ރިޔާސީ އިންތިހާބަށް ރައީސް ކެމްޕޭން ފައްޓަވައިފި
ރިޔާސީ އިންތިހާބަށް ރައީސް ކެމްޕޭން ފައްޓަވައިފި

މި އަހަރު ފަހުކޮޅު އޮންނަ ރިޔާސީ އިންތިހާބުގައި ވާދަކުރުމަށް ރަސްމީކޮށް މިއަދު ކެމްޕޭން ފެއްޓެވިކަން ރައީސް އަބްދުﷲ ޔާމީން އިއުލާން ކުރައްވައިފި އެވެ.

ރިޔާސީ އިންތިހާބަށް ރައީސް ކެމްޕޭން ފައްޓަވައިފި
ރިޔާސީ އިންތިހާބަށް ރައީސް ކެމްޕޭން ފައްޓަވައިފި

ވެސްޓް ޕާކް ކުރިން ހުރި ސަރަހައްދުގައި ޕީޕީއެމުން އަޅާފައިވާ ޖަގަހައިގައި ވާހަަކަ ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ ޖަލުގައި ތިބި ސިޔާސީ ބޭފުޅުން ދޫކޮށްލުމަށް ސުޕްރީމު ކޯޓުން މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ނެރުނީ ހީކޮށްގެން ތިބި ކަހަލަ އަމުރެއް ނޫން ކަމަށާއި އެހެންވެ، މި ދިމާވި ކަންތައްތަކުން މިއަދުން ފެށިގެން ރިޔާސީ އިންތިހާބުގެ ކެމްޕޭން ފެއްޓެވިކަން އިއުލާނު ކުރައްވާ ކަމަށެވެ

ރިޔާސީ އިންތިހާބަށް ރައީސް ކެމްޕޭން ފައްޓަވައިފި
ރިޔާސީ އިންތިހާބަށް ރައީސް ކެމްޕޭން ފައްޓަވައިފި

ރައީސް ވިދާޅުވީ މިއަދާ ހަމައަށް އައީ ރޭހެއްގައި ކަމަށާއި އެހެންވެ، ބުރާސްފަތި ދުވަހުގެ ރޭ ކޯޓުން ކުުރި އަމުރާ ގުޅިގެން އެ ހިސާބުން ރޭސް ފަށަންވީ ކަމަށެވެ.

"އަޅުގަނޑު ހީކުރީ ރިޔާސީ އިންތިހާބުގެ ކެމްޕޭން ފެށުނުތާ ކުޑަދުވަސް ކޮޅެއް ވެއްޖެ ކަމަށް. އެކަމަކު މިހާރު މި ދިމާވި ކަންތައްތަކުން ބިސްމި ކިޔާފައި ކެމްޕޭން މި ފަށަނީ،" ޕީޕީއެމްގެ ގިނަ އަދަދެއްގެ ސަޕޯޓަރުންނާއެކު ބޭއްވި އެ ބައްދަލުވުމުގައި ރައީސް ޔާމީން ވިދާޅުވި އެވެ.

ސުޕްރީމް ކޯޓުން ނެރުނު އަމުރުގައި ވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމާއި އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ އާއި ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމާއި ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫނާއި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި ކުރީގެ ޕްރޮސިކިއުޓާ ޖެނެރަލް މުހުތާޒު މުހުސިނާއި އދ. މާމިގިލީ ކޯޓުގެ އިސް މެޖިސްްޓްރޭޓް އަހުމަދު ނިހާންގެ އިތުރުން ވިޔަފާރިވެރިޔާ ހާމިދު އިސްމާއިލް (ހާމިދު ސޭޓް) މިނިވަން ކުރަން އަންގާފަ އެވެ.

ރައީސް ޔާމީން ވިދާޅުވީ ކޯޓުގެ މި އަމުރަކީ ދައުލަތް ހިންގާއިރު އެއާ ދޭތެރޭ ވިސްނައި، ކޮންމެވެސް ވަރަކަށް ސަރުކާރުގެ ދުވެއްޔަށް މަޑުޖެހުމެއް އަތުވެދާނެ ފަދަ އަމުރެއް ކަމަށެވެ. އެކަމަކު އެހެން ވިޔަ ނުދީ، އެންމެ ރަނގަޅަށް އެކަން ކުރިއަށް ގެންދެވޭނީ ކިހިނެތްތޯ ބެލުމަށް ސުޕްރީމް ކޯޓާއެކު މަސައްކަތް ކުރައްވަމުން އަންނަ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ. އަދި އެކަން ރައްޔިތުން ގަބޫލު ކުރުމަށް ރައީސް އެދިވަޑައިގެންނެވި އެވެ.

ރައީސް ޔާމީން ވިދާޅުވި ގޮތުގައި 2013 އަހަރު މި ސަރުކާރު އިންތިހާބުވެ، ޒައާމަތު ފެށިގެން އައީ ވަރަށް ދަތި އުނދަގޫ ކަންތައްތަކާއެކު އެވެ. އަދި މިއަށް ވުރެ ދަތި އުނދަގޫ ފަސް އަހަރެއް ނޫނީ ޒައާމަތެއް ދުނިޔޭގެ ތާރީހުގައި މިއިން ޒަމާނަކު ދުށްކަމަށް ފެންނަން ނެތް ކަމަށް އެ މަަނިކުފާނު ވިދާޅުވި އެވެ.

"އުނދަގޫ އެތައް ކަމެއް އަޅުގަނޑުމެންނަށް ފެނިއްޖެ. ޕާޓީގެ އެތެރޭން، މުއައްސަސާތަކުގެ ތެރޭން. ރައްޔިތުންގެ މަޖިލީހުގެ ތެރެއިން. އެކަމަކު ރައްޔިތުން ތިބި ގޮތް މިއަދު އަޅުގަނޑުމެންނަށް މިތިބީ ފެންނަން،" ގައުމީ ދިދަ އާއި ޕީޕީއެމްގެ ފިޔާތޮށި ކުލައިގެ ފޮތި އަތުގައި އައްސައިގެން ތިބި މީހުންނަށް އިޝާރާތް ކުރައްވައި ރައީސް ވިދާޅުވި އެވެ.

އެ މަނިކުފާނު ވިދާޅުވި ގޮތުގައި މިހާ ގިނަ ބަޔަކު އެތަނަށް އެއްވި އިރު އެއީ ޕީޕީއެމުން ގޮވާލައިގެން ނޫނީ ސިޔާސީ ވާހަކަތައް ދައްކަން ބޭއްވި ބައްދަލުވުމެއް ނޫން ކަމަށެވެ. އެކަމަކު ގިނަ ބަޔަކު އެއްވީ މިހާރު ހިނގަމުން އަންނަ ކަންތައްތަކުން ޖަޒްބާތާއި ޖޯޝާއެކު ސަރުކާރަށް ތާއީދު ކުރާތީ ކަމަށް ރައީސް ވިދާޅުވި އެވެ.