ސަންސްކްރީނުން ލިބޭ ރައްކާތެރިކަން ކުޑަ: ސައިންސްވެރިން
ސަންސްކްރީނުން ލިބޭ ރައްކާތެރިކަން ކުޑަ: ސައިންސްވެރިން

އަވީގައި ގިނަ ވަގުތު އުޅެން ޖެހޭ މީހުން އެންމެ ބޮޑަށް ބަރޯސާވާ އެކައްޗަކީ ސަންސްކްރީން ލޯޝަނެވެ. ނަމަވެސް ސައިންސްވެރިން ބުނަނީ މިފަދަ ގިނަ ލޯޝަންތަކުން ހީކުރާ ވަރުގެ ބޮޑު އެހީތެރިކަމެއް ނުލިބޭ ކަމަށެވެ.

ޖާމާ ޑާމަޓޮލޮޖީގައި ޝާއިއުކޮށްފައިވާ ދިރާސާ ރިޕޯޓެއް ބުނާ ގޮތުން އެންމެ މަޝްހޫރު ސަންސްކްރީން އުފެއްދުންތައް ހުރީ ޑޮކްޓަރުން ހިތްހަމަޖެހޭ ފެންވަރަކު ނޫނެވެ.

ނޯތުވެސްޓާން ޔުނިވަސިޓީގެ މެޑިކަލް ސްކޫލްގެ ރިސާޗަރުން މި ދިރާސާ ކުރުމަށް އެމޭޒަން އިން ވިއްކާ އެންމެ މަގްބޫލު 65 ބްރޭންޑެއްގެ ސަންސްކްރީން ޓެސްޓުކުރި އެވެ. މި ބްރޭންޑްތަކަކީ މަގުބޫލުކަން ވަޒަންކުރާ ފަސް ތަރިން ހަތަރު ތަރި އަށް ވުރެ ގިނައިން ލިބިފައިވާ އަދި އެންމެ ރަނގަޅުކަމަށް ގިނަ ރިވިއުތަކެއްގައި ފާހަގަކޮށްފައިވާ ސަންސްކްރީނެވެ.

ރިސާޗަރުން މި ސަންސްކްރީންތައް އިވެލުއޭޓްކުރީ އެމެރިކަން އެކަޑަމީ އޮފް ޑާމަޓޮލޮޖީގެ ގައިޑްލައިނަށް ބިނާކޮށްގެންނެވެ.

ރިސާޗަރުން އެންމެ ބޮޑަށް ބެލި ކަންތައްތަކުގެ ތެރޭގައި ޔޫވީއޭ އިން ރައްކާތެރިކޮށްދޭ ބްރޯޑް-ސްޕެކްޓްރަމް ޕްރޮޓެކްޝަނާއި ޔޫވީބީ ރޭޒް، އެސްޕީއެފް (ސަން ޕްރޮޓެކްޝަން ފެކްޓާ) 30 އަށް ވުރެ މައްޗަށް ހުރުމާއި ވޯޓާ ރެސިސްޓެންސް ހުރި މިންވަރު ހިމެނެ އެވެ.

ބީޗަށް މަޖާކޮށްލަންދާ ކޮންމެ މީހަކު ވެސް އެންމެ އިތުބާރާއެކު ބޭނުންކުރާ ސަންސްކްރީންތަކާ ގުޅޭ ގޮތުން ރިސާޗަރުންނަށް ހޯދުނު ކަންކަމުން ހައިރާކަން ލިބުނެވެ.

ޓެސްޓްކުރި ސަންސްކްރީންތަކުގެ ތެރެއިން 40 ޕަސެންޓް އެމެރިކަން އެކަޑަމީ އޮފް ޑާމަޓޮލޮޖީގެ ގައިޑްލައިނަކަށް ނުފެތެ އެވެ. އެހެން ދިމާވަނީ މިއިން އެއްވެސް އެއްޗަކީ ވޯޓާ ރެސިސްޓެންޓް ނުވަތަ ސްވެޓް ރެސިސްޓެންޓް އެއްޗިއްސަށް ނުވާތީ އެވެ. މީގެ މާނައަކީ ސަންސްކްރީން އުނގުޅާލައިގެން މޫދަށް ނުވަތަ ސްވިމިންޕޫލަށް އެރޭއިރަށް ނުވަތަ ސަންސްކްރީން އުނގުޅާފައި ހުއްޓާ ދާހިއްލައިފި ނަމަ އެ ސަންސްކްރީނެއްގެ މަސައްކަތް ހުއްޓެ އެވެ.

ވޯޓާ ރެސިސްޓެންޓް ސަންސްކްރީނެއް ނަމަ ފެނުގައި ޖެހުމަށްފަހު ވެސް 40 ނުވަތަ 80 ވަރަކަށް މިނިޓް ވަރަށް އާއްމުކޮށް ރަނގަޅަށް މަސައްކަތް ކުރާނެ އެވެ.

މިފަދަ ސަންސްކްރީންތައް އުނގުޅައިގެން ހަމައެކަނި ހަންގަނޑު އަނދައިގެން ދަނީއެއް ނޫނެވެ. މި ދިރާސާގައި ފާހަގަކޮށްފައިވާ ގޮތުގައި ސަންސްކްރީނަށް މީހުން ކުރާ ޚަރަދަކީ ވެސް އެކަށީގެންވާ މިންވަރަށް ވުރެ މާ ބޮޑު ޚަރަދެކެވެ.

ސަންސްކްރީން ގަތުމުގައި ގިނަ މީހުން އަގަކަށް ނުބަލަ އެވެ. އަދި އެއިން ރައްކާތެރިކަން ލިބެނީ ކިހާ ވަރަކަށްތޯ ވެސް ނުބަލަ އެވެ.

ސަންސްކްރީން ގަތުމުގައި ގިނަ މީހުން ބަލަނީ އޭގެ ވަހަށާއި އެ އުނގުޅާލުމުން ކުރެވޭ އިހްސާސަށާއި ހަންގަނޑާ ގުޅޭ އެއްޗެއްތޯ ކަމަށް އެމޭޒަންގެ ރިވިއުތަކުން ދޭހަވާ ކަމަށް މި ދިރާސާގައި ފާހަގަކޮށްފައި ވެއެވެ.

"ހަމުގެ ޑޮކްޓަރުން ކިތަންމެ ވަރަކަށް އިރުޝާދު ދިނަސް އެއްވެސް މީހަކު ބޭނުމެއް ނުވާނެ އުނގުޅާލާއިރަށް ހަންގަނޑު ތެޔޮވެ މުޅި މޫނު ތެޔޮވާ ކަހަލަ ސަންސްކްރީން ބޭނުންކުރާކަށް. ނުވަތަ ނުބައި ވަހެއް ދުވާ ސަންސްކްރީނެއް އުނގުޅާކަށް. އެހެންވީމާ ސަންސްކްރީން ގަންނަ މީހުން ގަންނާނީ ކޮން ގޮތަކަށް މި އެއްޗެތި އުފެއްދީމަކަން އެތަކެތި އުފައްދާ މީހުންނަށް އެނގޭ،" ދިރާސާގެ ބައިވެރިޔަކު ބުނެފައިވެ އެވެ.

ސަންސްކްރީން ޕްރޮޑަކްޓްތައް އުފައްދާ ފަރާތްތައް ތަމްސީލުކުރާ ދަ ޕާސަނަލް ކެއާ ޕްރޮޑަކްޓްސް ކައުންސިލުން މި ރިޕޯޓަށް ރައްދުދީ ބުނެފައިވާ ގޮތުގައި ހުރިހާ ސަންސްކްރީނެއް ކޮންމެހެން ވޯޓާ ރެސިސްޓެންޓް ވާކަށް ނުޖެހެ އެވެ. ޚާއްސަކޮށް އެއީ މޭކްއަޕް ނުވަތަ ސްކިން ކެއާ ޕްރޮޑަކްޓްސްތައް ކަމަށް ވާ ނަމަ އެވެ. ސަބަބަކީ އޭގައި އެސްޕީއެފް ހިމަނާފައި ހުންނާތީ އެވެ. އަދި "ވޯޓާ ރެސިސްޓެންޓް" އަކީ މާބޮޑު މާނައެއް އެކުލެވޭ ނަމެއް ނޫން ކަމަށް ވެސް މި ބަޔާނުގައިވެ އެވެ.