03 ފެބުރުއަރީ 2018 - 14:23

ގުދުސް (ފެބްރުއަރީ 3) - އިޒްރޭލުގެ ވެރިރަށަކީ ގުދުސް ކަމަށް އެމެރިކާ އިން ބަލައިގަންނަ ކަމަށް ރައީސް ޑޮނަލްޑް ޓްރަމްޕް ނިންމެވުމާ ގުޅިގެން އެކަމާ ހިތްހަމަ ނުޖެހުން ފާޅު ކުރުމުގެ ގޮތުން ފަލަސްތީނު މީހަކަށް ލިބުނު އެއްމާބަނޑު ތިން ކުދިންނަށް ގުދުސްއާ ގުޅުވައިގެން ނަން ކިޔައިފި އެވެ.

ގާޒާގެ ޚާން ޔޫނިސް އަށް ނިސްބަތްވާ ދެމަފިރިން ކަމަށްވާ ނިދާލް އާއި އިސްލާމް އަށް ލިބުނު ކުދިންނަށް ކިޔާފައިވާ ނަންތަކަކީ "ގުދުސް، ކެޕިޓަލް އަދި ފަލަސްތީން" އެވެ. ދެ ފިރިހެން ކުދިންނަށް ކިޔާފައި ވަނީ ގުދުސް އާއި ޕަލަސްތީނެވެ. އަންހެން ކުއްޖާގެ ނަމަކީ ވެރިރަށެވެ.
"މާތްﷲ ގެ އިރާދަފުޅުން އަހަރެމެންނަށް މިވަނީ އެއްމާބަނޑު ތިން ކުދިން ލިބިފައި. އެ ތިން ކުދިންނަށް ނަންދިނީ ގުދުސްއާ މެދު ޓްރަމްޕުގެ ނިންމުމަށް ދެކޮޅު ހެދުމުގެ ގޮތުން،" ކުދިންގެ މަންމަ އިސްލާމް، 25، ބުންޏެވެ.
އޭނާގެ ފިރިމީހާ، ނިދާލް ބުނީ އިޒްރޭލުގެ ވެރިރަށަށް ގުދުސް ހަދަން ޓްރަމްޕް ނިންމެވި ނިންމެވުމުގައި އެއްވެސް އަގެއް ނެތް ކަމަށެވެ.
ތިން ކުދިންނަށް ކިޔާފައިވާ ނަންތައް ދެއްކުމުގެ ގޮތުން އެ ދެމަފިރިން ވަނީ އެ ކުދިންގެ އުފަން ދުވަހުގެ ސެޓްފިކެޓާ އެކު ފޮޓޯ ނަގައިފަ އެވެ.
ޓްރަމްޕުގެ ނިންމެވުމާ ގުޅިގެން ފަލަސްތީނުގެ އެކި ރަށްތަކުގައި ވަނީ އިހްތިޖާޖްކޮށްފަ އެވެ. އަދި މުޅި ދުނިޔޭގެ ނުރުހުން ވަނީ އެ ނިންމުމަށް އަމާޒުވެފަ އެވެ.
އިޒްރޭލުން ގުދުސް ހިފާފައި ވަނީ 1967 ވަނަ އަހަރު ކުރި ހަ ދުވަހުގެ ހަނގުރާމައިގަ އެވެ.