މިއީ އިންތިޒާރުކުރި އަމުރެއް ނޫން: ރައީސް
މިއީ އިންތިޒާރުކުރި އަމުރެއް ނޫން: ރައީސް

އިދިކޮޅު ސިޔާސީ ލީޑަރުން ޖަލުން ވަގުތުން މިނިވަންކޮށް، މަޖިލީހުގެ 12 މެމްބަރެއްގެ ގޮނޑި ނުގެއްލޭ ކަމަށް ސުޕްރީމް ކޯޓުން ބުރާސްފަތި ދުވަހުގެ އަމުރު ނުކުތީ ހީކޮށްގެން ތިބި ގޮތަކަށް ނޫން ކަމަށް ރައީސް އަބްދުﷲ ޔާމީން މިއަދު ވިދާޅުވެއްޖެ އެވެ.

ސުޕްރީމް ކޯޓުން ނެރުނު އަމުރު ތަންފީޒުކުރަން ދެކޮޅު ހަދައި ސަރުކާރުން ބަހަނާ ދައްކާތީ އިދިކޮޅު މީހުން މަގުމައްޗަށް ނުކުމެ މުޒާހަރާކުރަން ފެށުމުން، ރައީސް ޔާމީނަށް ތާއީދު އޮތްކަން ދައްކަން ސަރުކާރުގެ ކުންފުނިތަކުގެ މުވައްޒަފުންނާއި ޕީޕީއެމަށް ތާއީދުކުރާ ބަޔަކު ވަނީ ވެސްޓް ޕާކު ރެސްޓޯރަންޓް ހިންގިތަނުގެ ކައިރީގައި މިއަދު ހަވީރު އެއްވުމެއް ބާއްވައިފަ އެވެ.

ކޯޓުގެ އަމުރަށްފަހު ފުރަތަމަ ފަހަރަށް އާއްމުންނާ މުހާތަބުކުރައްވައި ވާހަކަދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ ރައީސަށާއި ދައުލަތަށް ވެސް ސުޕްރީމް ކޯޓުގެ ނިންމުމާ މެދު ވާހަކަ ދައްކަން ވަގުތު ލިބެން ޖެހޭ ކަމަށެވެ.

"ހަމަ އައުޓް އޮފް ދަ ބްލޫސް އަޅުގަނޑުމެން އެއްވެސް ގޮތަށް އިންތިޒާރުކޮށްގެން، ވިސްނައިގެން އަދި އެކަން ވެދާނެ ކަމަށް ހީކޮށްގެން ތިބި ގޮތަކަށް ނޫން ސުޕްރީމް ކޯޓުގެ އަމުރެއް މި ނުކުތީ. އެހެން ނަމަވެސް ސުޕްރީމް ކޯޓަކީ ރާއްޖޭގެ އެންމެ މަތީ ކޯޓު ކަމަށް ވާތީ، ސުޕްރީމް ކޯޓުގެ އަމުރެއް ނުކުތީމަ، އެ އަމުރުގަ ހުރި ކަންތައް ދައުލަތުން، ސަރުކާރުން، ޕްރޮސެކިއުޓާ ޖެނެރަލްގެ ފަރާތުން އަދި ތަންފީޒީ ހުރިހާ މުއައްސަސާތަކުން އެކަން އެންމެ ރަނގަޅަށް ގެންދެވޭނީ ކިހިނެއްތޯ ބެލުމަށްޓަކައި ވަރަށް ގިނަ މަސައްކަތްތަކެއް ކުރަން ޖެހުނު،" އެ އަމުރު ތަންފީޒުކުރުން ލަސްވާ ސަބަބާ ބެހޭ ގޮތުން ރައީސް ވިދާޅުވި އެވެ.

ރައީސް ޔާމީން ވިދާޅުވީ ސުޕްރީމް ކޯޓުން އަމުރު ނެރުމުން ބުރާސްފަތި ދުވަހުގެ ރޭ ފަތިސް ވަންދެން ވެސް ޓީމެއް އެ މަނިކުފާނާ އެކު މަސައްކަތުގައި އުޅުއްވި ކަމަށެވެ. އަދި ހަފުތާ ބަންދުގެ ދެ ދުވަސް ވެސް އުޅުއްވީ ކޯޓު އަމުރާ ގުޅިގެން ކުރަން ޖެހޭ މަސައްކަތްތައް ކުރައްވަން ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވި އެވެ.

"އިރާދަކުރެއްވިއްޔާ މަސައްކަތްތައް ދަނީ ރަނގަޅަށް. އަޅުގަނޑުމެންނާ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނާ ގުޅިއްޖެ، ވާހަކަތަކެއް ފެށިއްޖެ. ސުޕްރީމް ކޯޓުގެ އަމުރުގައި ދައުލަތުން އަމަލްކުރަން ހުރި ކަންކަމުގެ ތެރޭގައި ދައުލަތަށް ދަތިވެފައި ހުރި ބައެއް ކަންތައްތައް ނޫނީ އިތުރަށް އޮޅުން ފިލުވަން ބޭނުންވާ ކަންތައް އަޅުގަނޑުމެން ސުޕްރީމް ކޯޓާ ގުޅިގެން އިށީނދެގެން ވާހަކަދައްކަން ފަށައިފިން،" ރައީސް ވިދާޅުވި އެވެ.

ރައީސް ޔާމީން ވިދާޅުވީ "ހުދު އަޅުގަނޑާ ސުޕްރީމް ކޯޓުގެ އިސްފަނޑިޔާރު އަބްދުﷲ ސައީދާ ގުޅިއްޖެ" ކަމަށެވެ. އަދި އެ އަމުރަށްފަހު މަސައްކަތްތައް ކުރިޔަށް ދަނީ ރަނގަޅު ރޫހެއްގައި ކަމަށާއި އެ މަސައްކަތްތައް ކުރިޔަށް ގެންދަވަނީ ރައްޔިތުންނަށް އެއްވެސް ކަހަލަ ހާސްކަމެއް ނެތް ދަތިކަމެއް ކުރިމަތިނުވާނެ ގޮތަށް ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވި އެވެ.

"އެ މަސައްކަތްކުރުން މަތީ އަޅުގަނޑު ދެމިހުންނާނަން. އަޅުގަނޑުގެ ސަރުކާރު ދެމި އޮންނާނެ،" އެއްވެތިބި މީހުންނަށް ހިތްވަރު ދެއްވަމުން ރައީސް ވިދާޅުވި އެވެ.

އެ މަނިކުފާނު ވިދާޅުވީ ޕާޓީގެ މެމްބަރުން ކުރަމުން އަންނަ މަސައްކަތްތައް މިހާރަށް ވުރެ ވަރުގަދަ ކުރަން ޖެހޭ ކަމަށެވެ. އަދި ރައްޔިތުން ދެއްވި ވޯޓާ އެއްގޮތަށް ހިދުމަތް ކުރެއްވުމަށް ދެމިހުންނަވާނެ ކަމަށް ވެސް ރައީސް ޔާމީން ވިދާޅުވި އެވެ.

"މި ދަނޑިވަޅަކީ ވަރަށް ވިސްނުންތެރިކަމާއެކީ ކަންކަން ކުރަން ޖެހޭ ވަގުތެއް. ވިސްނުންތެރިކަމާއެކީ ކަންކަން ކުރާއިރު ވެސް މިހާރު ތިހިރަ ޖޯޝާއި ގައުމީ ސިފަތަކަށް އަދި އަޅުގަނޑަށާއި އަޅުގަނޑުގެ ޕާޓީއަށް ތިކުރައްވާ ތާއީދަށް ހަމަ އެންމެ އިންޗިއެއް ވެސް ދޫކޮށްގެން ނުވާނެ،" ވަރަށް ޖޯޝާ އެކު ވާހަކަދައްކަވަމުން ރައީސް ވިދާޅުވި އެވެ.

ރައީސް ވާހަކަދައްކަވަމުން ގެންދެވިއިރު އެއްވެ ތިބި މީހުން އުފާކޮށް، ހަޅޭލަވައި ހަދަމުން ގެންދިޔަ އެވެ. ބައެއް ފަހަރު ވާހަކަދައްކަވަން އުނދަގޫވެގެން ވާހަކަފުޅު ދެއްކެވުން މަޑުކޮށްލައްވައި ވެސް ހެއްދެވި އެވެ.

އެ މަނިކުފާނު ވިދާޅުވީ މިހާރު ބައްދަލުވެގެން އުޅޭ ކަންތައްތަކަކީ ވެސް އަދި ސުޕްރީމް ކޯޓުގެ އަމުރަކީ ވެސް ދައުލަތް ހިންގާއިރު ދުވެއްޔަށް ކޮންމެ ވެސް ވަރެއްގެ މަޑުޖެހުމެއް އަތުވެދާނެ ކަމެއް ކަމަށެވެ.

"އެހެންވިޔަސް އެކަން އެހެންވިޔަ ނުދީ އެންމެ ރަނގަޅަށް ކުރިޔަށް ގެންދެވޭނީ ކިހިނެތްތޯ ބެލުމުގެ މަސައްކަތް ސުޕްރީމް ކޯޓާއެކީ އަޅުގަނޑުމެން މިކުރަނީ. އެކަން އަޅުގަނޑުމެން ގަބޫލުކުރަންވާނެ. އަޅުގަނޑުމެންނަށް މި ހިސާބަށް މިއައީ ރޭސް ފައްޓަންވީ ހިސާބުން، މި ޒައާމަތު މި ހިސާބަށް މިއައީ ވަރަށް ދަތި އުނދަގޫ ކަންތައްތަކާއެކީ،" ފާއިތުވި ތަނުގައި ދިމާވި ސިޔާސީ ގޮންޖެހުންތަކާ ބެހޭ ގޮތުން ވާހަކަދައްކަވަމުން ރައީސް ވިދާޅުވި އެވެ.

ރައީސް ޔާމީން ވިދާޅުވީ ސިޔާސީ ގޮތުން މިއަށްވުރެ ދަތި އުނދަގޫތަކެއް ކުރިމަތިވި ސަރުކާރެއް މިއިން ޒަމާނަކު ދިވެހި ތާރީހުން ފެންނަން ނެތް ކަމަށެވެ.

"އަޅުގަނޑުމެންނަށް ފެނިއްޖެ ދަތި އެތައް ކަންތައްތަކެއް. އެންމެ ކައިރިން. ޕާޓީގެ ތެރެެއިން، މަޖިލިސް މެމްބަރުންގެ ތެރެއިން، މުއައްސަސާތަކުގެ ތެރެއިން. އަދި މިނޫން ވެސް ހުރިހާ ދިމާލަކުން ފެނިއްޖެ،" އަނބިކަނބަލުން ފާތުމަތު އިބްރާހިމާއި ވަޒީރުން ވެސް ބައިވެރިވެ ވަޑައިގެންނެވި އެއްވުމުގައި ރައީސް ވިދާޅުވި އެވެ.

އެއްވެ ތިބި މީހުންނަށް އިޝާރާތްކުރައްވައި ވާހަކަދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ "ރައްޔިތުން ތިބި ގޮތް މިތަނުން ވެސް ފެނިއްޖެ" ކަމަށެވެ. އަދި ރައްޔިތުން އެއްވުމަށް ގޮވާލައިފި ނަމަ އެއްވާނެ މީހުން ވަރަށް ގިނަ ވާނެ ކަމަށާއި އެ އެއްވުމަކީ ޕާޓީން އިންތިޒާމްކުރި ރެލީއެއް ނޫން ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.