އަމުރު ތަންފީޒު ކުރަން މާލެ އަށް މީހުން ގެންނަން ޖޭޕީން ވެސް ގަރާރެއް ފާސްކޮށްފި
އަމުރު ތަންފީޒު ކުރަން މާލެ އަށް މީހުން ގެންނަން ޖޭޕީން ވެސް ގަރާރެއް ފާސްކޮށްފި

މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ސުޕްރީމް ކޯޓުން ނެރުނު އަމުރު ތަންފީޒުކުރަން ގޮވާލައި މާލެއަށް މީހުން އައުމަށް ގޮވާލައި ޖުމްހޫރީ ޕާޓީން ވެސް ގަރާރެއް މިއަދު ފާސްކޮށްފި އެވެ. އެމްޑީޕީން ވެސް ހަމަ މިފަދަ ގަރާރެއް ފާސްކޮށްފަ އެވެ.

އެ ޕާޓީގެ އޮފީހުގައި ބޭއްވި ގައުމީ ހިންގާ ކޮމެޓީ އަށް ތޮއްޑޫ ދާއިރާގެ މެމްބަރު އިބްރާހިމް ހަސަން ހުށަހެޅި ގަރާރުގައި ބުނެފައިވަނީ އަމުރު ތަންފީޒު ކުރަން ރާއްޖޭގެ ހުރިހާ ހިސާބަކުން ވީހާ ވެސް ގިނަ ރައްޔިތުން މާލެއަށް ޖަމާވުމަށެވެ.

އެ ގަރާރުގައި ބުނެފައިވަނީ އިންސާނީ ހައްގުތަކާ ހިލާފަށް ހިންގާފައިވާ ޖިނާއީ ތަހުގީގުތަކެއްގެ މައްޗަށް ދައުވާ އުފުލައި ޖަލަށް ލާފައިވާ ސިޔާސީ ލީޑަރުން މިނިވަން ކުރަން ހުރިހާ މަސައްކަތެއް ކުރަން ޖެހޭ ކަމަށެވެ. އަދި ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން އިއުލާނުކުރި މެމްބަރުންނަށް ވެސް މަސައްކަތް ކުރަން މަޖިލީހަށް ވަދެވޭނެ ފުރުސަތު ފަހިކޮށްދިނުން ވެސް ގަރާރުގައި ބުންޏެވެ.

މީގެ އިތުރުން ކޯޓުގެ އަމުރަށް ތާއީދުކޮށް ލޯކަލް ކައުންސިލްތަކުން ގަރާރުތައް ނެރުމަށް ވެސް ޖޭޕީން ވަނީ ފާސްކޮށްފަ އެވެ.

ސުޕްރީމު ކޯޓުން ވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމާއި އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ އާއި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމާއި ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫނާއި ކުރީގެ ޕްރޮސިކިއުޓާ ޖެނެރަލް މުހުތާޒް މުހުސިނާއި އދ. މާމިގިލީ ކޯޓުގެ އިސް މެޖިސްޓްރޭޓް އަހުމަދު ނިހާނާއި ވިޔަފާރިވެރިޔާ ހާމިދު އިސްމާއިލް (ހާމިދު ސޭޓް) މިނިވަން ކުރުމަށް އަމުރުކޮށްފަ އެވެ.

ނަމަވެސް އަމުރު ނެރުނުތާ ދެ ދުވަސް ވާން ކައިރި ވީ އިރު ވެސް އެ ތަންފީޒުކުރުމުގެ އެއްވެސް އިޝާރާތެއް ސަރުކާރުގެ ފަރާތުން ނުފެނެ އެވެ. އެކަމަށް ބޭރުގެ ގައުމުތަކުން ވެސް ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

ކޯޓުގެ އަމުރު ތަންފީޒުކުރަން ގޮވާލައި ރަށްރަށުން މާލެ އަށް މީހުން އައުމަށް ގޮވާލައި އެމްޑީޕީން ވެސް ވަނީ ގަރާރެއް ފާސްކޮށްފަ އެވެ.