04 ފެބުރުއަރީ 2018 - 06:37

ބޮލީވުޑްގެ ބަތަލާ އަނުޝްކާ ޝަރުމާގެ އާ ފިލްމު "ޕަރީ"ގެ ފުރަތަމަ އިޝްތިހާރު ނުވަތަ ފިލްމު އުފައްދާ ފަރާތުން ބުނާ ގޮތުން ނަމަ ފުރަތަމަ ސްކްރީމާ ވަނީ އިންޓަނެޓްގައި އާއްމުކޮށްފަ އެވެ. މިއީ އެންމެ 30 ސިކުންތުގެ ޓީޒާއެއް ނަމަވެސް ބިރުވެރި-ތުރިލާއެއްގެ ހުންނާނެ ހުރިހާ ކަމެއް މި ވަގުތު ތެރޭގައި ވެސް ވަނީ ފެނިފަ އެވެ.
އިޝްތިހާރުގައި އަނުޝްކާ އިންނަނީ އަތާއި ފައިގައި ބިޑި އަޅުވައި ހިލިހިލާ ޖަހައިފަ އެވެ. ފައިގެ އެތަން މިތަން ހަލާކުވެ ލޭ އައިސްފައި ހުރިއިރު އަނުޝްކާ އިންނަނީ ޓީވީ ސްކްރީނަށް ބަލަހައްޓައިގެންނެވެ. މި ވީޑީއޯ ނިމޭ ތަންކޮޅުން ފެންނަނީ އަނުޝްކާގެ ފައިގެ އިނގިލިތަކުގެ ނިޔަފަތިތައް ދިގުވަމުންދާ ތަނެވެ.
"ޕަރީ" އަކީ އަނުޝްކާގެ ޕްރޮޑަކްޝަން ކުންފުނިން އުފައްދާ ތިން ވަނަ ފިލްމެވެ. ޕްރޮސިތު ރޯއީ ޑައިރެކްޓްކޮށްފައިވާ މި ފިލްމު ރިލީޒްކުރަން ހަމަޖެހިފައިވަނީ މާޗް 2 ވަނަ ދުވަހު އެވެ.
ފިލްމަށް "ޕަރީ" ކީ ނަމަވެސް މިއީ ކުޑަކުދިން ކިޔާ ވާހަކަ ފޮތްތަކުގައި ހުންނަ ކަހަލަ ފެއަރީ ޓޭލް ނުވަތަ ޕަރީންގެ ވާހަކަ ކަހަލަ ވާހަކައެއް ނޫންކަމަށް ފިލްމުގެ އިޝްތިހާރުގައި ވަަނީ ބުނެފަ އެވެ.
"ޕަރީ" ނުލައި އިތުރު ދެ ފިލްމެއްގެ މަަސައްކަތް އަނުޝްކާ މިހާރު އަންނަނީ ކުރަމުންނެވެ. އެއީ ޝާހްރުކް ޚާނާއެކު ކުޅޭ "ޒީރޯ" އާއި ވަރުން ދަވަންއާ އެކު ކުޅޭ "ސުއި ދާގާ" އެވެ.