02 ފެބުރުއަރީ 2018 - 19:42

ސިޔާސީ ގޮތުން ގައުމު ހަލަބޮލި ވެފައި ވިޔަސް ޕީޕީއެމްގެ މެމްބަރުން ތިބީ ވަރަށް އިޚުލާސްތެރިކަމާއެކީ ރައީސް އަބްދުﷲ ޔާމީނާއެކު ކަމަށް އެ ޕާޓީގެ ނައިބު ރައީސް އަދި ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރު މިއަދު ވިދާޅުވެއްޖެ އެވެ.

ސަރުކާރުގެ ބައެއް ވަޒީރުންނާއި މަޖިލީހުގެ ބައެއް މެމްބަރުންނާއެކު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޒަމީރު ވިދާޅުވީ ރައްޔިތުން އެއްގޮތަކަށް ވެސް މާޔޫސް ވާކަށް ނުޖެހޭ ކަމަށެވެ.

"މިހާރު ނެރެފައި އޮތް ހުކުމަކީ ސަރުކާރުގެ ހިންގުމަކަށް ލޮޅުން އަރާނެ ކަމެއް ނޫނޭ،" ބަންދުގައި ތިބި ސިޔާސީ ލީޑަރުންނާއި ބައެއް ސިޔާސީ ބޭފުޅުން މިނިވަން ކުރުމަށް އަންގައި ސުޕްރީމް ކޯޓުން ރޭ ނެރުނު އަމުރަށް އިޝާރާތް ކުރައްވަމުން ޒަމީރު ވިދާޅުވި އެވެ.
"އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން މަސައްކަތް ކޮށްގެން ރައީސް ޔާމީންގެ ތަރައްގީގެ އެޖެންޑާ ހަލުއިކަމާއެކު ކުރިއަށް ގެންގޮސް ރައްޔިތުންނަށް މި ލިބޭ ފަސޭހަތައް، ތައުލީމީ ނިޒާމާއި ސިއްހީ ދާއިރާ އަދި ހުރިހާ ދާއިރާއަކުން ލިބެމުންދާ ހިދުމަތްތައް މެދުކެނޑުމެއް ނެތި ލިބެމުންދާނެ."
ޒަމީރު ވިދާޅުވީ ޕީޕީއެމަކީ އަބަދުވެސް ގާނޫނަށް ކަމޭ ހިތައި އަދި ޖުޑިޝަރީއަށް އިހުތިރާމްކުރާ ބައެއް ކަމަށެވެ.
"އަޅުގަނޑުމެންގެ އެއްވެސް މެމްބަރަކު ރާއްޖޭގެ އަމަން ގެއްލޭ ފަދަ އެއްވެސް ކަމެއް ނުކުރުމަށް އަޅުގަނޑުމެން އިލްތިމާސްކުރަން. އަޅުގަނޑު ގަބޫލް ކުރަން އެފަދަ އެއްވެސް ކަމެއް ނުހިނގާނެ ކަމަށް،" މިނިސްޓަރު ވިދާޅުވި އެވެ.
އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވި ގޮތުގައި ރައީސް ޔާމީނަކީ ގައުމީ ބަތަލެކެވެ. އަދި އެ މަނިކުފާނަކީ މި ގައުމު ހަމަ މަގަށް އަޅުވާނެ ބޭފުޅެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ކުރިމަގުގައި މި ގައުމު އަމާން ބަނދަރަކަށް ގެންގޮސް ދެވޭވަރުގެ ހިކުމަތްތެރި ވެރިއެއް. ތަރައްގީގެ މުޅިން އާ ޒަމާނެއް އަޅުގަނޑުމެންނަށް ފެނިގެން މިދަނީ،" ސައީދު ވިދާޅުވި އެވެ.
އިދިކޮޅު ފަރާތްތަކަށް ފާޑު ވިދާޅުވަމުން، މިނިސްޓަރު ވިދާޅުވީ އިދިކޮޅު ފަރާތްތަކަކީ ސަރުކާރުން ގެންނަ ތަރައްގީ ދެކެ ހަސަދަވެރިވާ ބައެއް ކަމަށެވެ.
"އެ ފަރާތްތަކައް އެބަ އެނގޭ ވޯޓު ފޮއްޓާ ހަމަޔަށް ގޮސްފި ކަމަށްވާ ނަމަ އަނެއްކާ ވެސް ދެވަނަ ދައުރަކަށް ހޮވާނީ ރައީސް ޔާމީން ކަން. އެހެންވީމަ އަޅުގަނޑުގެ އިހުލާސްތެރި އެދުމަކީ ރައްޔިތުން ވަރަށް ސާބިތުކަމާއެކު ތިއްބަވަށޭ ރައީސް ޔާމީނާއެކު،" ސައީދު ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ ގައުމުގެ މިނިވަންކަމާއި ހަމަޖެހުމަށް ކުރައްވަން ޖެހިވަޑައިގެންނެވި ކޮންމެ ކަމެއް ރައީސް ޔާމީން ކުރައްވާނެ ކަމަށެވެ.
ފިޝަރީޒް މިނިސްޓަރު މުހައްމަދު ޝައިނީ ވިދާޅުވީ މިއީ މި ސަރުކާރަށް އަލަށް ދިމާވި ކަމެއް ނޫން ކަމަށެވެ. އަދި މީގެ ކުރިން ދިމާވި މިފަދަ އެތައް ކަމެއް ރައީސް ޔާމީން ވަނީ ވަރަށް ޚިކުމަތްތެރިކަމާއެކު، ދިވެހި ރައްޔިތުންގެ ހައްގުގައި ގައުމުގެ ކުރިއެރުމަށް މަސައްކަތް ކުރައްވާފައި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"މިހާރު އަޅުގަނޑުމެންނަށް ދިމާވެގެން މިއުޅޭ ކަމަކީ ރައީސް ޔާމީނަށް އާ ކަމެެއް ނޫން. އެ ބޭފުޅާ މިހާރު ވެސް މަސައްކަތް ކުރަމުން ގެންދަވަނީ ގާނޫނުގެ ތެރެއިން ހައްލު ހޯދައި ކުރިމަގަށް އަޅުގަނޑުމެންނަށް މިހާރު އެޅިފައި ހުރި ބިންގާތައް އެއްވެސް ވަރަކަށް ފުނޑިގެން ނުދާނެ ގޮތަކަށް މަސައްކަތް ކުރަމުން،" ޝައިނީ ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ ގާނޫނުގެ ކުރިމަތީގައި އެންމެން ހަމަހަމަވާނެ ކަމަށެވެ. އެހެން ކަމުން މިވަގުތު ފޯރީގައި ގާނޫނާ ހިލާފު ކަމެއް ކޮށްފި ނަމަ ގާނޫނު ފަހުން އަރާ ހަމަކުރާނެ ކަމުގެ އިންޒާރު ވެސް ޝައިނީ ދެއްވި އެވެ.
"އަޅުގަނޑުމެންގެ ޕާޓީގެ އެމްޕީސް [މެމްބަރުން] އާއި އެމްޑީއޭއާއެކު މެޖޯރިޓީ އަދިވެސް އޮތީ އަޅުގަނޑުމެންގެ އަތުގައި،" ޝައިނީ ވިދާޅުވި އެވެ.