ޕީޕީއެމުން ގޮވާލަނީ މާލެއަށް މީހުން ނައުމަށް
ޕީޕީއެމުން ގޮވާލަނީ މާލެއަށް މީހުން ނައުމަށް

ސިޔާސީ ބޭފުޅުން ދޫކޮށްލުމަށް ގޮވާލައި ސުޕްރީމު ކޯޓުން ނެރުނު އަމުރު ތަންފީޒު ކުރުމަށް ވީހާ ވެސް ގިނަ ބަޔަކު މާލެ އައުމަށް، އެމްޑީޕީން މަޖިލީހުން ގަރާރެއް ނެރުނަސް އެއަށް އަމަލު ނުކުރަން ޕީޕީއެމުން ގޮވާލައިފި އެވެ.

އެމްޑީޕީ ހަރުގޭގައި މިރޭ ބޭއްވި ގައުމީ މަޖިލީހުގެ ޖަލްސާ އަށް އެ ޕާޓީގެ ޗެއާޕާސަންގެ ނައިބް އަލީ ނިޔާޒު ހުށަހެޅުއްވި ގަރާރުގައި ބުނެފައި ވަނީ ސުޕްރީމް ކޯޓުގެ ހުކުމުގައި މިނިވަން ކުރުމަށް އަންގާފައިވާ ސިޔާސީ ލީޑަރުން މިނިވަން ކުރުމަށް ގޮވާލުމަށާއި ގޮނޑި ނުގެއްލޭ ކަމަށް ނިންމި 12 މެމްބަރުން މަޖިލީހަށް ވައްދަން ބާރު އެޅުމަށް ރާއްޖޭގެ އެކި ކަންކޮޅުތަކުން މީހުން މާލެ އައުމަށެވެ.

މި ގަރާރާ ގުޅިގެން ޕީޕީއެމުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ޕާޓީގެ ނައިބު ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ ގާނޫނީ ވެރިކަމެއް ވައްޓާލުމަކީ ކުށެއް ކަމަށާއި އެ ފަދަ މީހުންނާ ދެކޮޅަށް ގާނޫނު އަސާސީން ލިބިދޭ ފިޔަވަޅުތައް އެޅުމަށް ސަރުކާރުން ފަސް ނުޖެހޭނެ ކަމަށެވެ. އަދި އެ ފަދަ ކަމެއް ނުކުރެއްވުމަށް ތަކުރާރުކޮށް އޭނާ އެދިވަޑައިގެންނެވި އެވެ.

އަބްދުއްރަހީމް ވިދާޅުވީ މާލެ އަށް މީހުން އައުމަށް މީގެ ކުރިން ވެސް އެކި ފަހަރު މަތިން އެމްޑީޕީން ގޮވާލާފައިވާ ކަމަށާއި އެކަމަކު އެއިން ކޮންމެ ފަހަރަކު ވެސް އެ މީހުން ގެނެސް މަގުމައްޗަށް ދޫކޮށްލަނީ ކަމަށެވެ.

"ދެން އެ މީހުންނަށް ވާއެއް ނުވާއެއް ބަލަނީ އެއް ނޫން. އެ މީހުން ކުރާ ކަމެއް ބަލަނީ އެއް ނޫން، މުޖުތަމައަށް އަރައިގަތީމަ އޭގެ އަދަބު މި ލިބެނީ އެ މީހުންނަށް. އެހެންވެ އަޅުގަނޑުމެންގެ ޕާޓީގެ ފަރާތުން އެދެން ގާނޫނީ ގޮތުން އުފެދިފައިވާ ސަރުކާރެއް ވައްޓާލުމަށް ބައިވެރިވުމަށް ވަޑައިނުގަތުމަށް،" އަބްދުއްރަހީމް ވިދާޅުވި އެވެ.

އެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ހޯރަފުށީ ދާއިރާގެ މެމްބަރު އަލީ އާރިފް ވިދާޅުވީ ގާނޫނުއަސާސީ އަށް އަމަލު ކުރުމުގައި ބަލަން ޖެހޭނީ އެންމެ މާއްދާ އަކަށް ނޫން ކަމަށާއި ގާނޫނުއަސާސީގައި އޮތް އެންމެ މުހިއްމު މާއްދާއަކީ، ދައުލަތުގެ ވެރިޔަކީ ވެސް އަދި ސިފައިންގެ ވެރިއަކީ ވެސް ރައީސުލްޖުމްހޫރިއްޔާ ކަމަށް ބުނާ މާއްދާ ކަމަށެވެ. އެހެންވެ، ގާނޫނީ ވެރިކަން ވައްޓާލުމަށް މާލެ ނައުމަށް އޭނާ ވެސް އެދިވަޑައިގެންނެވި އެވެ.