އަމުރު ތަންފީޒުކުރަން ގޮވާލައި މާފުށީ ޖަލު ކުރިމަތީ މުޒާހަރާކޮށްފި
އަމުރު ތަންފީޒުކުރަން ގޮވާލައި މާފުށީ ޖަލު ކުރިމަތީ މުޒާހަރާކޮށްފި

ހުކުމް ތަންފީޒުކުރާ ސިޔާސީ އިދިކޮޅު ނުވަ ބޭފުޅަކު މިނިވަންކުރުމަށް ސުޕްރީމް ކޯޓުން ކުރި އަމުރު ތަންފީޒު ކުރުމަށް ގޮވާލައި ކ. މާފުށީ ޖަލު ކުރިމަތީ މިއަދު މުޒާހަރާ ކޮށްފި އެވެ.

އަމުރު ތަންފީޒުކުރަން ގޮވާލައި މާފުށީ ޖަލު ކުރިމަތީ މުޒާހަރާކޮށްފި
އަމުރު ތަންފީޒުކުރަން ގޮވާލައި މާފުށީ ޖަލު ކުރިމަތީ މުޒާހަރާކޮށްފި

ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހުލޫފް އިސްވެ ހުންނަވައިގެން، މާފުށީގެ ބައެއް މީހުންނާ އެކު މިއަދު ހަވީރު ކުރި މުޒާހަރާގައި ވަނީ ސުޕްރީމް ކޯޓުގެ އަމުރު ވަގުތުން ތަންފީޒު ކުރުމަށް ގޮވާލައިފަ އެވެ.

މުޒާހަރާގެ ބައިވެރިން ޖަލުގެ މައި ގޭޓް ތަޅުވައި އެ ގޭޓް ހުޅުވި ނަމަވެސް މުޒާހަރާގެ އެއްވެސް ބައިވެރިއަކު ޖަލު ސަރަހައްދަކަށް ނުވަދެ އެވެ. ގޭޓް ހުޅުވި ވަގުތު ޖަލު އޮފިސަރުންނާއި މުޒާހަރާގެ ބައިވެރިންނާ ދެމެދު ހަމަނުޖެހުން ހިނގި އެވެ. އަދި އޭގެ އިރުކޮޅެއް ފަހުން ފުލުހުން އައިސް މުޒާހަރާގެ ބައިވެރިން ފަހަތަށް ޖައްސައި ގޭޓް ލެއްޕި އެވެ.

ގޭޓް ހުޅުވުމުން ޕްރިޒަން އޮފިސަރުން ގޭޓް ލެއްޕުމަށް މަސައްކަތް ކުރި ވަގުތު މުޒާހަރާގެ ބައިވެރިންނާ އޮފިސަރުންނާ ދެމެދު ވަނީ ހަަނުޖެހުންތަކެއް ހިނގާފަ އެވެ. މުޒާހަރާގެ ބައިވެރިން މަސައްކަތް ކުރީ އެ ގޭޓް ލެއްޕިޔަ ނުދިނުމަ ށެވެ. އެ ގޭޓް ލެއްޕުނީ އެސަރަހައްދަށް ފުލުހުން އައިސް މުޒާހަރާގެ ބައިވެރިން ފަހަތައް ޖައްސަން މަސައްކަތް ފެށި ހިސާބުންނެވެ.

އިރުއޮއްސުމާ ހަމަޔަށް މުޒާހަރާ ކުރިއަށް ގެންގޮސްފައި ވާއިރު އެއްވެސް މީހަކު ހައްޔަރުކޮށްފައެއް ނުވެ އެވެ.

ސުޕްރީމް ކޯޓުގެ އަމުރުގައި މިނިވަންކުރުމަށް އަންގާފައިވާ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ އާއި ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫނާއި ކުރީގެ ޕްރޮސިކިއުޓާ ޖެނެރަލް މުހުތާޒު މުހުސިނާއި އދ. މާމިގިލީ ކޯޓުގެ އިސް މެޖިސްްޓްރޭޓް އަހުމަދު ނިހާންގެ އިތުރުން ވިޔަފާރިވެރިޔާ ހާމިދު އިސްމާއިލް (ހާމިދު ސޭޓް) ހުކުމް ތަންފީޒް ކުރައްވަމުން ގެންދަވަނީ މާފުށީ ޖަލުގަ އެވެ.

މިނިވަން ކުރަަން އަންގާފައިވާ ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް އުޅުއްވަނީ ރާއްޖެއިން ބޭރުގަ އެވެ. ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމް ހުންނެވީ ގޭ ބަންދުގަ އެވެ.

އަމުރު ނެރުނުތާ ދެ ދުވަސް ވީއިރު ވެސް އެ އަމުރު ތަންފީޒުކޮށްފައި ނުވާތީ އިދިކޮޅު ފަރާތްތަކުންނާއި އެކި ގައުމުތަކުން އަންނަނީ އަމުރަށް ތަބާވުމަށް ސަރުކާރަށް ގޮވާލަމުންނެވެ.