13 ޖުލައި 2016 - 20:48

ރާއްޖޭގައި އުފެދުނު އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ އަލީ އަޝްފާގް (ދަގަނޑޭ) މާޒިޔާ ސްޕޯޓްސް އެންޑް ރިކްރިއޭޝަނަށް ކުޅެން ސޮއިކޮށްފި އެވެ.
މިދިޔަ ދެ އަހަރު މެލޭޝިއާގެ ޕީޑީއާރްއެމް އަށް ކުޅުނު ދަގަނޑޭ، ދިވެހި ފުޓްބޯޅައިގެ ތެރެއަށް އެނބުރި މި އައީ އަނިޔާއާ ގުޅިގެން ޕީޑިއާރްއެމްއާ އެކު ހަދާފައިވާ ކޮންޓްރެކްޓް ބާތިލްކުރުމަށް ފަހު އެވެ.
އުރީދޫ ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނައިގައި އޮތް މާޒިޔާ އަށް ދަގަނޑޭ ސޮއިކުރީ، އެ ކްލަބް ހިންގާ ކުންފުނިން ހުޅުމާލޭގައި ހިންގާ ފާން ބުޓިކް އިން ހޮޓަލުގައި މިރޭ ބޭއްވި ހާއްސަ ރަސްމިއްޔާތެއްގަ އެވެ.
"ސީޒަނުގައި ބާކީ ބައިގައި މާޒިޔާ އަށް ކުޅެން ސޮއިކުރިކަން އުފަލާ އެކު އިއުލާންކުރަން. އެންމެންނަށް ޝުކުރުއަދާކުރަން ހާއްސަކޮށް މާޒިޔާ އަހުމަދު (ޗެއާމަން). މާޒިޔާގެ ކޯޗު ސުޒޭނާ އެކު މަސައްކަތްކުރުމުގެ ފުރުސަތު ލިބުމުން ވަރަށް އުފާވެއްޖެ. މި ކްލަބާ އެކު ހުރިހާ ކަމެއް ހާސިލްކުރަން އަހަރެންގެ ސަތޭކަ ޕަސެންޓް ދޭނަން،" ދަގަނޑޭ އޭނާގެ ފޭސްބުކް ޕޭޖުގައި ބުނެފައިވެ އެވެ.
އަނިޔާއަކާ ގުޅިގެން ގިނަ ދުވަސްތަކެއް ވަންދެއް ކުޅުމާ ދުރުގައި ހުންނަން ޖެހޭތީ، ދަގަނޑޭ ޕީޑީއާރްއެމްގެ ކޮންޓްރެކްޓް އުވާލީ ކްލަބާ އެކު އެއްބަސްވުމަކަށް އައުމަށް ފަހު އެވެ. އެ އަނިޔާ އިން ސަލާމަތްވެ ދަގަނޑޭ އައީ މީގެ ދެ ހަފުތާ ކުރިން ފެށިގެން މާޒިޔާގެ ޕްރެކްޓިހުގައި ބައިވެރިވަމުންނެވެ.
ސީޒަނުގެ މެދުތެރެ އިން އަންނަ ޓްރާންސްފާ މުއްދަތު މިހާރު ހުޅުވިފައިވާތީ އުރީދޫ ދިވެހި ޕްރިމިއާ ލީގުގެ ދެ ވަނަ ބުރުގައި ހުކުރު ދުވަހުގެރޭ ޓީސީ ސްޕޯޓްސްއާ ދެކޮޅަށް މާޒިޔާ ކުޅޭ މެޗުގައި ދަގަނޑޭ އަށް ކުޅެވޭނެ އެވެ.
ވެލެންސިއާ އިން 2001 ވަނަ އަހަރު ކެރިއަރު ފެށި ދަގަނޑޭ 2014 ވަނަ އަހަރު މެލޭޝިއާގެ ޕީޑީއާރްއެމްއާ ގުޅުނީ ރާއްޖޭގެ ނިއު ރޭޑިއަންޓާއި ވީބީ ސްޕޯޓްސްއާ އެކު ގިނަ ކާމިޔާބީތަކެއް ހޯދައިފަ އެވެ. މެލޭޝިއާ އަށް ބަދަލުވެ ފުރަތަމަ ސީޒަނުގައި އެ ޓީމަށް މެލޭޝިއާގެ ދެ ވަނަ ޑިވިޝަން ކާމިޔާބުކޮށްދިނުމުގައި މުހިއްމު ދައުރެއް އަދާކޮށް މެލޭޝިއާގެ އެންމެ މޮޅު ބިދޭސީ ކުޅުންތެރިޔާގެ މަގާމް ހޯދި އެވެ.
ރާއްޖޭގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމާއި އެންމެ ގިނަ ލަނޑު ޖަހާ ކުޅުންތެރިޔާއަށް ދޭ ރަންބޫޓް އެތައް ފަހަރަކު ހޯދާފައިވާ ދަގަނޑޭ ވަނީ އޭނާ ރާއްޖޭގައި ކުޅުނު ކޮންމެ ކްލަބަކާ އެކު ގިނަ ކާމިޔާބީތަކެއް ހޯދައިފަ އެވެ. އޭނާ ރާއްޖޭގައި ކުޅުނު ފަހު ސީޒަނުގައި، 2013 ގައި ނިއު އިން ހުރިހާ މެޗަކުން މޮޅުވެ ސީޒަނުގެ ހުރިހާ މުބާރާތެއް ކާމިޔާބުކުރިއިރު މޮޅު ކުޅުމެއް ދެއްކި އެވެ. އަދި އެ ފަހަރުގެ އޭއެފްސީ ކަޕުގެ ކުއާޓާ ފައިނަލުން ނިއު ޖާގަ ހޯދިއިރު ބޮޑު ހިއްސާއެއްވި އެވެ.
އެ ސީޒަނުގައި ދަގަނޑޭއާ އެކު ނިއުގައި މޮޅަށް ކުޅުނު ގޯލްކީޕަރު އިމްރާން މުހައްމަދާއި މުހައްމަދު އުމެއިރު މިހާރު ތިބީ މާޒިޔާގަ އެވެ.