ޗެލްސީ ދޫކޮށްލާ ވާހަކަ ކޮންޓޭ ދޮގުކޮށްފި
ޗެލްސީ ދޫކޮށްލާ ވާހަކަ ކޮންޓޭ ދޮގުކޮށްފި

ލަންޑަން (ފެބްރުއަރީ 3) – މަދުވެގެން، ކޮންޓްރެކްޓުގައި ބާކީ އޮތް 18 މަސް ދުވަހު ވަޒީފާގައި ދެމި ހުރުމަކީ އޭނާ އަމާޒު ކަމަށާއި ހިތްއެދެނީ ވެސް އެ ގޮތަށް ވުމަށް ކަމަށް ޗެލްސީގެ ކޯޗު އެންޓޯނިއޯ ކޮންޓޭ ބުނެފި އެވެ.

ޗެލްސީގެ ކޯޗުކަމާ 2016 ވަނަ އަހަރު ހަވާލުވި ކޮންޓޭ ވަނީ ފުރަތަމަ ސީޒަނުގައި އެ ޓީމަށް ޕްރިމިއާ ލީގު ކާމިޔާބުކޮށްދީފަ އެވެ. އެކަމަކު މި ސީޒަނުގައި އެ ޓީމު އޮތީ ލީގުގެ ހަތަރު ވަނައިގަ އެވެ.

ވާހަކަތައް ދެކެވޭ ގޮތުގައި ޓްރާންސްފާ މައްސަލަތަކާ ކޮންޓޭއާ މެނޭޖްމަންޓާ ވަނީ މައްސަލަ ޖެހިފަ އެވެ. އަދި އޭނާ މި ސީޒަނަށް ފަހު އެ ކްލަބް ދޫކޮށް އިޓަލީ އަށް ބަދަލުވާނެ އެވެ.

"މި ސީޒަން ފެށުނީއްސުރެ އަހަރެންގެ ވަށައިގެން ތަފާތު ވާހަކަތަކެއް އެނބުރޭ. މިވަގުތު އަހަންނަށް ބުނެވެން އޮތް ހަމައެކަނި ވާހަކައަކީ ޗެލްސީއާ އެކު އަހަރެންގެ އަދިވެސް 18 މަސް ދުވަހުގެ ކޮންޓްރެކްޓެއް އެބައޮތޭ. އަހަރެންގެ ނިޔަތަކީ ވެސް އަހަރެން ބޭނުންވާ ގޮތަކީ ވެސް ކޮންޓްރެކްޓަށް އިހުތިރާމްކުރުން،" ކޮންޓޭ ބުންޏެވެ.

އޭނާ ބުނީ ވަރަށް ބޮޑު ޕްރެޝަރުތަކާ އެކު މި ސީޒަނުގައި ހާލަތު އަބަދުވެސް އޮތީ އެއްގޮތަކަށް ކަމަށެވެ. އަދި އެ ޕްރެޝަރު އަބަދުވެސް އޭނާ ވަށައިގެން އޮންނަ އޮތުމަކީ ކިހިނެއްވާކަމެއްކަން ނޭގޭ ކަމަށެވެ.

"ވެދާނެ އެހެން އެވަނީ މިއީ ޗެލްސީ ކަމަށްވާތީ ކަމަށް. މިއީ އަހަރެންގެ އަތުގައި އޮތް ހަމައެކަނި ޖަވާބަކީ،" ކޮންޓޭ ބުންޏެވެ. "އެކަމަކު ޕްރެޝަރު އޮތުމަކީ އަހަންނަށް މާ ބޮޑު ކަމެއް ނޫން. ހާލަތު މާ ރަނގަޅުވެއްޖެ ނަމަ ފަސޭހަކޮށްލެވި ރުޅިމަޑުވެދާނެ ކަމުގެ ރިސްކު އޮންނާނެ. މި ޕްރެޝަރާ އެކު އުޅެން އަހަރެން ބޭނުންވަނީ."

ޕްރިމިއާ ލީގުގައި ހޯމަ ދުވަހުގެރޭ ވެޓްފޯޑާ ދެކޮޅަށް ނުކުންނަ ޓީމުގެ ކޯޗު ބުނީ މި ސީޒަނުގައި ޗެމްޕިއަންސް ލީގުން ޖާގައެއް ހޯދުމަށްޓަކައި ވަރަށް ބޮޑަށް މަސައްކަތްކުރަން ޖެހޭނެކަން ގަބޫލުކުރަން އެބަޖެހޭ ކަމަށެވެ. އަދި އެއީ ޗެލްސީގެ ކުރިމަތީގައި އޮތް ބޮޑު ޗެލެންޖެއް ކަމަށް ދެކޭ ކަމަށް އޭނާ ބުންޏެވެ.

އިޓަލީގެ ޔުވެންޓަސްގައި ކާމިޔާބު ދުވަސްތަކެއް ހޭދަކުރި ކޮންޓޭ ވަނީ ވަރަށް އާދައިގެ ސްކޮޑެއް ގޮވައިގެން ނުކުމެ އިޓަލީ ގައުމީ ޓީމަށް 2016 ވަނަ އަހަރުގެ ޔޫރޯގައި ރަނގަޅު ނަތީޖާތަކެއް ނެރެދީފަ އެވެ. އެއާ އެކު ހުސްވެފައިވާ އިޓަލީގެ ކޯޗުގެ މަގާމަށް އޭނާ ގެންގޮސްފާނެ ކަމަށް ވާހަކަދެކެވެ އެވެ. އެކަމަކު ބެލެވޭ ގޮތުގައި އޭނާ ދެން ގުޅޭނީ އިޓާލިއަން ލީގުގެ ކްލަބަކާ އެވެ.