03 ފެބުރުއަރީ 2018 - 17:01

ޔުނައިޓެޑް ނޭޝަންސް (ފެބްރުއަރީ 3) - މިއަންމާ އާއި ސީރިއާ އަށް ނޯތު ކޮރެއާ އިން ހަތިޔާރު ވިއްކަމުންދާ ކަމަށް އދ.ގެ ރިޕޯޓެއްގައި ބުނެފި އެވެ.
މީގެ އިތުން ނޯތު ކޮރެއާ އިން އެކްސްޕޯޓް ކުރުން މަނާކޮށްފައިވާ ކޯލް އާއި ދަގަނޑު ވެސް އެ ގައުމުން ބޭރު ކުރަމުންދާ ކަމަށް ރިޕޯޓުގައި ބުނެފައިވެ އެވެ. ސީރިއާ އިން ނިއުކްލިއާ ހަތިޔާރު ޕްރޮގްރާމެއް ކުރިއަށް ގެންދިއުމަށާއި މިއަންމާގެ އަސްކަރިއްޔާ އަށް ބެލެސްޓިކް ހަތިޔާރު ފޯރުކޮށްދޭ ކަމަށް ވެސް އދ. އިން އިއްޔެ ނެރުނު ރިޕޯޓުގައި ބުނެފައިވެ އެވެ.
"ނޯތު ކޮރެއާ އިން އެކްސްޕޯޓް ކުރުން އދ.ގެ ގަރާރަކުން މަނާކޮށްފައިވާ ހުރިހާ އެއްޗެއް އެ ގައުމުން ދަނީ އެކްސްޕޯޓް ކުރަމުން. މި ތަކެތި އެކްސްޕޯޓްކޮށްގެން މިދިޔަ އަހަރުގެ ޖެނުއަރީ އާއި ސެޕްޓެމްބަރު މަހާ ދެމެދު ވަނީ 200 މިލިއަން ޑޮލަރުގެ އާމްދަނީއެއް ހޯދާފައި،" ރިޕޯޓުގައި ބުނެފައިވެ އެވެ.
އޮޅުވާލުމުގެ އެކިއެކި ޓެކްނިކްތައް ބޭނުންކޮށްގެން ނޯތު ކޮރެއާގެ ކޯލް ޗައިނާ އާއި މެލޭޝިއާ، ސައުތު ކޮރެއާ، ރަޝިޔާ އަދި ވިއެޓްނާމަށް ފޮނުވަމުންދާ ކަމަށް ވަނީ ބުނެފަ އެވެ.
ނޯތު ކޮރެއާ އިން ކުރަމުންދާ ނިއުކްލިއާ ޓެސްޓްތަކާ ގުޅިގެން އެމެރިކާ އިސްވެ އދ.ގެ ސަލާމަތީ މަޖިލިސް މެދުވެރިކޮށް މިދިޔަ އަހަރު ވަނީ ދަތިކުރުމުގެ ފިޔަވަޅުތައް އަޅައިފަ އެވެ.