ސުޕްރީމް ކޯޓުގެ އަމުރު ތަންފީޒު ކުރުމަށް ބޭރުގެ އެހީއަށް އެދެފި
ސުޕްރީމް ކޯޓުގެ އަމުރު ތަންފީޒު ކުރުމަށް ބޭރުގެ އެހީއަށް އެދެފި

ސިޔާސީ އެކި ކުށްތަކުގައި ޖަލު ހުކުމުގައި ތިބި މީހުންނާއި ހައްޔަރުކޮށްފައި ތިބި މީހުން ދޫކޮށްލަން ސުޕްރީމް ކޯޓުން ރޭ ނެރުނު އަމުރު ތަންފީޒު ކުރުމަށް ބޭރުގެ އެހީތެރިކަމަށް އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަދި ހިންނަވަރު ދާއިރާގެ މެމްބަރު އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) އެދިވަޑައިގެންފި އެވެ.

ޖުމްހޫރީ ޕާޓީގެ މައި ޖަގަހަ، މ. ކުނޫޒުގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އިބޫ ވިދާޅުވީ ސުޕްރީމް ކޯޓުގެ އަމުރު ނެރުނުތާ 24 ގަޑިއިރު ފާއިތުވެގެންދިޔަ އިރު ވެސް އަމުރުގައިވާ އެއްވެސް ކަމެއް ތަންފީޒީ ބާރުތަކުން ތަންފީޒުކޮށްފައި ނުވާ ކަމަށެވެ. އަދި އަމުރަށް ތަބާނުވެ، ހިނގާ ކޮންމެ ސިކުންތަކީ ގާނޫނުއަސާސީ އާއި ގާނޫނުތަކާ ހިލާފަށް ސަރުކާރުން ހިންގާ ކުށެއް ކަމަށް އޭނާ ވިދާޅުވި އެވެ.

"ޖިނާއީ ކުށަށް މިކަން ކުރާ ފަރާތުން ކުރިމަތިލާން ޖެހޭނެ. މިކަމުގެ ޒިންމާ ރައީސް އަބްދުﷲ ޔާމީން ނަންގަވަން ޖެހިވަޑައިގަންނަވާނެ،" މަޖިލީހުގެ މައިނޯރިޓީ ލީޑަރު އިބޫ ވިދާޅުވި އެވެ.

އިބޫ ވަނީ ފުލުހުންނާއި ސިފައިން ލަސްނުކޮށް، އަމުރު ތަންފީޒުކޮށްދިނުމަށް އެދިވަޑައިގެންފަ އެވެ. އެހެން ނޫނީ ޖިނާއީ ކުށެއްގެ ޝަރީއަތާ ހަމައަށް ދިއުމުގެ ފުރުސަތު އޮންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ސުޕްރީމް ކޯޓުގެ އަމުރުގައިވާ ކަންބޮޑުވުންތަކާ ގުޅޭ ގޮތުން އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާ މަޝްވަރާ ކުރެއްވި ކަމަށް ސަރުކާރުން ބުނާ ވާހަކަތައް ވެސް އިބޫ ދޮގުކުރެއްވި އެވެ.

އިބޫ ވިދާޅުވީ ފަނޑިޔާރުންނާ މަޝްވަރާކޮށްގެން، އަމުރުގައި ހުރި ކަންކަން އޮޅުން ފިލުވަމުންދާ ކަމަށް ބުނެ، ސަރުކާރުން ދައްކަނީ ހަގީގަތާ ހިލާފު ވާހަކަތަކެއް ކަމަށެވެ. އަދި އިދިކޮޅު ފަރާތްތަކުގައި ހިންގާ ހަރަކާތްތަކުގައި ބައިވެރިވުމަށް ރަށްރަށުން ވީހާ ވެސް ގިނަ ބަޔަކު މާލެ އައުމަށް އޭނާ ގޮވާލެއްވި އެވެ.

"އަޅުގަނޑުމެންނަށް ހެޔޮ އެދޭ އަވައްޓެރި ގައުމުތަކާއި ބައިނަލްއަގުވާމީ ހުރިހާ ފަރާތްތަކަށް ގޮވާލަން، ސުޕްރީމް ކޯޓުގެ ހުކުމް ތަންފީޒު ކުރުމަށް އެހީތެރިވެދިނުމަށް،" އިބޫ ވިދާޅުވި އެވެ.

ޖުމްހޫރީ ޕާޓީގެ ޑެޕިއުޓީ ލީޑަރު އަދި ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒް ވިދާޅުވީ ސުޕްރީމް ކޯޓުގެ އަމުރާއެކު، ނުވަ ބޭފުޅުން މިނިވަންވެފައިވާ ކަމަށެވެ. އަދި އެ ބޭފުޅުން މިހާރު ޖަލުގައި ބަންދުކޮށްގެން ގެންގުޅެނީ ގާނޫނާ ހިލާފަށް ކަމަށް ވެސް ކުރީގެ ޕޮލިސް ކޮމިޝަނަރު ރިޔާޒު ވިދާޅުވި އެވެ.

"ރައީސް ޔާމީނަށް ޖެހޭނީ ސުޕްރީމް ކޯޓުގެ އަމުރަށް ތަބާވާން. ސުޕްރީމް ކޯޓުގެ އަމުރަށް ތަބާނުވެ، ރައީސް ޔާމީނަށް ވެރިކަމެއް ނުކުރެވޭނެ،" ރިޔާޒް ވިދާޅުވި އެވެ.

ކުރީގެ ކޮމިޝަނާ އޮފް ޕޮލިސް އަހުމަދު އަރީފް ވަކި ކުރީ ސުޕްރީމް ކޯޓުން ނެރުނު އަމުރު ތަންފީޒުކުރުމުގެ މަސައްކަތް ފެއްޓެވުމުން ކަމަށް ވެސް ރިޔާޒް ވިދާޅުވި އެވެ. އަދި ފުލުހުންގެ ބެލުމުގެ ދަށުގައި ހުންނެވި ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް ލޯންޗަށް ވެސް އެރުވި ކަމަށް އޭނާ ވިދާޅުވި އެވެ.

ސުޕްރީމް ކޯޓުގެ އަމުރު ތަންފީޒުކުރަން ފުލުހުން ކުރަމުން ދިޔަ މަސައްކަތް ހުއްޓިގެން ދިޔައީ ޕޮލިސް ކޮމިޝަނަރު ކަމުން އަރީފް ވަކިކޮށް، ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް އަހްމަދު ސައުދު، އެކްޓިން ޕޮލިސް ކޮމިޝަނަރުކަން ދިން ހިސާބުން ކަމަށް ވެސް ރިޔާޒް ވިދާޅުވި އެވެ.