02 ފެބުރުއަރީ 2018 - 22:37

ކޭޕް ޓައުން (ފެބްރުއަރީ 2) - ސައުތު އެފްރިކާގެ ރަން ނަގާ ވަޅެއްގައި ތާށިވި 955 މީހުން ސަލާމަތްކޮށްފި އެވެ.
މިދިޔަ ބުދަ ދުވަހުގެ ރޭ ކަރަންޓް ކެނޑުމުން އެ މީހުން ތިބީ ރަން ނަގާ ވަޅުގެ ތެރޭގައި ތާށިވެފަ އެވެ. ބެކަޕް ޖަނަރޭޓްތައް ވެސް ވަނީ ފޭލްވެފަ އެވެ.
ރަން ވަޅު އޮޕަރޭޓް ކުރާ ކުންފުނިން ބުނީ ވަޅުގައި ތާށިވެފައި ތިބި އެންމެން ވެސް މިހާރު މައްޗަށް ނަގާފައިވާ ކަމަށެވެ. އަދި ބައެއް މީހުންނަށް ޑީހައިޑްރޭޝަން އަދި އަނެއް ބައި މީހުންނަށް ލޭ މައްޗަށް ދިއުމުގެ މައްސަލަތައް ކުރިމަތިވެފައިވީ ނަމަވެސް ސީރިއަސް މައްސަލައެއް ނެތް ކަަމަށް އެ ކުންފުނިން ބުނެފައިވެ އެވެ. ރަން ނަގާ ވަޅުގެ މަސައްކަތް ހޯމަ ދުވަހު އަލުން ފަށަން ހަމަޖައްސާފައިވާ ކަމަށް ވެސް ވަނީ ބުނެފަ އެވެ. ވަޅުގައި ތާށިވި އެންމެން ސަލާމަތް ކުރުމާ އެކު އެ މީހުންގެ މެޑިކަލް ޗެކަޕް ވަނީ ހަދައިފަ އެވެ.
ރަން ވަޅުން މީހުން ނެގުމާ އެކު ގިނަ ބަޔަކު ވަނީ އުފާފާޅު ކުރަން ފަށައިފަ އެވެ. ވަޅުގައި މީހުން ތާށިވުމާ އެކު އެތައް ބަޔަކު ވަނީ ހެޔޮ ދުއާއާ އެކު ވަޅު ކައިރިއަށް ޖަމާވެފަ އެވެ. މީހުން ތާށިވި ރަން ވަޅުގެ ފުން މިނަކީ 1،000 މީޓަރު (3،280 ފޫޓް) އެވެ.
ސައުތު އެފްރިކާ އަކީ ދުނިޔޭގައި އެންމެ ގިނައިން ރަން ނަގާ ގައުމެވެ. ނަމަވެސް ރަން ވަޅުތަކުގެ ސަލާމަތީ ފިޔަވަޅުތަކާ މެދު ވަނީ ސުވާލު އުފައްދައިފަ އެވެ. ސައުތު އެފްރިކާގެ މައިންތަކުގައި މިދިޔަ އަހަރު ހިނގި އެކްސިޑެންޓްތަކުގައި ވަނީ 80 އަށް ވުރެ ގިނަ މީހުން މަރުވެފަ އެވެ.