ހުކުމާ ޚިލާފުވެއްޖެ، 9 ބޭފުޅުން ވަނީ ރަހީނުކޮށްފައި: ވަކީލުން
ހުކުމާ ޚިލާފުވެއްޖެ، 9 ބޭފުޅުން ވަނީ ރަހީނުކޮށްފައި: ވަކީލުން

ސިޔާސީ އެކި ކުށްތަކުގައި ޖަލު ހުކުމުގައި ތިބި މީހުންނާއި ހައްޔަރުކޮށްފައި ތިބި މީހުން ދޫކޮށްލަން ސުޕްރީމް ކޯޓުން ރޭ ކުރި އަމުރަށް ސަރުކާރުން ތަބާނުވުމުން، އެ ބޭފުޅުން "ރަހީނުކޮށްފައިވާ" ކަމަށް ބެލުމުގެ ޖާގަ އެބައޮތް ކަމަށް ގާނޫނީ ވަކީލުން މިއަދު ވިދާޅުވެއްޖެ އެވެ.

ހުކުމާ ޚިލާފުވެއްޖެ، 9 ބޭފުޅުން ވަނީ ރަހީނުކޮށްފައި: ވަކީލުން
ހުކުމާ ޚިލާފުވެއްޖެ، 9 ބޭފުޅުން ވަނީ ރަހީނުކޮށްފައި: ވަކީލުން

އެކި ތުހުމަތުކޮށްފައިވާ ސިޔާސީ ނުވަ ބޭފުޅަކު ދޫކޮށްލަން ސުޕްރީމް ކޯޓުގެ އަމުރުގައިވެ އެވެ. އޭގެ ތެރޭގައި ޖަލުގައި މިހާރު ތިއްބެވި ބޭފުޅުންނާއި އަމިއްލަ އަށް އަރުވާލެއްވިގެން ރާއްޖެ އިން ބޭރުގައި ދިރިއުޅުއްވާ ސިޔާސީ ލީޑަރުން ހިމެނިވަޑައިގަންނަވަ އެވެ.

މި ބޭފުޅުން މިނިވަން ނުކޮށްގެން ކަންބޮޑުވުންފާޅުކުރެއްވުމަށް ވަކީލުން ބޭއްވި ނިއުސް ކޮންފަރެންސްގައި ހިސާން ހުސެއިން ވިދާޅުވީ ސުޕްރީމް ކޯޓުގެ ހުކުމުގައި ފާހަގަކޮށްފައިވާ ސިޔާސީ ފަރާތްތަކަށް، ހުކުމް އިއްވާފައި ވަނީ ގާނޫނުއަސާސީ އާއި ގާނޫނުތަކާއި ބައިނަލްއަގުވާމީ ގާނޫނުތަކާ ވެސް ޚިލާފަށް ކަމަށެވެ. ގާނޫނީ ވަކީލުން، އެ ވާހަކަ ތަކުރާރުކުރަމުންދާތާ އެތައް ދުވަހެއް ވެފައިވާ ކަމަށް ހިސާން ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ދައުލަތުގެ އެންމެ މަތީ ކޯޓުން ހުކުމެއް އިއްވުމުން އެ ހުކުމް ތަންފީޒު ނުކޮށް، ސަރުކާރަށް އުޒުރެއް ނުދެއްކޭނެ އެވެ. ކޯޓުން ނެރުނު އަމުރާ އެއްގޮތަށް، ސިޔާސީ ލީޑަރުން ވަގުތުން ދޫކޮށްލަން ޖެހޭ ކަަމަށް އޭނާ ވިދާޅުވި އެވެ.

"ކޯޓުން ވަކި ކަމެއް ވަކި ގޮތަކަށް ކުރުމަށް ވަކި ބަޔަކަށް އަމުރު ކުރުމުން އެއަށް އަމަލު ނުކޮށެއް ނުތިބެވޭނެ. މިކަމުގައި އިތުރު މަރުހަލާއެއް ނޯންނާނެ. ސަރުކާރުން އެ ދައްކަނީ ގާނޫނީ ގޮތުން ގަބޫލުކުރެވޭ ވާހަކަތަކެއް ނޫން،" ހިސާން ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި އޮޅުން ނާރާ ގޮތަށް، ސާފުކޮށް ކޯޓުން ކަމެއް ލާޒިމް ކުރީމުން، ދައުލަތުގެ ދުސްތޫރީ ނިޒާމު ހައިޖެކްކޮށްގެން ހުރުމަކީ ގާނޫނީ ކުށެކެވެ.

ކުރީގެ ޑެޕިއުޓީ ޕްރޮސިކިއުޓަ ޖެނަރަލް ހުސެއިން ޝަމީމް ވިދާޅުވީ ބަންދުން ދޫކޮށްލަން ސުޕްރީމް ކޯޓުން އަމުރުކުރި ނުވަ މީހުންގެ ހެބިއަސް ކޯޕަސް މައްސަލަ ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާ ކަމަށެވެ. މި މައްސަލައިގެ އަޑުއެހުމެއް މިރޭ ކްރިމިނަލް ކޯޓުގައި އޮންނާނެ ކަމަށް ބެލެވޭ ކަމަށް ޝަމީމް ވިދާޅުވި އެވެ.

"ސުޕްރީމް ކޯޓުގެ އަމުރުގައި ބުނާ ނުވަ މީހުން ބަންދުގައި ބައިތިއްބަން ކޯޓު އަމުރެއް ނެތް. އެހެންވެ އެ މީހުން ވަގުތުން ދޫކޮށްލަން ޖެހޭނެ. ދޫކޮށްނުލައި ހޭދަވާ ކޮންމެ ވަގުތަކީ މިކަމުގައި ޝާމިލުވާ މީހުން ކުށްވެރިވާނެ ކަމެއް،" ޝަމީމް ވިދާޅުވި އެވެ.

ހުކުމާ ގުޅޭ ގޮތުން ސުޕްރީމް ކޯޓާ މަޝްވަރާކުރަން ނިންމާފައިވާ ކަމަށް ސަރުކާރުން ބުނެފައިވާތީ އެކަމަށް ފާޑުވިދާޅުވަމުން ޝަމީމް ވިދާޅުވީ އެ ހުކުމާ ގުޅޭ ގޮތުން މަޝްވަރާކޮށްގެން އިތުރަށް ނިންމަން ޖެހޭ ކަމެއް ނެތް ކަމަށެވެ. އެއީ، ވަގުތުން ތަންފީޒުކުރަން ޖެހޭ އަމުރެއް ކަން ޝަމީމް ތަކުރާރުކޮށް ފާހަގަކުރެއްވި އެވެ.

ވަކީލް އިބްރާހިމް ރިފްއަތު ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ 12 މެމްބަރެއްގެ ގޮނޑިއާ މެދު ގާނޫނީ ސުވާލުތަކެއް އުފެދިފައި ވަނިކޮށް، ސުޕްރީމް ކޯޓުން ނެރުނީ މި ވަގުތު ގައުމަށް ވަރަށް މުހިންމު އަމުރެއް ކަމަށެވެ. ސުޕްރީމް ކޯޓުގެ އަމުރާ ގުޅިގެން ސަރުކާރުން މަޝްވަރާކުރަމުން އަންނަ ކަމަށް ބުނާއިރު، މި މައްސަލާގައި ދައުލަތުގެ މުއައްސަސާތަކުން މަޝްވަރާކޮށްފައި ނުވާ ކަމަށް ރިފްއަތު ވިދާޅުވި އެވެ.

"ސުޕްރީމް ކޯޓުގެ އަމުރާ ގުޅިގެން ސަރުކާރުގެ އަމަލުތައް ހުރި ގޮތުން ސަރުކާރުގެ ނިޔަތް ރަނގަޅު ނޫންކަން ވަރަށް ރަނގަޅަށް ހާމަވޭ،" އޭނާ ވިދާޅުވި އެވެ.

ސުޕްރީމް ކޯޓުން ކުރި ހުކުމްގައި ވަނީ، ސިޔާސީ އެކި މައްސަލަތަކުގައި ހައްޔަރުކޮށްފައިވާ މީހުންނާއި ހުކުމް އިއްވާފައިވާ މީހުން ވަގުތުން މިނިވަންކުރަން ދައުލަތުގެ އެންމެހާ މުއައްސަސާތަކަށް އަމުރުކޮށްފަ އެވެ. އެ އަމުރާ ޚިލާފުވާ ކޮންމެ މައްސަލައެއް ބަލައި ފިޔަވަޅު އަޅަން ވެސް ޕްރޮސިކިއުޓާ ޖެނެރަލްގެ މައްޗަށް އަމުރުކޮށްފައިވެ އެވެ.

ކޯޓުގެ އަމުރު ތަންފީޒުނުކޮށްގެން ބައިނަލްއަގުވާމީ ފަރާތްތަކުން ވެސް ދަނީ ސަރުކާރަށް ފާޑުކިޔަމުންނެވެ.