03 ފެބުރުއަރީ 2018 - 05:00

އިދިކޮޅު ސިޔާސީ ނުވަ ބޭފުޅަކު ބަންދުން ދޫކޮށްލުމަށް ސުޕްރީމް ކޯޓުން ނެރުނު އަމުރު ސަރުކާރުން ތަންފީޒު ކޮށްފައި ނުވާތީ، އެ ބޭފުޅުންގެ ފަރާތުން ކްރިމިނަލް ކޯޓަށް ހުށަހެޅި ހެބިއަސްކޯޕަސްގެ މައްސަލަ ބަލައިނުގަތުމަށް އެ ކޯޓުގެ ރެޖިސްޓްރާ ނިންމަވައިފި އެވެ.
އެ މައްސަލަ ބަލައިނުގަތުމަށް ކްރިމިނަލް ކޯޓުން ނިންމީ، އެކަމާ ގުޅޭ ގޮތުން ސުޕްރީމް ކޯޓުން ވަކި ގޮތަކަށް ކަނޑައަޅާފައިވާތީ އެއާ މެދު ސުވާލު އުފައްދާނެ ޖާގައެއް ނެތުމުންނެވެ.
ކްރިމިނަލް ކޯޓުން ބުނެފައި ވަނީ، ނުވަ ބޭފުޅުންގެ ހެބިއަސްކޯޕަސްގެ މައްސަލަ އެ ކޯޓަށް ބަލައިގަތުމަކީ، ސުޕްރީމް ކޯޓުގެ އަމުރު ތަންފީޒުވުން ލަސްވެގެން ހިނގައިދާނެ ކަމެއް ކަމަށެވެ. އަދި އެފަދަ ބަހުސަކަށް ފުރުސަތު ހުޅުވައި ދިނުމަކީ، ފުރަތަމަ މަރުހަލާގެ ކޯޓަކުން އަމަލުކުރުން ސައްހަ ކަމަށް ނުވާނެ ކަމަށް ވެސް ކްރިމިނަލް ކޯޓުގެ ރަޖިސްޓްރާގެ ނިންމުމުގައިވެ އެވެ.
ހެބިއަސްކޯޕަސްގެ މައްސަލަތައް ކުރިއަށް ގެންދާނީ ބަންދުގައި ހުންނަ މީހާ ކޯޓަށް ހާޒިރުކޮށްގެންނެވެ.
ވަގުތުން މިިނިވަން ކުރުމަށް ސުޕްރީމް ކޯޓުން ރޭ ނެރުނު އަމުރުގައި އަންގާފައި ވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމާއި އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ އާއި ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމާއި ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫނާއި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި ކުރީގެ ޕްރޮސިކިއުޓާ ޖެނެރަލް މުހުތާޒު މުހުސިނާއި އދ. މާމިގިލީ ކޯޓުގެ އިސް މެޖިސްްޓްރޭޓް އަހުމަދު ނިހާންގެ އިތުރުން ވިޔަފާރިވެރިޔާ ހާމިދު އިސްމާއިލް (ހާމިދު ސޭޓް) އެވެ.