03 ފެބުރުއަރީ 2018 - 11:50

ކ. މާފުށީ ޖަލު ބެލެހެއްޓުމާ ހަވާލުވެ ހުރި އޮފިސަރު، ޑިރެކްޓަ އޮފް ޕްރިޒަންސް ސަލްމާން މިއަދު އެ މަގާމުން އިސްތިއުފާ ދެއްވާފައިވާ ކަން "މިހާރު" އަށް އެނގިއްޖެ އެވެ.
ޖަލުތައް ބަލަައްޓާ ކަރެކްޝަނަލް ސާވިސް އިން ފޯނަށް ޖަވާބު ނުދޭތީ، އޭނާ އިސްތިއުފާ ދެއްވީ ކީއްވެ ކޮން އިރަކު ކަމެއް މުޅިން ކަށަވަރެއް ނުވެ އެވެ. ސަލްމާން އިސްތިއުފާ ދެއްވުމާ ގުޅިގެން މާފުށީ ޖަލު ބެލެހެއްޓުމާ މިވަގުތު ހަވާލުވެ ހުންނެވީ ޑެޕިއުޓީ ޑިރެކްޓަ އޮފް ޕްރިޒަންސް އަމީން އެވެ.
އެނގިފައިވާ ގޮތުގައި ޖަލުގައި ތިބި ބައެއް ސިޔާސީ ކުށްވެރިން މިނިވަން ކުރުމަށް މިދިޔަ ހުކުރު ވިލޭރޭ ސުޕްރީމް ކޯޓުން ކުރި އަމުރަށް ސަރުކާރުން ތަބާނުވެ، އެ ކުށްވެރިން އަދިވެސް މިނިވަންކޮށްފައި ނުވާތީ، ޖަލު ބަލަހައްޓާ މުވައްޒަފުންގެ މެދުގައި ކޮންމެވެސް ވަރަކަށް ވަނީ ޚިޔާލު ތަފާތުވެ ދެބަސްވުން އުފެދިފަ އެވެ.
ކުރީގެ ރައީސް މުހައްމަދު ނަޝީދާއި އިދިކޮޅު ލީޑަރުން ކަމަށްވާ ގާސިމް އިބްރާހިމާއި އަދާލަތު ޕާޓީގެ ރައިސް އިމްރާން އަބްދުﷲ އާއި ދިއްގަރު ދާއިރާގެ މެމްބަރު ފާރިސް މައުމޫން އާއި ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމް އަދި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާ އެކު ބައެއް އެހެން ބޭފުޅުން ވެސް ދޫކޮށްލަން ސުޕްރީމް ކޯޓުން ހުކުރު ވިލޭރޭ ނެރުނު އަމުރާ ގުޅިގެން ރާއްޖޭގެ ސިޔާސީ މަސްރަހު ވަނީ ހޫނުވެފަ އެވެ.
ސުޕްރީމް ކޯޓުގެ އަމުރުގައި، ދައުލަތުގެ ހުރިހާ ފަރާތަކުން ވެސް އެ އަމުރަށް ވަގުތުން އަމަލްކުރަން އަންގާފައި ވިޔަސް ސަރުކާރުން އެއިން އެއްވެސް ބޭފުޅަކު އަދި މިނިވަނެއް ނުކުރެ އެވެ.
ސަރުކާރުން ބުނަނީ ސުޕްރީމް ކޯޓުގެ ހުކުމުގައި ހުރި ބައެއް ކަންކަމާ މެދު އުއްތަމަފަނޑިޔާރު އަބްދުﷲ ސައީދާ މަޝްވަރާކޮށްފައިވާ ކަމަށެވެ. އަދި އެ އަމުރު ތަންފީޒުކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް ސަރުކާރުން ބުނެ އެވެ.
ނަމަވެސް ވަގުތުން އަމަލްކުރަން ޖެހޭ އަމުރަކަށް ވާތީ ސަރުކާރުން ގޮތްދޫނުކޮށް އުޅޭތީ އިދިކޮޅު ފަރާތްތަކުން ހުކުރު ވިލޭރެ އިން ފެށިގެން އަންނަނީ މާލޭގައި އެއްވުންތައް ބާއްވަމުންނެވެ. އިދިކޮޅު ބޭފުޅުން ވިދާޅުވަނީ ސުޕްރީމް ކޯޓުގެ ހުކުމުގައި ދޫކޮށްލަން އަމުރުކޮށްފައިވާ ނުވަ ބޭފުޅުން ޖަލުގައި ބެހެއްޓުމަކީ ރަހީނުކުރުން ކަމަށެވެ.