04 ފެބުރުއަރީ 2018 - 06:36

"ބިގް ބޮސް 11"ގެ ރަނަރަޕްގެ މަގާމު ލިބުނު ޓީވީ ބަތަލާ ހީނާ ޚާން މިހާރު ވިސްނަނީ ބޮލީވުޑް ފިލްމު ކުޅުމަށެވެ. ސްޓާ ޕްލަސްގެ "ޔޭ ރިޝްތާ ކިޔާ ކެހެލާތާ ހޭ"ގެ ބަތަލާގެ ގޮތުގައި އަށެއްކަ އަހަރު މަސައްކަތް ކޮށްފައިވާ ހީނާ އިންޑިއާގެ ނިއުސް އެޖެންސީއަކަށް ދިން އިންޓަވިއު އެއްގައި ބުނީ ހިންދީ ފިލްމުތައް ކުޅުމުގެ ތަޖުރިބާ ކުރަން ގަސްތުކުރާ ކަމަށެވެ.
"އަހަރެން ބޭނުންވަނީ ރަނގަޅު ރޯލުތައް. އެއީ ޓީވީ ނުވަތަ ފިލްމު ކަމަށް ވިޔަސް. ފިލްމުތަކުގެ ސްކްރިޕްޓްތައް ވެސް ކިޔަމުން އެބަގެންދަން. އަދި ބޭނުންވާ ކަހަލަ ރޯލެއް ލިބިއްޖެނަމަ ފިލްމެއްގެ މަސައްކަތް ކުރަން ގަސްތުކުރަން،" ހީނާ ބުންޏެވެ.
ހީނާ ބުނި ގޮތުގައި ރިއަލިޓީ ޝޯތަކުން ބްރޭކެއް ނަގަން އޭނާ ވަނީ ނިންމާފަ އެވެ. ނަމަވެސް ލިބިފައިވާ ފިލްމު ސްކްރިޕްޓްތަކުގެ ތެރެއިން ހިތްހަމަޖެހޭ ކަހަލަ ފިލްމެއް ގަބޫލުކޮށް ކެރިއަރުގެ އާ އުސްމިނަކަށް ވާސިލުވާން މަސައްކަތްކުރަން އޭނާ ގަސްދުކުރެ އެވެ.
"ބިގް ބޮސް" ތަޖުރިބާ އާ ބެހޭ ގޮތުން ހީނާ ބުނީ އެ ގޭގައި ހޭދަކުރި 100 އަށް ވުރެ ގިނަ ދުވަސް ތެރޭ އޭނާ އަށް އިތުރު ހިތްވަރާއި ފަންވަރު ލިބިފައިވާ ކަމަށެވެ.