13 ޖުލައި 2016 - 21:05

ދިވެހި ސަރުކާރާއި ރާއްޖޭގެ ޝަރުއީ ދާއިރާގެ ބައެއް އިސް ފަރާތްތަކަށް އިނގިރޭސިވިލާތަށް ދަތުރުނުކުރެވޭ ގޮތް ހަދަން ވިސްނަމުން އަންނަ ކަމަށް އެ ގައުމުން މިއަދު ބުނެފި އެވެ.

އިނގިރޭސި ގާނޫނު ހަދާ މަޖިލީހުގެ ތިރިގޭގައި މެމްބަރަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ފޮރިން އެންޑް ކޮމަންވްލެތު އޮފީހުގެ ސްޓޭޓް މިނިސްޓަރު ހޫގޯ ސްވަޔާ ވިދާޅުވީ ރާއްޖޭގެ ހާލަތު ދުވަހަކަށް ވުރެ ދުވަހެއް ގޯސް ވަމުން ދާ ކަމަށެވެ. އެކަމަކާ އިނގިރޭސިވިލާތުން ވަރަށް ކަންބޮޑުވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"ދިވެހި ސަރުކާރުގެ ބައެއް އޮފިޝަލުންނާއި އެ ގައުމުގެ ޝަރުއީ ދާއިރާގެ ބައެއް އިސް ފަރާތްތަކާ ދެކޮޅަށް އެކްސްކްލޫޝަން އޯޑަރު ނެރެން މި ދަނީ ވިސްނަމުން،" ވެރިކަން ކުރާ ކޮންޒަވެޓިވް ޕާޓީ ތަމްސީލު ކުރައްވާ އެންޑްރޫ ބިންހަމް ކުރެއްވި ސުވާލާ ގުޅިގެން ސްވަޔާ ވިދާޅުވި އެވެ.
އެކްސްކްލޫޝަން އޯޑަރަކީ އިނގިރޭސިވިލާތަށް އެތެެރެވުން މަނާކޮށް އެ ގައުމުގެ ހާރިޖިއްޔާ އިން ނެރޭ އަމުރެކެވެ. މި އަމުރުގައި އެ ރައްދުވާ ފަރާތުގެ އިތުރުން އޭނާގެ އާއިލާ އާއި ގުޅުން ހުރި ފަރާތްތައް ހިމެނުމުގެ އިހުތިޔާރު ވެސް ލިބިގެންވެ އެވެ.
އިނގިިރޭސި ސަރުކާރު ބަދަލުވުމުގެ މަރުހަލާގައި އޮތް އިރު، ގާނޫނު ހަދާ މަޖިލީހުގައި ސްވަޔާ ދެއްވި އެންމެ ފަހު ބަޔާނުގައި އޭނާ ވަނީ އދ. އާއި ކޮމަންވެލްތާ އެކު މަސައްކަތް ކުރަން ރާއްޖެ އަށް ގޮވާލައްވާފަ އެވެ. އޭނާ ވިދާޅުވީ އަންނަ ސެޕްޓެމްބަރު މަހު ބާއްވާ ކޮމަންވެލްތު މިނިސްޓީރިއަލް އެކްޝަން ގްރޫޕު (ސީމެގު)ގެ ބައްދަލުވުމުގެ ކުރިން ރާއްޖޭން ހަރުދަނާ ފިޔަވަޅުތަކެއް އަޅައި ކަންކަން އިސްލާހު ކުރަންޖެހޭނެ ކަމަށެވެ.
ސީމެގުން މިދިޔަ އޭޕްރީލް މަހު ބޭއްވި ބައްދަލުވުމުގައި ރާއްޖެ އަށް ވަނީ ކަންތައްތަކެއް އިސްލާހު ކުރަން އަންގާފަ އެވެ. އޭގެ ތެރޭގައި ސިޔާސީ ކުށްވެރިން ދޫކޮށްލުމާއި އިދިކޮޅު އަޑުތައް ކަނޑުވާލަން ކުރާ މަސައްކަތް ހުއްޓާލުމާއި ސިޔާސީ ހަރަކާތް ހިންގުމުގެ ފުރުސަތު ދިނުން އަދި ޝަރުއީ ނިޒާމުގެ މިނިވަންކަމާއި އިންސާފުވެރިކަން ކަށަވަރުކުރުން ހިމެނެ އެވެ. ސީމެގުގެ ދެން އޮންނަ ބައްދަލުވުމުގެ ކުރިން އެ ކަންކަން އިސްލާހު ނުކޮށްފި ނަމަ ރާއްޖެ އަށް ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ސީމެގުން ވަނީ ދީފަ އެވެ.
ކޮމަންވެލްތުން ރާއްޖެ އަށް ކަނޑައެޅި ހާއްސަ މަންދޫބު ވިލީ މުޓުންގާ އަންނަ މަހުގެ ކުރީކޮޅު ރާއްޖެ ވަޑައިގަންނަވާނެ އެވެ. ރާއްޖޭގެ ސިޔާސީ މަސްރަހު ހަމައަކަށް އެޅުވުމުގެ ޒިންމާ ކެންޔާގެ ކުރީގެ އުއްތަމަ ފަނޑިޔާރު މުޓުންގާއާ ވަނީ މަތިކޮށްފަ އެވެ. މީގެ އިތުރުން، ސިޔާސީ މަސްރަހު ފިނި ކުރަން ބާއްވާ ޕާޓީތަކުގެ މަޝްވަރާ ކުރި އަށް ގެންދަން އދ.ގެ މަންދޫބު ތަމްރަތު ސެމިއުލް އަންނަ ހޯމަ ދުވަހު ރާއްޖެ ވަޑައިގަންނަވާނެ އެވެ.
މިހާރު އެންމެ ބޮޑަށް ރާއްޖެ އަށް ބޭރުގެ ޕްރެޝަރު އޮތީ ބައި ގަރުނަށް ވުރެ ގިނަ ދުވަސް ވަންދެން މަރުގެ ހުކުމް ތަންފީޒު ނުކޮށް އޮތުމަށް ފަހު އެކަން ކުރަން އުޅޭ މައްސަލައިގަ އެވެ. އދ. އާއި އީޔޫގެ އިތުރުން އެމެރިކާ އަދި އިނގިރޭސިވިލާތް ފަދަ ގައުމުތަކުން އަންނަނީ އެކަމާ ދެކޮޅަށް އަޑު އުފުލަމުންނެވެ.
މިކަން ވެސް ގޮސް ގުޅެނީ ބޭރުގެ ފަރާތްތަކުން އެންމެ ބޮޑަށް ކަންބޮޑުވުން ފާޅުކުރަމުން ދާ ޝަރުއީ ނިޒާމުގެ އިންސާފުވެރިކަމާއި މިނިވަންކަމާ އެވެ. އިނގިރޭސިވިލާތުން މިހާރު ހިމާޔަތް ދީފައިވާ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ އިތުރުން ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމާއި އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ އާއި އެ ނޫން ވެސް އިދިކޮޅު ސިޔާސީ ބޭފުޅުންނަށް ކޮށްފައިވާ ޝަރީއަތްތަކާ ގުޅިގެން ރާއްޖެ އަށް ވަރަށް ބޮޑަށް ފާޑުކިއުން އަމާޒުވަމުން ދެ އެވެ. އަދި ފަރުދުންގެ ހައްގުތައް ގެއްލެމުންދާ ކަމަށް ބުނެ ވެސް ބޭރުގެ ފަރާތްތަކުން އަންނަނީ ނުރުހުން ފާޅުކުރަމުންނެވެ.
އެކަމަކު، ސަރުކާރުން މިއަދު ވެސް ބުނީ އެކި މައްސަލަތަކުގައި ބޭރު ގައުމުތަކުން ރާއްޖެ އަށް އަންގާ އެންގުންތަކާއި ދައްކާ ވާހަކަތަކަކީ ސަރުކާރަށް ކުރިމަތިވާ ޕްރެޝަރެއް ނޫން ކަމަށެވެ.