އެނގޭނެ ހެއްޔެވެ؟ގާތުގައި އަހަރެން ހުރުމުން އުނދަގޫވާ މީހަކާ އެކުގައި އަހަރެން ދިރިއުޅުން ވެއަތުކުރާނީ ކިހިނެއް ހެއްޔެވެ؟ ހަންނާނު އުޅުނީ މަންމައަށް ދައްކަން މީހަކާ އިންނާށެވެ. މަންމަގެ ހިތްއުފާ ކުރުވާށެވެ. މީހުންގެ އަނގަމަތީގައި މަލަންއަޅާށެވެ.ކައިވެނިކޮށްފިއްޔާ އަހަރެން ޖެހޭނީ ހިތުގައި އިހުސާސެއް ނެތް އަންބަކަށް ވެގެން ގޭތެރޭގެ ޒީނަތްތެރިކަން ދެމެހެއްޓުމަށް ޓަކައި އިންނާށެވެ. އަހަންނަކީ އިންސާނެކެވެ. ހިލައިން ހަދައިފައިވާ ބުދެއް ނޫނެވެ.
ހަންނާނާ އަހަރެން ގުޅުންކަނޑައިލުމަކީ އަހަރެންގެ ޢާއިލާއަށް ސިހުމެއް ލިބުނުކަމެއް ކަމަކަށް ނުވިއެވެ. އެ މީހުން ތިބީ އާދަވެފައެވެ. އަހަރެން މީހަކާ ނީންނާނެކަން އެ މީހުންނަށް ކަށަވަރެވެ. އަހަރެން ކަންދައްކަނީއެވެ.އެހެން ކިޔާކަށް ވެސް އެ މީހުން ޖެހިލުމެއް ނުވެއެވެ. އެކަމަކު އަހަރެން ކިހާ މަސައްކަތެއް ކޮށްފިން ހެއްޔެވެ؟ އެންމެ ފަހަރަކު ވެސް ރަނގަޅު މީހަކާ އަހަންނާ ދިމާނުވީއެވެ.
އަނެއްކާ ވެސް އިންނާނެ މީހަކު ހޯދަން ނުކުންނަންވީއެވެ. ނޫނީ ދޮންތަ ވަރިކުރުވައިފައި މުބާހާ އިންނަންވީއެވެ. އޭނަގެ ޖެއްސުން އެންމެ ތަންކޮޅެއް ވެސް ކުޑައެއް ނޫނެވެ. އަނެއް ގޮތަކީ ރާއްޖެއިން ބޭރަށް ގޮސް ބިދޭސީއަކާ އިނުމެވެ. އެނބުރި ރާއްޖެ ނައުމެވެ. ދިވެއްސަކު ލިބޭތޯ ލައްކަ މަސައްކަތް ކުރެވިއްޖެއެވެ. ކޮންމެ މީހަކާ ވެސް އަހަރެން ރައްޓެހިވަނީ ހަޔާތުގެ ބައިވެރިޔަކަށް އޭނަ ހެދުމުގެ އުންމީދުގައެވެ. ވަކި ހިސާބަކުން ވަކިވާން މަޖުބޫރުވަނީއެވެ. ދާ ކޮންމެ މީހަކު އަހަރެންގެ ހިތުގައި ކޫރުމެއް އަޅުވައިލައެވެ. އެއް ކޫރުން ތާޒާކޮށް ހުއްޓައި އަނެއް ކޫރުމެވެ. ހީވަނީ ހިތުގައި ވަކިއަޅައިފައި ހުންނަހެންނެވެ. އެ މަންޒަރު ފެންނާނީ ކާކަށް ހެއްޔެވެ؟ އެ މީހަކު ހިތަށްއެރި ތުހުމަތެއް އަހަރެންގެ ބޮލުގައި އެޅުވީމަ ނިމުނީއެވެ. ކުށްވެރި ވަނީ އަހަންނެވެ. އުޅެން ނޭނގެނީ ވެސް އަހަންނަށެވެ.
ލޯބީގެ މާތައް އެ ބަޔެއްގެ ބޮލަށް އޮހޭ މީހުންނަކަށް އަހަރެންގެ ކެކުޅުންތަކެއް އިހުސާސެއް ނުކުރެވޭނެއެވެ. ލޯތްބަކީ އެންމެންނަށް ލިބޭނެ ނަސީބެއް ނޫނެވެ. އަނެއްކާ އެންމެ ތިރީ ހަރުފަތުން ފަށަންވީއެވެ. އަހަރެންގެ ހާލަތު ﷲ ދެނެވޮޑިގެން ވާނެއެވެ. ލޯބީގެ ނަސީބުން މަހުރޫމުވުމަކީ ހާދަހާ ހިތްދަތިކަމެކެވެ. ހާދަހާ އެކަނިވެރިކުރުވާ ކަމެކެވެ. މިއީ ހާދަހާ ވޭންހުރި ދިރިއުޅުމެކެވެ. މަލާމާތް ރައްދުވާ ހަޔާތެކެވެ. މިއީ އަހަރެން ބޭނުންވި ގޮތެއް ނޫނެވެ. އަހަރެންގެ އިންތިޒާރަށް ނިމުމެއް އަންނާނީ ކޮން ދުވަހަކުން ހެއްޔެވެ؟ މިހާރު އަހަރެންގެ އުމުރުން މި ފުރެނީ ސާޅީސް ފަސް އަހަރެވެ.
ނިމުނީ