03 ފެބުރުއަރީ 2018 - 12:59

އަންނަ ހޯމަ ދުވަހު ބާއްވަން ރައްޔިތުންގެ މަޖިލީހުން ތާވަލު ކުރި މި އަހަރުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާ، ސަލާމަތީ ސަބަބުތަކާ ހުރެ ކަމަށް ބުނެ މިއަދު ކެންސަލް ކޮށްފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ ކޮންމެ އަހަރެއްގެ ވެސް ފުރަތަމަ ދައުރުގެ ފުރަތަމަ ދައުރުގެ ޖަލްސާގައި އޮންނާނީ ކުރިއަށް އަހަރު ދުވަހަށް ލަފާކުރާ ދައުލަތުގެ ސިޔާސަތުގެ މައްޗަށް ބިނާކޮށްފައިވާ ރިއާސީ ބަޔާން ރައީސުލްޖުމްހޫރިއްޔާ މަޖިލީހަށް އިއްވެވުމެވެ. މިއަހަރުގެ ރިއާސީ ބަޔާން އިއްވަވާ ޖަލްސާ ބާއްވަން މަޖިލީހުން ނިންމާފައި އޮތީ ދަރުބާރުގޭގަ އެވެ.
ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ފުރަތަމަ ޖަލްސާ ބާއްވަން ތާވަލު ކުރުމަށް ފަހު މި ކެންސަލް ކުރީ، ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަމުން ވަކިވެފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައެޅި 12 މެމްބަރުންނަކީ އެ މަޖިލީހުގެ ސައްހަ މެމްބަރުން ކަމަށް ސުޕްރީމް ކޯޓުން މިދިޔަ ހުކުރު ވިލޭރޭ ނިންމައި އަމުރެއް ނެރެފައި ވަނިކޮށެވެ. އަދި މިއަހަރުގެ ޖަލްސާތައް ކުރިއަށް ގެންދަންވާނީ އެ 12 މެމްބަރުންނާ އެކުގައި ކަމަށް ވެސް އެ އަމުރުގައި ބުނެފައިވެ އެވެ.
ސުޕްރީމް ކޯޓުން ނެރުނު އެ އަމުރާ ގުޅިގެން، މަޖިލީހުގެ އަމީން އާންމު އަހްމަދު މުހައްމަދަށް "މިހާރު"ން ދެންނެވި ސުވާލެއްގެ ޖަވާބުގައި އޭނާ ވިދާޅުވީ އެ މެމްބަރުންގެ މައްސަލައިގައި "ސުޕްރީމް ކޯޓުން މިހާރު އެ އޮތީ ގޮތެއް ނިންމާފައި" ކަމަށެވެ.
"ސުޕްރީމް ކޯޓުގެ އަމުރުގައި އެ އޮތީ މެމްބަރުންކަން ކަނޑައަޅާފައި ނޫންތޯ،" އަހުމަދު ވިދާޅުވި އެވެ.
އަމީން އާންމުގެ އެ ވާހަކައިގެ މާނައަކީ އެ މެމްބަރުންނަށް މަޖިލީހަށް ވެންނެވޭނެ ގޮތް ވުންތޯ ސުވާލު ދެންނެވުމުން އެ އަށް ސީދާ ޖަވާބެއް ނުދެއްވައި އަނެއްކާ ވެސް ވިދާޅުވީ އެއީ "ސުޕްރީމް ކޯޓުގެ އަމުރުގައިވާ ގޮތުން މެމްބަރުން ނޫންތޯ" ކަމަށެވެ.
ސުޕްރީމް ކޯޓުގެ އެ އަމުރާ ގުޅިގެން، އެ 12 މެމްބަރުން ތަކުރާރުކޮށް ވިދާޅުވަމުން ގެންދަވަނީ އަންނަ ހޯމަ ދުވަހު ބާއްވާ ޖަލްސާގައި ބައިވެރިވެވަޑައިގަންނަވާނެ ކަމަށެވެ.
މިިދިޔަ ހުކުރު ވިލޭރޭ ސުޕްރީމް ކޯޓުން ނެރުނު އަމުރާ ގުޅިގެން ރާއްޖޭގެ ސިޔާސީ މަސްރަހަށް ވަނީ ވަރަށް ބޮޑު ހަލަބޮލިކަމެއް ވެރިވެފަ އެވެ. އެއީ ތަފާތު ހުކުމްތަކުގައި މިހާރު ޖަލުގައި ތިއްބެވި ނުވަ ބޭފުޅަކުން ވަގުތުން މިނިވަންކުރުމަށް އެ އަމުރުގައި ދައުލަތުގެ ކަމާ ބެހޭ ފަރާތްތަކަށް އަމުރު ކޮށްފައިވާތީ އެވެ. އަދި އެ އަމުރަށް ތަބާނުވާ ނުވަތަ ހުރަސްއަޅާ ކޮންމެ މީހެއްގެ މައްސަލަ ބަލައި ތަހުގީގު ކުރުމަށް ފަހު ޝަރީއަތަށް ހުށަހެޅުމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ މައްޗަށް އަމުރުކޮށްފައިވެ އެވެ.