03 ފެބުރުއަރީ 2018 - 10:14

ރާއްޖެ އަށް މިހާރު ދިމާވެފައިވާ މައްސަލައަށް ހުރިހާ ޕާޓީތަކުން ވެސް ސުލްހަވެރި ހައްލެއް ހޯދަން ސްރީ ލަންކާގެ ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހަ މިއަދު އެދިވަޑައިގެންފި އެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދާއި އިދިކޮޅު ލީޑަރުން ކަމަށްވާ ގާސިމް އިބްރާހިމާއި އަދާލަތު ޕާޓީގެ ރައިސް އިމްރާން އަބްދުﷲ އާއި ދިއްގަރު ދާއިރާގެ މެމްބަރު ފާރިސް މައުމޫން އާއި ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމް އަދި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާ އެކު ބައެއް އެހެން ބޭފުޅުން ވެސް ދޫކޮށްލަން ސުޕްރީމް ކޯޓުން އިއްޔެ ރޭ ނެރުނު އަމުރާ ގުޅިގެން ރާއްޖޭގެ ސިޔާސީ މަސްރަހު ވަނީ ހޫނުވެފަ އެވެ.
ސުޕްރީމް ކޯޓުގެ އަމުރުގައި، ދައުލަތުގެ ހުރިހާ ފަރާތަކުން ވެސް އެ އަމުރަށް ވަގުތުން އަމަލްކުރަން އަންގާފައި ވިޔަސް ސަރުކާރުން އެއިން އެއްވެސް ބޭފުޅަކު އަދި މިނިވަނެއް ނުކުރެ އެވެ.
މިއަދު ހެނދުނު ކުރެއްވި ޓްވީޓެއްގައި ރަނިލް ވިދާޅުވީ ރާއްޖޭގެ ހާލަތު ސްރީ ލަންކާ އިން ބަލަމުން އަންނަ ކަމަށާއި ހުރިހާ ފަރާތަކުން ވެސް ގާނޫނާއި ގާނޫނުއަސާސީ ދަމަހައްޓާނެ ކަމަށް އުއްމީދުކުރައްވާ ކަމަށެވެ.
ނަޝީދުގެ އިތުރުން އެމްޑީޕީގެ އިސް ސަފުގެ ގިނަ ބޭފުޅުންތަކެއް މިހާރު ދިރިއުޅުއްވަނީ ސްރީ ލަންކާގަ އެވެ. އަދި ލަންކާގައި ރާއްޖޭގެ އެތައް ހާސް ބަޔަކު ވެސް ދިރިއުޅޭތީ އިދިކޮޅު ފަރާތްތަކާއި ސަރުކާރުން ވެސް ގެންދަނީ، އަންނަ އިންތިހާބުގައި ލަންކާ އިން ހޯދޭ ވޯޓުގެ އަދަދު ގިނަކުރަން މަސައްކަތްކުރަމުންނެވެ.
ސްރީ ލަންކާގެ ބޮޑުވަޒީރުގެ އެދިވަޑައިގަތުން މި އައީ އަވަށްޓެރި އިންޑިއާ އާއި ދުނިޔޭގެ ބޮޑެތި އެހެން ބައެއް ގައުމުތަކުން ވެސް ސުޕްރީމް ކޯޓުގެ ހުކުމަށް ސަރުކާރުން އިހުތިރާމް ކުރަން ގޮވާލާފައިވާ ދަނޑިވަޅެއްގަ އެވެ.
ސަރުކާރުން ބުނަނީ ސުޕްރީމް ކޯޓުގެ ހުކުމުގައި ހުރި ބައެއް ކަންކަމާ މެދު އުއްތަމަފަނޑިޔާރު އަބްދުﷲ ސައީދާ މަޝްވަރާކޮށްފައިވާ ކަމަށެވެ. އަދި އެ އަމުރު ތަންފީޒުކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް ސަރުކާރުން ބުނެ އެވެ.
ނަމަވެސް ވަގުތުން އަމަލްކުރަން ޖެހޭ އަމުރަކަށް ވާތީ ސަރުކާރުން ގޮތްދޫނުކޮށް އުޅޭތީ އިދިކޮޅު ފަރާތްތަކުން މާލޭގައި އިއްޔެ އާއި ރޭ ވެސް އެއްވުންތައް ބޭއްވި އެވެ. އިދިކޮޅު ބޭފުޅުން ވިދާޅުވަނީ ސުޕްރީމް ކޯޓުގެ ހުކުމުގައި ދޫކޮށްލަން އަމުރުކޮށްފައިވާ ނުވަ ބޭފުޅުން ޖަލުގައި ބެހެއްޓުމަކީ ރަހީނުކުރުން ކަމަށެވެ.