13 ޖުލައި 2016 - 21:44

އިދިކޮޅު އިއްތިހާދުން މާދަމާ ރޭ ބާއްވާ ޖަލްސާ އަށް މީހުން އެއްކުރަން ގޮވަމުން ދިޔަ ޕިކަޕު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް، އޭގައި ތިބި މީހުން މިއަދު ހައްޔަރުކޮށްފި އެވެ.
ފުލުހުންގެ ތަރުޖަމާނަކު ވިދާޅުވި ގޮތުގައި ހުއްދަ ނުނަގާ އަޑުގަދަކުރާ ބޭނުންކޮށްގެން ގޮވަމުން ދިޔަ ޕިކަޕެއް ފުލުހުންގެ ބެލުމުގެ ދަށަަށް ވަނީ ގެންގޮސްފަ އެވެ. އެކަމަކު، އިތުރު ތަފްސީލެއް ފުލުހުން ނުދެ އެވެ.
އިއްތިހާދުގައި ހިމެނޭ އެމްޑީޕީގެ ސެކްރެޓަރީ ޖެނެރަލް އަނަސް އަބްދުއްސައްތާރު ވިދާޅުވީ ޖަލްސާ އަށް ގޮވަމުން ދިޔަ ޕިކަޕު ފުލުހުން ހުއްޓުވީ މިއަދު އިރުއޮއްސެން އުޅެނިކޮށް ކަމަށެވެ. އެ ޕިކަޕާއި އޭގައި ހުރި އަޑުގަދަކުރާ ފުލުހުންގެ ޓޯޔާޑަށް ގެންގޮސްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"ޕިކަޕުގައި ތިބި ދެ މީހުން އަދިވެސް ތިބީ ފުލުހުންގެ ބެލުމުގެ ދަށުގައި،" އަނަސް ވިދާޅުވި އެވެ.
އިއްތިހާދުގެ ފުރަތަމަ އާއްމު ޖަލްސާ ކާނިވާ ސަރަހައްދުގައި ބޭއްވުމުގެ ހުއްދަ އެންމެ ފަހުން ހައުސިން މިނިސްޓްރީން ވަނީ މިއަދު ދީފަ އެވެ. އެ ހުއްދަ ދިނީ ކާނިވާ ސަރަހައްދު ދޫކޮށް ދިނުމަށް އެދި އެމްޑީޕީން ސިޓީ ފޮނުވިތާ މަހަކަށް ވުރެ ގިނަ ދުވަސް ފަހުންނެވެ. އަދި އިއްތިހާދާއި އެމްޑީޕީގެ އިސް ބޭފުޅުން އެކި އޮފީސްތަކަށް ގޮސް އެކަމުގެ ޝަކުވާ ވެސް ކުރި ފަހުންނެވެ.
މި ގޮތަށް ޖަލްސާތަކަށް ދާން ގޮވާ ޕިކަޕު ފުލުހުންގެ ބެލުމުގެ ދަށަށް އާއްމުކޮށް ގެންދެ އެވެ.