03 ފެބުރުއަރީ 2018 - 19:26

ސުޕްރީމް ކޯޓުން ނެރޭ އަމުރަކާ މެދު ޚިޔާލު ތަފާތުވުން ހުރި ކަމުގައި ވިޔަސް، އެ ހުކުމެއް ތަންފީޒު ކުރަންޖެހޭނެ ކަމަށް، ރާއްޖޭގެ ކުރީގެ އުއްތަމަ ފަނޑިޔާރު އަހްމަދު ފާއިޒް ހުސައިން ވިދާޅުވެއްޖެ އެވެ.
ފާއިޒްގެ ފޭސްބުކް ޕޭޖްގައި، ކޯޓުތަކުގެ ގާނޫނުގެ 20 ވަނަ މާއްދާ ހިއްސާ ކުރައްވަމުން ފާއިޒް ލިޔުއްވާފައިވަނީ "ސުޕްރީމް ކޯޓުގެ އަމުރާ މެދު ޚިޔާލު ތަފާތުވުމުގެ ޖާގަ އޮތް ކަމުގައި ވިޔަސް، އަމުރަށް ތަބާވުން ލާޒިމްވާނެ" ކަމަށެވެ.
"އަމުރު ތަންފީޒު ކުރުމުގައި އޭޖީ، ޕީޖީގެ ސީދާ ދައުރެއް ނޯންނާނެ. އަމުރު ތަންފީޒު ކުރުމުގައި ބަލަންޖެހޭ ޑިއު ޕްރޮސެސްއަކީ އަމުރުގައިވާ ގޮތަށް އަމަލު ކުރުން. ގާނޫނު ބުނަނީ އަމުރު ރައްދުވާ ކޮންމެ ފަރާތެއްގެ މައްޗަށް އެ ތަންފީޒު ކުރުން ލާޒިމް ކަމެއް،" ފޭސް ބުކްގައި ފާއިޒް ލިޔުއްވާފައިވެ އެވެ.
ފާއިޒް ވިދާޅުވީ ގާނޫނު މާނަ ކުރުމުގައި ގާނޫނީ ބޭފުޅުންގެ މެދުގައި ޚިޔާލު ތަފާތުވުން ހުރި ކަމުގައި ވިޔަސް ސުޕްރީމް ކޯޓުން އަމުރެއް ނެރެފިއްޔާ، އެ އަމުރެއް ރައްދުވާ ކޮންމެ މީހެއްމެ އެ އަމުރަކަށް ބޯލަނބައި ތަންފީޒު ކުރަންޖެހޭނެ ކަމަށެވެ.
އޭނާ ވިދާޅުވި ގޮތުގައި ޝަރުއީ ނިޒާމުގެ އެންމެ މަތީ މަރުހަލާ އިން އަމުރެއް ނުވަތަ ހުކުމެއް ކުރީމާ އެ ހުކުމަށް ގޮންޖަހައި، އެ ހުކުމެއް ތަންފީޒު ކުރުމާ މެދު އެހެން ފަރާތްތަކުގެ ޚިޔާލު ހޯދަން މަޑުކުރާ ނަމަ، ސުޕްރީމް ކޯޓެއް ހުރުމުގެ މާނައެއް ނެތް ކަމަށެވެ. އަދި ސުޕްރީމް ކޯޓުގެ އަމުރުތަކާއި ހުކުމްތަކަށް ހުރުމަތްތެރިކޮށް ހިތުމަކީ އެ ނިންމުމަކާ އެއްގޮތަށް ވަގުތުން އަމަލު ކުރުން ކަމަށް ވެސް ފާއިޒް ވިދާޅުވި އެވެ.
"މިހާރު" އަށް ދެއްވި އިންޓަވިއުއެއްގައި ފާއިޒް ވިދާޅުވި ގޮތުގައި މީގެ ކުރިން ސުޕްރީމް ކޯޓުން ހުކުމް ކަނޑައެޅުމުގައި އެ ކޯޓުގެ ފަނޑިޔާރުންގެ މެދުގައި ވެސް ޚިޔާލު ތަފާތުވުން އުފެދިފައި އެބަހުއްޓެވެ. ނަމަވެސް އެ ކޯޓުގެ ފަނޑިޔާރުންގެ އަޣުލަބިއްޔަަތުން ނެރޭ ހުކުމެއް ނަމަ އެއީ މުޅި ސުޕްރީމް ކޯޓުގެ ނިންމުމެކެވެ.
"ސުޕްރީމް ކޯޓުގެ ނިންމުމެއް ނަމަ، އަދި ކިތަންމެ ޚިޔާލު ތަފާތުވި ވިޔަސް، އެ ޖެހޭނެ ނަގަހައްޓަން. އެހެންނޫނީ ރާއްޖޭގައި ސުޕްރީމް ކޯޓެއް ނޯންނާނެ. ސުޕްރީމް ކޯޓުގެ ނިންމުމެއް ގަބޫލު ނުކުރާ ކަމަށްވަންޏާ ޝަރުއީ ދާއިރާގެ އެންމެ އުސް ތަނބު ކަމަށް ބެލެވޭ ނޫނީ ގާނޫނުއަސާސީ ވެސް ނެގެހެއްޓުމުގެ ފުރިހަމަ ބާރާއި އިޚްތިޔާރު ދީފައި އޮންނަ މުއައްސަސާއަކީ އެއީ. އެހެންވީމާ، ސުޕްރީމް ކޯޓުން ގޮތެއް ނިންމީމާ، ހިތާ ދެކޮޅަށް ވިޔަސް ޖެހޭނެ ތަންފީޒު ކޮށް ނަގަހައްޓަން. އެއީ އަޅުގަނޑުގެ އުސޫލީ މަބްދައެއް،" ފާއިޒް ވިދާޅުވި އެވެ.
ސުޕްރީމް ކޯޓުގެ އަމުރަކަށް ނުކިޔަމަންތެރި ވީމާ، އަދި އަމުދުން ދައުލަތުން، މިފަހަރު އެކަންޏެއް ނޫން، ކުރިން އަބްދުﷲ ގާޒީ ހައްޔަރު ކުރި މައްސަލައިގައި ވެސް އަޅުގަނޑުމެން ސުޕްރީމް ކޯޓުން އަމުރެއް ނެރުނު ދެއްތޯ. އޭރުގެ ސަރުކާރުން ވެސް އެ އަމުރު ތަންފީޒެއް ނުކުރި. އަސްކަރިއްޔާ އިން ވެސް ތަންފީޒެއް ނުކުރި. އަނެއްހެން ދަންނަވާ ކަމަށްވަންޏާ އޭރު ސުޕްރީމް ކޯޓު އޮތީ ވާގި ނެތިފައި. އޭރު އިދިކޮޅުގައި ތިއްބެވި ބޭފުޅުންގެ ހިތްވަރުން ގާތްގަނޑަކަށް ސުޕްރީމް ކޯޓުގެ ބާރު އިއާދަ ކުރެވުނީ."
އޭނާ ވިދާޅުވި ގޮތުގައި ގައުމުގެ ޝަރުއީ ނިޒާމު އެފަދަ ހާލަތަކަށް ދާކަށް އެކަކު ވެސް މިހާރު ބޭނުމެއް ނުވާނެ އެވެ.
"އެހެންވީމާ، އަންނަ ކޮންމެ ސަރުކާރަކުން ވެސް އެ ސަރުކާރެއް ހިތްހަމަނުޖެހޭނެ ގޮތަކަށް ހުކުމެއް އައިމާ އެ ހުކުމެއް ތަންފީޒު ނުކޮށްފިއްޔާ، ރާއްޖޭގައި ސުޕްރީމް ކޯޓުގެ އަސްލު އާރާއި ބާރު ނުވެސް ފެންނާނެ. އެ ކޯޓުގެ ބޭނުމެއް ވެސް ނެތް ދެއްތޯ،" ފާއިޒް ވިދާޅުވި އެވެ.
ޖަލަށް ހުކުމް ކޮށްފައި ތިބި ސިޔާސީ ބައެއް ބޭފުޅުން ވަގުތުން މިނިވަންކުރުމަށް ދައުލަތުގެ ކަމާ ބެހޭ މުއައްސަސާތަކުގެ މައްޗަށް އަމުރުކޮށް، މިދިޔަ ހުކުރު ވިލޭރޭ ސުޕްރީމް ކޯޓުން ނެރުނު އަމުރަށް 48 ގަޑިއިރު ވެގެން ދިޔައިރު ވެސް ސަރުކާރުން އެ އަމުރަށް ބޯލަނބައިފައެއް ނުވެ އެވެ. އޭގެ ބަދަލުގައި ސަރުކާރުން ބުނަމުން އަންނަނީ، އަމުރު ތަންފީޒު ކުރުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ކުރަމުން އަންނަ ކަމަށާއި އަދި އެ އަމުރާ ގުޅިގެން ސުޕްރީމް ކޯޓަށް ހުށަހަޅަން ޖެހޭ ކަންކަން ހުށަހެޅުމަށް ތައްޔާރުވަމުން އަންނަ ކަމަށެވެ.
ސުޕްރީމް ކޯޓުން އިއްޔެ ރޭ ނެރުނު އަމުރުގައި ދައުލަތުގެ ކަމާ ބެހޭ އިދާރާތަކަށް އަމުރުކޮށްފައި ވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމާއި އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ އާއި ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމާއި ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫނާއި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި ކުރީގެ ޕްރޮސިކިއުޓާ ޖެނެރަލް މުހުތާޒު މުހުސިނާއި އދ. މާމިގިލީ ކޯޓުގެ އިސް މެޖިސްްޓްރޭޓް އަހުމަދު ނިހާންގެ އިތުރުން ވިޔަފާރިވެރިޔާ ހާމިދު އިސްމާއިލް (ހާމިދު ސޭޓް) ވަގުތުން މިނިވަން ކުރުމަށެވެ.
އޭގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަމުން ވަކިވެފައިވާ ކަމަށް މިދިޔަ އަހަރުގެ އެކި ދުވަސްތަކުގައި އިލެކްޝަންސް ކޮމިޝަނުން ކަނޑައެޅި 12 މެމްބަރުންނަކީ، މަޖިލީހުގެ ސައްހަ މެމްބަރުން ކަމަށާއި، މަޖިލީހުގެ ޖަލްސާތައް ބާއްވަން ވާނީ އެ 12 މެމްބަރުން ވެސް ހިމަނައިގެން ކަމަށް އެ އަމުރުގައިވެ އެވެ.
އަދި ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އެއްވެސް މައްސަލައެއް ޖުޑީޝަލް ސާވިސް ކޮމިޝަނަށް ނުބެލޭނެ ކަމަށާއި، ފްލޯ ކްރޮސިން މަނާކޮށް ސުޕްރީމް ކޯޓުން މިދިޔަ އަހަރު ކުރި ހުކުމް ބާތިލު ކަމަށް ވެސް އެރޭގެ އަމުރުގައި ބުނެފައިވެ އެވެ. އަދި ސުޕްރީމް ކޯޓުގެ ހުއްދައެއް ނެތި އެއްވެސް ކޯޓަކަށް ފަނޑިޔާރުން އައްޔަން ނުކުރެވޭނެ ކަމަށް ވެސް އެ އަމުރުގައިވެ އެވެ.