02 ފެބުރުއަރީ 2018 - 23:02

ޖަރުކަންދު (ފެބްރުއަރީ 2) - އިންޑިއާގެ އިރުމަތީގެ ސްޓޭޓެއްގެ ސްކޫލެއްގައި އަދަބު ދިނުމުގެ ގޮތުން ދަރިވަރުންގެ އަތުގައި އަލިފާން ޖެއްސި ޓީޗަރު ސަސްޕެންޑްކޮށްފި އެވެ.
ޖަރުކަންދު ސްޓޭޓުގެ ޕްރައިވެޓް ސްކޫލެއްގެ ހެޑް ޓީޗަރު ސުޝާންތީ ހެމްބްރޮން ވަނީ 13 ދަރިވަރަކަށް އުއްބައްތީގެ ހުޅުގަނޑުގައި ހިފަން އަންގައިފަ އެވެ. ޓީޗަރު އެކަން ކުރީ ކްލާހުގެ ދަރިވަރެއްގެ އަތުން ވައްކަން ކުރީ ކޮން ކުއްޖެއްތޯ ހޯދަން އަދަބު ދިނުމުގެ ގޮތުން ކަމަށް އޭނާ ވަނީ ބުނެފަ އެވެ. ދަރިވަރުންގެ އުމުރަކީ ނުވަ އަހަރެވެ.
ދަރިވަރުންގެ އަތުގައި އަލިފާން ޖެއްސުމުން ބެލެނިވެރިން ޝަކުވާ ކުރުމުން ޓީޗަރު ވަނީ ޖެހިގެން އައި ދުވަހު ސަސްޕެންޑް ކޮށްފަ އެވެ.
ހުޅުގަނޑުގައި ހިފުމުން ހަތް ދަރިވަރެއްގެ އަތް ވަނީ ފިހިފަ އެވެ. މީގެ ތެރޭން އެއް ކުއްޖަކު ވަނީ ހޮސްޕިޓަލުގައި އެޑްމިޓްކޮށްފަ އެވެ.
ޓީޗަރުގެ މައްސަލަ ވަނީ ފުލުހުންނަށް ވެސް ހުށަހަޅައިފަ އެވެ. ފުލުހުން ބުނީ ޓީޗަރު ވަނީ ކުށަށް އިއުތިރާވެފައި ކަމަށެވެ. އަދި އޭނާ ވަނީ ދަރިވަރުންނާއި ބެލެނިވެރިންގެ ކިބައިން މައާފަށް އެދިފަ އެވެ.
ޖިސްމާނީ އަނިޔާ ދިނުމަކީ އިންޑިއާގެ ސްކޫލްތަކުގައި މަނާ ކަމެކެވެ. ނަމަވެސް އެކަން އަދިވެސް ބައެއް ސްކޫލްތަކުގައި ކުރެ އެވެ. އިންޑިއާގެ ބައެއް ސްކޫލްތަކުގައި އަދަބު ދިނުމުގެ ގޮތުން ދަރިވަރުން ބަރަހަނާކޮށް ވެސް ހަދަ އެވެ.