02 ފެބުރުއަރީ 2018 - 19:33

އެކިއެކި ކުށްތަކުގައި ހުކުމް ތަންފީޒު ކުރައްވަމުން ގެންދަވާ ސިޔާސީ އިދިކޮޅު ބޭފުޅުން ދޫކޮށްލުމަށް ސުޕްރީމް ކޯޓުން ރޭ ކުރި އަމުރަށް ތަބާވުމަށް، އދ. އިން މިއަދު ރާއްޖެ އަށް ގޮވާލައިފި އެވެ.
ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމާއި އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ އާއި ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމާއި ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫނާއި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި ކުރީގެ ޕްރޮސިކިއުޓާ ޖެނެރަލް މުހުތާޒު މުހުސިނާއި އދ. މާމިގިލީ ކޯޓުގެ އިސް މެޖިސްްޓްރޭޓް އަހުމަދު ނިހާންގެ އިތުރުން ވިޔަފާރިވެރިޔާ ހާމިދު އިސްމާއިލް (ހާމިދު ސޭޓް) މިނިވަން ކުރަން ސުޕްރީމް ކޯޓުގެ ފަސް ފަނޑިޔާރުން ރޭ ނެރުނު އަމުރުގައި ސަރުކާރަށް ވަނީ އަންގައިފަ އެވެ.
އެ އަމުރާ ގުޅިގެން، އދ. ގެ ހިއުމަން ރައިޓްސް ކޮމިޝަނުން ނެރުނު ބަޔާނުގައި ފާހަގަކޮށްފައިވާ ގޮތުގައި، ނަޝީދު ކުށްވެރިވާ ކަމަށް ކުރިން ކުރި ޙުކުމް ބާޠިލުކުރުމަށާއި ސިޔާސީ ކުށްވެރިން ޖަލުން ދޫކުރުމުގެ އިތުރުން 12 މެމްބަރުންގެ ގޮނޑި ނުގެއްލޭ ކަމަށް ސްޕްރީމް ކޯޓުން ކުރި އަމުރަށް އިޙްތިރާމްކުރުމަށް އދ އިން ސަރުކާރަށް ގޮވާލާފައި ވެ އެވެ.
އިދިކޮޅު ސިޔާސީ ބޭފުޅުން މިނިވަން ކުރުމަށް ރާއްޖޭގެ އެންމެ މަތީ ކޯޓުން އަމުރު ކުރީ އެ ބޭފުޅުންގެ މައްޗަށް ހިންގާފައިވާ ޝަރީއަތްތަކާ ގުޅޭ ގޮތުން އެ ކޯޓަށް ހުށަހަޅާފައިވާ ޝަކުވާތަކަށް ބަލާއިރު، އެއީ އަލުން ގޮތެއް ނިންމަން ޖެހޭ ކަންތައްތަކަށް ވާތީ ކަމަށް އަމުރުގައިވެ އެވެ.
އދ. އިން ބުނީ ރާއްޖޭގެ ހާލަތާ މެދު އެ ޖަމާއަތުން ކަންބޮޑުވުން ފާޅުކުރަމުން އަންނަތާ ގިނަ އަަހަރުތަކެއް ވެފައިވާ ކަމަށެވެ. އެެހެންކަމުން ސުޕްރީމް ކޯޓުގެ ނިންމުމާއެކު، ރާއްޖޭގެ ހާލަތާއި ސަރުކާރާއި ސަލާމަތީ ބާރުތަކުން ކަންތައްތައް ކުރަމުން ދާ ގޮތް ވަރަށް ގާތުން ބަލަމުން އަންނަ ކަމަށް ވެސް ބަޔާނުގައި ބުންޏެވެ.
ސުޕްރީމް ކޯޓުގެ އަމުރު ނެރުމުން އެކަމުގެ އުފަލުގައި ބައިވެރިވާ މީހުންނާ ދެކޮޅަށް ފުލުހުން ބާރުގެ ބޭނުން ކުރަމުން ދާތީ ވެސް އދ. އިން ކަންބޮޑުވުން ފާޅުކޮށްފައި ވެ އެވެ.
ސުޕްރީމް ކޯޓުގެ އަމުރު ވީ އެންމެ އަވަހަކަށް ތަންފީޒު ކުރަން ވެސް ބޭރުގެ ބައެެއް ގައުމުތަކުން އަންނަނީ ގޮވާލަމުންނެވެ. އެގޮތުން، އިނގިރޭސި ވިލާތުން ރާއްޖެ އަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ޖޭމްސް ޑޯރިސް ވިދާޅުވީ ކޯޓުގެ ނިންމުމާއެކު ރާއްޖޭގެ ޝަރުއީ ދާއިރާ މިނިވަން ވާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ. އަދި އެކި ގައުމުތަކުން އުއްމީދު ކުރަނީ، ކޯޓުގެ އަމުރު އެއްވެސް ޝަރުތަކާ ނުލައި ވީހާ ވެސް އަވަހަކަށް ދިވެހި ސަރުކާރުން ތަންފީޒު ކުރުން ކަމަށް ވިދާޅުވި އެވެ.
އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނީ ސިޔާސީ މީހުން ދޫކޮށްލުމަށް ސުޕްރީމް ކޯޓުން ނެރުނު އަމުރު ފެނިފައިވާ ކަމަށާއި ޑިމޮކްރަސީގެ ރޫހާ އެއްގޮތަށް، އަދި ގާނޫނު ނެގެހެއްޓުމަށް ސަރުކާރުގެ ހުރިހާ މުއައްސަސާތަކަކުން ވެސް އެއަށް އަމަލު ކުރުން މުހިއްމު ކަމަށެވެ.
ކޯޓުން އަމުރު ނެރުނުތާ 14 ގަޑިއިރަށް ވުރެ ގިނަ އިރުވެގެން ދިޔައިރު ވެސް، އެ އަމުރު ތަންފީޒު ނުކުރާތީ އިދިކޮޅު ފަރާތްތަކުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.