އެއްވެސް ޓޫރިސްޓަކަށް ބިރެއް ނެތް: ފޮރިން މިނިސްޓްރީ
އެއްވެސް ޓޫރިސްޓަކަށް ބިރެއް ނެތް: ފޮރިން މިނިސްޓްރީ

ގާނޫނާއި ގަވާއިދުގެ ތެރެއިން ކަމާބެހޭ އިދާރާތައް ގުޅިގެން ސުޕްރީމް ކޯޓުގެ އަމުރު ތަންފީޒުކުރުމުގެ މަސައްކަތް ސަރުކާރުން ކުރަމުން އަންނަ ކަމަށާއި އެއްވެސް ޓޫރިސްޓަކަށް ރާއްޖޭގައި ބިރެއް ނެތް ކަމަށް ފޮރިން މިނިސްޓްރީން މިއަދު ބުނެފި އެވެ.

ބައިނަލްއަގުވާމީ ފަރާތްތަކާއި އަވަށްޓެރި ގައުމުތަކުން ސުޕްރީމް ކޯޓުގެ އަމުރަށް ތަބާވުމަށް ގޮވާލައި ބަޔާންތައް ނެރެމުންދާ ދަނޑިވަޅެއްގައި ފޮރިން މިނިސްޓްރީން ނެރުނު ބަޔާނުގައި ބުނީ، އެ އަމުރަށް ދިވެހި ސަރުކާރުން ފުރިހަމައަށް ތާއިދުކުރާ ކަމަށެވެ. އަދި ކަމާބެހޭ ފަރާތްތަކާ ގުޅިގެން، އޮންނަ އުސޫލުގެ ދަށުން ކޯޓުގެ އަމުރު ތަންފީޒު ކުރަމުން އަންނަ ކަމުގެ ޔަގީންކަން ވެސް ދިވެހިންނަށާއި ބައިނަލްއަގުވާމީ ފަރާތްތަކަށް ވަނީ ދީފަ އެވެ.

ބަޔާނުގައި ބުނީ އަމުރު ތަންފީޒު ކުރުމަށް ކަމާބެހޭ އިދާރާތަކުން އުއްތަމަ ފަނޑިޔާރާއި މަޝްވަރާކޮށްފައިވާ ކަމަށެވެ. އަދި އެކަމުގައި ގާނޫނީ ގޮތުން ބޮޑެތި މަސައްކަތްތަކެއް ކުރަންޖެހޭއިރު، އަމުރުން ސާފުކުރަންޖެހޭ ކަންތައްތައް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އިން ކޯޓަށް ހުށަހަޅާނެ ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.

އަމުރާ ގުޅިގެން ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން ރާއްޖޭގައި އުޅޭ އިނގިރޭސިވިލާތާއި އެމެރިކާގެ ރައްޔިތުން ސަމާލުވުމަށް އެ ގައުމުތަކުން ވަނީ ގޮވާލައިފަ އެވެ. ނަމަވެސް ފޮރިން މިނިސްޓްރީން ބުނީ ރާއްޖޭގައި ދިރިއުޅޭ ބޭރުގެ ފަރާތްތަކުގެ ސަލާމަތަށް އެއްވެސް ނުރައްކަލެއް ނެތް ކަމަށާއި ސިޔާސީ ހަލަބޮލިކަމަށް ވަރަށް އަވަހަށް ހައްލެއް ލިބިގެންދާނެ ކަމަށެވެ.

"ކަމާބެހޭ ފަރާތްތަކުުން އުއްތަމަ ފަނޑިޔާރާ ބައްދަލުކުރައްވައި އެމަނިކުފާނުގެ އިރުޝާދާ އެއްގޮތަށް އަމަލުކުރަމުން އަންނަކަމުގެ ޔަގީންކަން ބޭރުގެ ފަރާތްތަކަށް ދެން. އެ މައްސަލަ ވަރަށް އަވަހަށް ހައްލުވެގެން ދާނެ ކަމަށާއި ރާއްޖޭގައި ދިރިއުޅޭ ބޭރުގެ އެއްވެސް ފަރާތަކަށް އަދި ޒިޔާރަތްކުރާ އެއްވެސް ޓޫރިސްޓަކަށް ސަލާމަތަށް ނުރައްކާވާ ވަރުގެ ކަމެެއް ނެތް،" ބަޔާނުގައި ބުންޏެވެ.

ސުޕްރީމް ކޯޓުން ސަރުކާރަށް އަމުރުކޮށްފައި ވަނީ، ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމާއި އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ އާއި ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމާއި ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫނާއި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި ކުރީގެ ޕްރޮސިކިއުޓާ ޖެނެރަލް މުހުތާޒު މުހުސިނާއި އދ. މާމިގިލީ ކޯޓުގެ އިސް މެޖިސްްޓްރޭޓް އަހުމަދު ނިހާންގެ އިތުރުން ވިޔަފާރިވެރިޔާ ހާމިދު އިސްމާއިލް (ހާމިދު ސޭޓް) މިނިވަން ކުރުމަށެވެ.

އެ އަމުރުގައި، ދައުލަތުގެ ހުރިހާ ފަރާތަކުން ވެސް ވަގުތުން އަމަލުކުރަން އަންގާފައި ވިޔަސް ސަރުކާރުން އެއިން އެއްވެސް ބޭފުޅަކު އަދި މިނިވަނެއް ނުކުރެ އެވެ.