ސުޕްރީމް ކޯޓުގެ ބެންޗަށް ބަަދަލު ގެންނާކަށް ނޫޅެން: ޕީޕީއެމް
ސުޕްރީމް ކޯޓުގެ ބެންޗަށް ބަަދަލު ގެންނާކަށް ނޫޅެން: ޕީޕީއެމް

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗަށް، އެއްވެސް ބަދަލެއް ގެންނަން ސަރުކާރުން ނޫޅޭ ކަމަށް ޕީޕީއެމުން މިރޭ ބުނެފި އެވެ.

ސުޕްރީމް ކޯޓުގެ ބެންޗަށް ބަަދަލު ގެންނާކަށް ނޫޅެން: ޕީޕީއެމް
ސުޕްރީމް ކޯޓުގެ ބެންޗަށް ބަަދަލު ގެންނާކަށް ނޫޅެން: ޕީޕީއެމް

ސިޔާސީ ލީޑަރުން ވަގުތުން ދޫކޮށްލަން ސުޕްރީމް ކޯޓުން ކުރި އަމުރު ސަރުކާރުން ތަންފީޒުނުކޮށްގެން އިދިކޮޅު ފަރާތްތަކުން ކަންބޮޑުވުންފާޅުކުރަމުން ދަނިކޮށް، ޕީޕީއެމުން ބޭއްވި ޕްރެސް ކޮންފަރެންސެއްގައި އެ ޕާޓީން ބުނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު އިތުރުކުރަން އުޅޭ ކަމަށް ފަތުރާ ވާހަކަ އަކީ ދޮގެއް ކަމަށެވެ.

ދައުލަތުގެ މީޑިއާ، ޕީއެސްއެމާއި ޗެނަލް 13 އަށް އެކަނި ދައުވަތު ދީގެން ބޭއްވި ޕްރެސް ކޮންފަރެންސްގައި ޕީޕީއެމްގެ ނައިބު ރައީސް އަދި ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ ސުޕްރީމް ކޯޓާ ގުޅޭ ގޮތުން ދޮގު ވާހަކަތަކެއް ފަތުރަނީ ކަންކަން އިތުރަށް "ގޯސްކުރަން" ކަމަށެވެ. އެ ކޯޓުގެ ފަނޑިޔާރުންގެ ބެންޗަށް ބަދަލު ގެނައުމުގެ ވިސްނުމެއް ޕީޕީއެމުން ނުގެންގުޅޭ ކަމަށް އޭނާ ތަކުރާރުކޮށް ވިދާޅުވި އެވެ.

"ފަނޑިޔާރުންގެ މަގާމުތަކާ ކުޅެން އުޅޭ ވާހަކައެއް، ނުފޫޒު ހުރި ބައެއް ފަރާތްތަކުން ފަނޑިޔާރުންނަށް ނުފޫޒު ފޯރުވަން އެ މީހުންގެ އަރިހުގައި ނުވަތަ އެ މީހުންނަށް މެސެޖް ދޭންވެގެން އެބަ ދައްކާ. ޕީޕީއެމްގެ ފަރާތުން އަޅުގަނޑު ދަންނަވާލަން ބޭނުން ވަނީ މި ޕާޓީއަކީ އެ ކަހަލަ ވިސްނުމުގެ ޕާޓީއެއް ނޫނޭ،" އަބްދުއްރަހީމް ވިދާޅުވި އެވެ.

"އަޅުގަނޑުމެންނަށް ހިތްނުތަނަސްވާ ނޫނީ، އަޅުގަނޑުމެންނާ ދެކޮޅަށް ކޯޓަކުން ހުކުމެއް ކުރާ ކޮންމެ ފަހަރަކު އެ ކޯޓުގެ ފަނޑިޔާރުން ދުއްވާލުމުގެ ވިސްނުމެއް ޕީޕީއެމްގައި ނުހުންނާނެ."

ސުޕްރީމް ކޯޓުގައި މިހާރު ތިއްބަވަނީ ފަސް ފަނޑިޔާރުންނެވެ. އެއީ، އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދުގެ އިތުރުން އަބްދުﷲ އަރީފާއި އަލީ ހަމީދާއި ޑރ. އަހްމަދު އަބްދުﷲ ދީދީ އާއި އާދަމް މުހައްމަދު އަބްދުﷲ އެވެ.

އަބްދުއްރަހީމް ވިދާޅުވި ގޮތުގައި ޕީޕީއެމުން އަބަދުވެސް މަސައްކަތްކުރާނީ ގައުމާއި ރައްޔިތުންގެ ހައްގުގަ އެވެ. ގާނޫނެއް ހެދިއަސް އަދި ގާނޫނެއް އިސްލާހު ކުރިއަސް، އެކަން ކުރާނީ ގައުމާއި ރައްޔިތުންގެ ވިސްނުމުގައި ކަމަށް ވިދާޅުވި އެވެ.

"ސަރުކާރުން ރައްޔިތުންނަށް ފޯރުކޮށްދެއްވަން ބޭނުންވާ ހިދުމަތެއް ފޯރުކޮށްދިނުމުގައި ގާނޫނީ ހުރަހެއް އޮތް ކަމަށް ވަންޏާ، އެ ހުރަސް ނައްތާލުމަށް ގާނޫނަށް ގެންނަން ޖެހޭ އިސްލާހެއް ނުވަތަ އަލަށް ގާނޫނެއް ހަދަން ޖެހެންޏާ އަޅުގަނޑުމެން އެކަން ކުރާނަން،" އަބްދުއްރަހީމް ވިދާޅުވި އެވެ.

ޓޫރިޒަމް މިނިސްޓަރު އަދި ޕީޕީއެމްގެ ނައިބު ރައީސް މޫސާ ޒަމީރު ވެސް ވިދާޅުވީ ފަނޑިޔާރުންގެ ބެންޗަށް ބަދަލު ގެންނަން ސަރުކާރުން އެއްވެސް އިރެއްގައި، މަޝްވަރާކޮށްފައި ނުވާނެ ކަމަށެވެ. އެ ވާހަކަތައް ފެތުރިގެން އުޅޭތީ ހައިރާންވެވަޑައިގަންނަވާ ކަމަށް ވެސް ވިދާޅުވި އެވެ.

"އަބްދުއްރަހީމް ވިދާޅުވި ގޮތަށް އެފަދަ އެއްވެސް މަޝްވަރާއެއް ކުރެވިފައި ނެތް، އެ ވިސްނުމެއް ވެސް ނެތް،" ޒަމީރު ވިދާޅުވި އެވެ.

ސުޕްރީމް ކޯޓުން މިދިޔަ ބުރާސްފަތި ދުވަހު ނެރުނު އަމުރުގައި، ސިޔާސީ ނުވަ ބޭފުޅަކު މިނިވަންކުރަން ސަރުކާރަށް އަންގާފައިވެ އެވެ. އެ އަމުރުގައި، ދައުލަތުގެ ހުރިހާ ފަރާތަކުން ވެސް ވަގުތުން އަމަލުކުރަން އަންގާފައި ވިޔަސް ސަރުކާރުން އެއިން އެއްވެސް ބޭފުޅަކު އަދި މިނިވަނެއް ނުކުރެ އެވެ.

ސަރުކާރުން ބުނަމުން އަންނަނީ ކުށްވެރިންތަކެއް ދޫކޮށްލުމާ ގުޅޭގޮތުން ކަންބޮޑުވުންތަކެއް އެބަހުރި ކަމަށާއި ޕްރޮސިކިއުޓަ ޖެނެރަލް އެ ކަންކަން އުއްތަމަ ފަނޑިޔާރަށް ހުށަހަޅުއްވާނެ ކަމަށެވެ. މި ވާހަކަ އަށް ރައްދު ދެއްވައި އިދިކޮޅު ފަރާތްތަކުން ބުނެފައި ވަނީ ސުޕްރީމް ކޯޓުގެ ނިންމުމުން، އިތުރަށް ދިރާސާކޮށް، މަޝްވަރާކުރަން ޖެހޭނެ ކަމެއް ނޯންނާނެ ކަމަށެވެ.