އަދީބުގެ ކުރީގެ ބޮޑީގާޑު އާމިރު ވެސް މިނިވަންކުރަން ކޯޓުގައި އެދެފި
އަދީބުގެ ކުރީގެ ބޮޑީގާޑު އާމިރު ވެސް މިނިވަންކުރަން ކޯޓުގައި އެދެފި

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާ އެކު ޖަލަށްލި އޭނާގެ ކުރީގެ ބޮޑީގާޑު އަހުމަދު އާމިރު މިނިވަންކޮށް ދިނުމަށް އެދި ހެބިއަސް ކޯޕަސްގެ މައްސަލައެއް ކްރިމިނަލް ކޯޓަށް މިރޭ ހުށަހަޅައިފި އެވެ.

ރިޔާސީ ލޯންޗް ފިނިފެންމާ ގޮއްވާލި މައްސަލާގައި އަދީބާ އެކު، 10 އަހަރަށް ޖަލަށްލާފައިވާ އާމިރު މިނިވަންކޮށް ދިނުމަށް އެދި ކްރިމިނަލް ކޯޓަށް ހުށަހެޅީ އޭނާގެ ވަކީލް އަބްދުﷲ ޝާއިރެވެ. ޝާއިރު ކުރެއްވި ޓްވީޓެއްގައިވާ ގޮތުން އާމިރު މިނިވަންކޮށް ދިނުމަށް އެދުނީ އާމިރަކީ ވެސް އަދީބާ އެކު، އެއް ގަޒިއްޔާއެއްގައި ޖަލަށްލާން ހުކުމް ކޮށްފައިވާ މީހަކަށް ވާތީ އެވެ.

އިދިކޮޅު ލީޑަރުންނާ އެކު އަދީބު ވެސް މިނިވަން ކުރަން ސުޕްރީމް ކޯޓުން ރޭ ވަނީ އަމުރުކޮށްފަ އެވެ. އެ އަމުރާ އެކު، އެ ހުރިހާ ބޭފުޅުން މިނިވަންކުރަން އެ ބޭފުޅުންގެ ވަކީލުން ވެސް ވަނީ ކްރިމިނަލް ކޯޓަށް ހެބިއަސް ކޯޕަސްގެ މައްސަލައެއް ހުށަހަޅައިފަ އެވެ.

ސަރުކާރުން ބުނެފައިވަނީ އެ އަމުރާ ގުޅިގެން ފުރިހަމަ ކުރަންޖެހޭ ކަންކަން ފުރިހަމަ ކުރުމަށް ފަހު އެ އަމުރު ތަންފީޒު ކުރާނެ ކަމަށެވެ.