03 ފެބުރުއަރީ 2018 - 22:35

ސުޕްރީމް ކޯޓުގެ އަމުރަށް ފަހު ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫން ބަންދުގައި ބެހެއްޓުމަކީ ރަހީނު ކުރުމެއް ކަމަށާއި އެކަމުގައި ބައިވެރިވާ ކޮންމެ މީހެއްގެ މައްޗަށް ވަކިވަކިން ދައުވާ ކުރާނެ ކަމަށް ފާރިސްގެ ވަކީލުން މިރޭ ބުނެފި އެވެ.
ސުޕްރީމް ކޯޓުން މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ދޫކޮށްލަން އެންގި ބޭފުޅުންގެ ތެރޭގައި ފާރިސް ވެސް ހިމެނެ އެވެ. އެކަމަކު އެއިން ވެސް އެއްވެސް ބޭފުޅަކު މިހާތަނަކަށް ދޫކޮށްފައެއް ނުވެ އެވެ. ސަރުކާރުން ބުނެފައިވަނީ އެ އަމުރު ތަންފީޒު ކުރަންޖެހޭ މަސައްކަތްތައް ކުރަމުންދާ ކަމަށެވެ.
ފާރިސްގެ ވަކީލުންގެ ޓީމުން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވަކީލް މައުމޫން ހަމީދު ވިދާޅުވީ ފާރިސް މިހާރު ބަންދުގައި ބަހައްޓަންޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށާއި މިހާރު ފާރިސް ބަންދުގައި ބަހައްޓާ ނަމަ އެއީ ރަހީނު ކުރުމެއް ކަމަށާއި އެކަން ވާނީ ޓެރަރިޒަމްގެ އަމަލެއް ކަމަށް މައުމޫން ވިދާޅުވި އެވެ. އެހެންވެ، ފާރިސް މިހާރު ބަންދުގައި ބަހައްޓާ ބެހެއްޓުމާ ގުޅިގެން، އެކަމުގައި ހިމެނޭ ކޮންމެ މީހެއްގެ މައްޗަށް ވަކިވަކިން ދައުވާ ކުރާނެ ކަމަށް މައުމޫން ވިދާޅުވި އެވެ. އެ މައްސަލަތައް މާދަމާ ހުށަހަޅާނެ ކަމަށް ވެސް އެ ވަކީލުން ބުންޏެވެ،
"ސުޕްރީމް ކޯޓުން ނެރުއްވި އަމުރުގައި ވެސް އެއޮތީ ވިދާޅުވެފައި އެ އަމުރު ތަންފީޒު ކުރުމުގައި ހުރަސް އަޅާ ކޮންމެ ފަރާތަކާ މެދު ވެސް ވަކިވަކިން ދައުވާ ކުރަންޖެހޭނެ ކަމަށް. އެހެންވީމަ އެގޮތަށް ފާރިސް ވެސް ގާނޫނުގެ ނިޒާމުން އެއްކިބާ ކޮށްފައި ނުވަތަ އެކަހެރި ކުރުމުގެ މައްސަލާގައި އެހީތެރިވެދޭ، ވާގިވެރިވާ، އެކަން އަމަލީ ގޮތުން ކުރައްވާ، އެކަމަށް އަމުރު ކުރެއްވި ހުރިހާ ފަރާތެއް ޒިންމާވެ ވަޑައިގަންނަވަން ޖެހޭނެ،" މައުމޫން ވިދާޅުވި އެވެ.
ބަންދުން ދޫ ނުކުރަނީ ފުރިހަމަ ކުރަންޖެހޭ އިޖްރާއާތުތަކެއް ހުރުމުން ކަމަށް ސަރުކާރުން ބުނާ ބުނުމަށް ރައްދު ދެއްވައި، މައުމޫން ވިދާޅުވީ އެންމެ މަތީ ކޯޓުން އަމުރެއް ނެރުމުން ފުރިހަމަ ކުރަންޖެހޭ އިތުރު އިޖްރާއާތެއް ނޯންނާނެ ކަމަށެވެ. މީގެކުރިން މިދިޔަ މަހު ކްރިމިނަލް ކޯޓުގެ އަމުރަކަށް ފާރިސް ދޫކޮށްލަން އެންގުމާ އެކު، ދެެ ގަޑިއެއްހާއިރުގެ ތެރޭގައި ފާރިސް މިނިވަންކަމާ އެކު ކޯޓުން ނިކުމެވަޑައިގަތް ކަން މައުމޫން ފާހަގަ ކުރެއްވި އެވެ.
ފާރިސްގެ މައްޗަށް ކުރާ ދައުވާގެ އަޑުއެހުމަކަށް އޭނާ މާދަމާ ކްރިމިނަލް ކޯޓަށް ހާޒިރު ކުރާތީ އެކަމާ ގުޅިގެން މައުމޫން ވިދާޅުވީ ސުޕްރީމް ކޯޓުގެ އެންގުން ތަންފީޒު ވެފައިވޭތޯ ކްރިމިނަލް ކޯޓުން ބަލާނެ ކަމުގެ އުއްމީދު އެބައޮތް ކަމަށެވެ. އަދި އެކަން މާދަމާގެ އަޑުއެހުމުގައި ވަކީލުން ވެސް ފާހަގަ ކުރާނެ ކަމަށް މައުމޫން ވިދާޅުވި އެވެ.
"އަޅުގަނޑުމެން ދެކޭ ގޮތުގައި ކްރިމިނަލް ކޯޓުން ކަށަވަރު ކުރައްވާނެ ފާރިސްގެ ހަވާލުގައި ފުލުހުންގެ ބޭފުޅުން ވަޑައިގެންނެވީ ކީއްވެގެންތޯ. ގާނޫނާ ޚިލާފް ގޮތަކަށް، ސުޕްރީމް ކޯޓުގެ ބާރު ކެނޑޭ ގޮތަށް އެ ބޭފުޅުން އެ އަމަލު ކުރައްވަނީ ކީއްވެގެންތޯ ސުވާލު ކުރައްވާނެ ކަމަށް އަޅުގަނޑުމެން ގަބޫލު ކުރަނީ،" މައުމޫން ވިދާޅުވި އެވެ.