ސުޕްރީމް ކޯޓުގެ އަމުރު ދިރާސާކުރާކަށް ނުޖެހޭ، ތަންފީޒު ކުރޭ: މަޝްހޫރު ވަކީލުން
ސުޕްރީމް ކޯޓުގެ އަމުރު ދިރާސާކުރާކަށް ނުޖެހޭ، ތަންފީޒު ކުރޭ: މަޝްހޫރު ވަކީލުން

ޖަލުގައި ތިއްބެވި އިދިކޮޅު ސިޔާސީ ލީޑަރުން ވަގުތުން މިނިވަން ކުރުމަށް ސުޕްރީމް ކޯޓުން މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ކުރި ހުކުމް ވަގުތުން ތަންފީޒު ކުރަން ޖެހޭ ކަމަށް ރާއްޖޭގައި މަސައްކަތް ކުރައްވާ ގިނަ އަދަދެއްގެ ތަޖުރިބާކާރު ވަކީލުން މިރޭ ވިދާޅުވެއްޖެ އެވެ.

ރާއްޖޭގެ 78 ގާނޫނީ ވަކީލަކު ސޮއިކުރައްވައި ނެރުއްވި ބަޔާނެއްގައި ވިދާޅުވީ ކޯޓުން ނެރުނު އަމުރަކީ، އިތުރު ދިރާސާއެއް އަދި ރައުޔެއް ހޯދުމެއް ނެތި ވަގުތުން ތަންފީޒުކުރަން ޖެހޭ އަމުރެއް ކަމަށެވެ.

ކޯޓުގެ އަމުރުގައި ނަން ފާހަގަކޮށްފައިވާ ސިޔާސީ ލީޑަރުންނާއި އެހެނިހެން ފަރާތްތައް ބަންދު ކުރެވުނު ޝަރުއީ އަދި ގާނޫނީ ސަބަބުތައް ސައްހަ ނޫން ކަމާއި އެބޭފުޅުންގެ މައްސަލަތައް ގާނޫނުއަސާސީ އާއި ގާނޫނުތަކާ އެއްގޮތްވާ ގޮތުގެ މަތިން އަލުން ބެލޭނެ އިންތިޒާމު ހަމަޖެއްސުމަށް ވަގުތުން ދޫކޮށް، މިނިވަން ކުރުމަށް ކޯޓުން ފާހަގަކޮށްފައިވާ ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.

"އެއީ އެ ކޯޓަށް ހުށަހަޅާފައިވާ މައްސަލަތަކަށް ރިއާޔަތްކޮށް، ރާއްޖޭގެ އަދުލުއިންސާފު ގާއިމުކުރުމުގެ އެންމެ އިސް ފަރާތުގެ ހައިސިއްޔަތުންނެވެ،" ވަކީލުން ނެރުއްވި ބަޔާނުގައިވެ އެވެ.

އެ ބަޔާނުގައި ބުނި ގޮތުގައި ގާނޫނުއަސާސީގެ 42 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތަށް ކޮންމެ މީހަކަށް ވެސް އެމީހެއްގެ މައްޗަށް ޖިނާއީ ކުށެއްގެ ދައުވާ އުފުލިއްޖެނަމަ، އަދުލުވެރިކަމާއި ހާމަކަމާއެކު ޝަރީއަތް ކުރުމުގެ ހައްގު ހިމާޔަތްކޮށް ދަމަހައްޓަން ޖެހެ އެވެ. އެއީ ކޮންމެ މީހެއްގެ އިންސާނީ ޝަރަފާއި ހަމަހަމަކަމާއި ކަރާމާތާއި މިނިވަންކަން ނަގަހައްޓައި އެއްވެސް މީހަކާ މެދު ގާނޫނީ އިޖުރާއުތުގެ ބޭރުން އަދި އިއުތިބާތީ ގޮތެއްގައި އަމަލުކުރަން ހުއްޓުވުމުގެ މުހިންމު މަގްސަދަށްޓަކައި ކަމަށް އެ ބަޔާނުގައިވެ އެވެ.

އެހެންވެ، ރާއްޖޭގެ އަމާންކަމާއި ސުލްހަމަސްލަސްކަން ނުގެއްލޭ ގޮތަށް އަސާސީ ހައްގުތައް ނަގަހައްޓައި ހިމާޔަތް ކުރުމަށް އެންމެހައި ރައްޔިތުންނަށް ވަކީލުން ވަނީ ގޮވާލައްވައިފަ އެވެ. އަދި ކޯޓުގެ އަމުރު ތަންފީޒު ކުރުމަށް އަޅަން ޖެހޭ ފިޔަވަޅުތައް އެޅުމަށް ވެސް ބަޔާނުގައި ގޮވާލި އެވެ.

މި ބަޔާނުގައި ސޮއިކުރައްވާފައިވާ ބޭފުޅުންގެ ތެރޭގައި ކުރީގެ ބަންޑާރަ ނައިބުން ކަމަށްވާ ހުސްނުއް ސުއޫދާއި ފާތިމަތު ދިޔާނާ ސައީދުގެ އިތުރުން ވެސް ގާނޫނީ ދާއިރާގެ ތަޖުރިބާކާރު ބޭފުޅުން ހިމެނިވަޑައިގަންނަވަ އެވެ. އަދި ޖަލުގައި މިވަގުތު ތިއްބެވި ސިޔާސީ ލީޑަރުންގެ ހައްގުގައި ވަކާލާތު ކުރެއްވި ބޭފުޅުން ވެސް ހިމެނިވަޑައިގަންނަވަ އެވެ.