04 ފެބުރުއަރީ 2018 - 06:38

ސިދާރްތު މަލްހޯތުރާ އާއި މަނޯޖް ބަޖްޕާއީގެ ކޮޕް ޑްރާމާ "އައްޔާރޭ" އިންޑިއާގެ ސެންސަރު ބޯޑުން ފާސްކޮށެއް ނުދިނެވެ. ނީރަޖް ޕާންޑޭ ޑައިރެކްޓްކޮށްފައިވާ މި ފިލްމަށް ސެންސަރު ބޯޑުން އާ މައްސަލަތަކަކާ ކުރިމަތިމިވީ ރިލީޒްކުރަން ހަމަޖައްސާފައިވާ ތާރީޚަށް އެންމެ ހަފުތާއަކަށް ވެފައި ވަނިކޮށެވެ.
"އައްޔާރޭ" ރިލީޒްކުރާ ތާރީޚް ކުރިން ވެސް ވަނީ ފަސްކޮށްފަ އެވެ. އަދި މިހާރު ބެލެވޭ ގޮތުން ސެންސަރު ބޯޑުން ކްލިއަރެންސް ނުދިނުމުގެ ސަބަބުން ފިލްމު އިތުރަށް ލަސްވާގޮތް ވާނެ އެވެ.
ސެންސަރު ބޯޑުން މި ފިލްމު ފާސްކޮށްނުދީގެން އުޅެނީ ފިލްމަކީ އާމީ ބެކްޑްރޮޕްއަކަށް ތައްޔާރުކޮށްފައިވާ ފިލްމަކަށް ވާތީ އިންޑިއާގެ ޑިފެންސް މިނިސްޓްރީން ފިލްމު ރިވިއުކުރަން ބޭނުންވާތީ އެވެ. ޑިފެންސް މިނިސްޓްރީން ރިވިއުކުރުމަށްފަހު ފިލްމަށް ސެންސަރު ބޯޑުން ހުއްދަ ލިބޭނެކަމަށް ޕްރޮޑިއުސަރުން އުންމީދު ކުރެ އެވެ.
އަންނަ ހުކުރު ދުވަހު ރިލީޒްކުރަން ހަމަޖެހިފައިވާ "އައްޔާރޭ" އާ ބޮކްސް އޮފީހުގައި ވާދަކުރާނީ ސޯނަމް ކަޕޫރާއި އަކްޝޭ ކުމާރުގެ "ޕެޑް މޭން" އެވެ.
"އައްޔާރޭ"ގެ ޕްލޮޓްގައި ހާމަކުރަނީ ޑިފެންސް ސިސްޓަމް ތެރޭގައި ކޮރަޕްޝަން އޮތް މިންވަރެވެ. ފިލްމުގައި އުޅެނީ ވަރަށް ހިތްވަރުގަދަ ދެ ސިފައިންނެވެ. މި ދެ އޮފިސަރުންގެ މެދުގައި އޮންނަ ގުޅުމަށް ފިލްމު ބިނާ ކޮށްފައިވެ އެވެ.
މަނޯޖް އާއި ސިދާރްތުގެ އިތުރުން "އައްޔާރޭ"ގައި ހަރަކާތްތެރިވާ އެކްޓަރުންގެ ތެރޭގައި އަނޫޕަމް ކޭރް، ނަސީރުއްދީން ޝާހް، ރާކުލް ޕްރީތު ސިންގް އަދި ޕޫޖާ ޗޯޕްރާ ހިމެނެ އެވެ.